މިދިޔަ މަހު ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ޒަހަމްވެ ފަރުވާދެމުން ދިޔަ ދެބަފައިންގެ ތެރެއިން ބައްޕަ ނިޔާވެއްޖެ އެވެ.
އޮގަސްޓް މަހުގެ 31 ވަނަ ދުވަހު ހީނާމާ ހިނގުމާއި ދުނބުރިގަސް މަގު ގުޅުނު ހަތަރު އަނގޮޅީގައި ކާރަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓަގައި އަނިޔާވެފައި ވަނީ ބައްޕައަށާއި ދަރިފުޅަށެވެ.
އެއީ އުމުރުން 62 އަހަރުގެ މުހައްމަދު އަފީފު/ޅ. ކުރެންދޫއެވެ. އެ އެކްސިޑެންޓުގައި ސީރިއަސް އަނިޔާތަކެއް ލިބި ޓްރީ ޓޮޕް ހޮސްޕިޓަލުގެ އައިސީޔޫގެ ވެންޓިލޭޓަރުގައި އަފީފަށް ފަރުވާ ދެމުންދިޔައިރު އޭނާ ނިޔާވީ ރޭގެ ވަގުތެއްގައެވެ. މި ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ދެން އެކްސިޑެންޓްގައި އަނިޔާވީ އޭނާގެ 24 އަހަރުގެ ދަރިފުޅަށެވެ. އަދި އެއީ ހާއްސަ އެހީއަށް ބޭނުންވާ ކުއްޖަކަށް ވާއިރު އެކްސިޑެންޓްގެ ސަބަބުން އޭނާއަށްވެސް ވަނީ އެކިވަރުގެ އަނިޔާ ލިބިފައެވެ.
އަފީފަކީ އެކި ސްކޫލްތަކުގައި، ގިނަ ދުވަސްތަކެއް ވަންދެން ކިޔަވައިދެއްވި ދިވެހި މުދަރިސެކެވެ. އެގޮތުން އޭނާ ވަނީ އަހުމަދިއްޔާ ސުކޫލާއި އަމީނިއްޔާ ސުކޫލާއި ޖަމާލުއްދީން ސުކޫލާއި ޅ. އަތޮޅު މަދަރުސާ އާއި ފަރީދިއްޔާ ސުކޫލުގެ އިތުރުން ޣާޒީ ސުކޫލުގައި ވެސް ކިޔަވާ ދެއްވާފައެވެ.
އަފީފުގެ ކަށުނަމާދު އޮންނާނީ މިއަދު މެންދުރު ނަމާދަށްފަހު ހުޅުމާލެ ސަހަރާ މިސްކިތުގަ އެވެ.
ދާދިފަހުން އެކްސިޑެންޓްތައް އިތުރުވެފައިވާއިރު ހުޅުމާލޭ ވިނަރެސް ފްލެޓްތައް ކައިރީ ހިނގި އެކްސިޑެންޓެއްގައި ޒަހަމްވި 9 އަހަރުގެ ކުއްޖަކުވެސް ވަނީ ނިޔާވެފައެވެ.
