ސައުދީ އަރަބިއްޔާގެ ހުޅަނގުގައިވާ މުހިންމު ސިޓީތައް ކަމަށްވާ މައްކާ، ޖިއްދާ އަދި ތާއިފަށް "ނުރައްކަލެއް ކުރިމަތިވެދާނެ" ކަމަށް ބުނެ، އެ ސަރަހައްދުތަކުގައި ދިރިއުޅޭ ރައްޔިތުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ސައުދީ ސިވިލް ޑިފެންސުން އިންޒާރު ނެރެފިއެވެ.
ސައޫދީ ސިވިލް ޑިފެންސުން މި އިންޒާރުތައް ނެރެފައިވަނީ ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި ބޭނުންކުރާ ނޭޝަނަލް އާލީ ވޯނިންގް ޕްލެޓްފޯމް މެދުވެރިކޮށެވެ. ނަމަވެސް، ކުރިމަތިވެދާނެ ކަމަށް ބެލެވޭ ނުރައްކަލުގެ ތަފްސީލެއް ކަމާބެހޭ އިދާރާތަކުން އަދި ހާމަކޮށްފައެއް ނުވެއެވެ.
ސިވިލް ޑިފެންސުން ނެރުނު އިރުޝާދުގައި ވަނީ، މި ވަގުތު އާންމުން ހަމަޖެހިގެން ތިބުމަށާއި، ވީ އެންމެ އަވަހަކަށް ކައިރީގައިވާ ރައްކާތެރި ތަނަކަށް ވަނުމަށް އަންގައިފައެވެ. އެގޮތުން، އިމާރާތެއްގެ އެތެރެއަށް ނުވަތަ ކުޑަދޮރުތަކާ ދުރުގައިވާ އެތެރޭގެ ކޮޓަރިއަކަށް ވަދެ، ނުރައްކާ ފިލައިގެން ދަންދެން މަޑުކުރުމަށް ވަނީ އިރުޝާދު ދީފައެވެ. މީގެއިތުރުން، ހާމައަށް ހުންނަ ސަރަހައްދުތަކާއި، ކުޑަދޮރުތަކާއި، ބެލްކަނިތަކުގެ އިތުރުން ފުރާޅުތަކާ ދުރުގައި ތިބުމަށާއި، ބޭރުގައި އުޅޭ މީހުން އެންމެ ކައިރީގައިވާ އިމާރާތަކަށް ވަނުމަށް ނުވަތަ ވަރުގަދަ ހިޔާވަހިކަމެއް ލިބޭ ތަނަކުން ރައްކާތެރިކަން ހޯދުމަށް ވެސް ވަނީ އަންގައިފައެވެ.
މި އިންޒާރު ލިބޭ ވަގުތު ދުއްވާ އެއްޗެއްސާއި ވެހިކަލްތަކުގައި ތިބޭ މީހުން، ފާލަންތަކާއި އުސް އިމާރާތްތަކާ ދުރު ސަރަހައްދެއްގައި އުޅަނދުތައް މަޑުކުރުމަށް ވަނީ އަންގައިފައެވެ. އަދި އާންމުން އެއްވެ އުޅުމާއި ނުރައްކާތެރި ސަރަހައްދުތަކަށް ދިއުމުން ދުރުހެލިވެ، ރަސްމީ ވަސީލަތްތައް މެދުވެރިކޮށް ދޭ އިރުޝާދުތަކަށް ފުރިހަމައަށް ތަބާވުމަށް ސިވިލް ޑިފެންސުން ވަނީ އިލްތިމާސްކޮށްފައެވެ.
މި އިންޒާރުތައް ނެރެފައި މިވަނީ ސައޫދީ އަރަބިއްޔާ އާއި ޔަމަނުގެ ހޫތީ ހަނގުރާމަވެރިންނާ ދެމެދު ކުރިމަތިލުންތައް ވަރުގަދަވެފައިވާ ދަނޑިވަޅެއްގައެވެ. ފާއިތުވި ދުވަސްތަކުގައި ހޫތީން ވަނީ ސައޫދީގެ އެކި ސިޓީތަކަށާއި އުމްރާނީ ވަސީލަތްތަކަށް އަމާޒުކޮށް މިސައިލާއި ޑްރޯން ހަމަލާތައް ފޮނުވާލައިފައެވެ. އަދި ސައޫދީ ސިފައިން ވެސް ވަނީ މީގެ ރައްދުގައި ޔަމަންގައި ހުރި ހޫތީންގެ މަރުކަޒުތަކަށް ވަރުގަދަ ހަމަލާތަކެއް ދީފައެވެ.
މި އިންޒާރުތަކަށް ފަހު، ސައޫދީ ސިވިލް ޑިފެންސުން ދާދި ދެންމެއަކު ވަނީ މައްކާ ސިޓީއަށް ކުރިމަތިވި ނުރައްކާ މިހާރު ފިލައިގެން ގޮސްފައިވާ ކަމަށް ބުނެ އާ އެލާޓެއް ނެރެފައެވެ.
އެ އިދާރާއިން ބުނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ސިވިލް ޑިފެންސްގެ އިރުޝާދުތަކަށް އަދިވެސް ތަބާވުމަށާއި، އެއްވެ އުޅުމާއި ވީޑިއޯ/ފޮޓޯ ނެގުމުން ދުރުހެލިވުމަށް އިލްތިމާސްކުރާ ކަމަށެވެ. އަދި އެއްވެސް ކުއްލި ހާލަތެއް މެދުވެރިވެއްޖެނަމަ 911 އަށް ގުޅައިގެން އެހީތެރިކަން ހޯދުމަށް ވެސް ވަނީ އެދިފައެވެ.
