ދިވެހިރާއްޖޭގެ އިޖުތިމާއީ އަދި އިގްތިސާދީ ތަރައްގީގައި ސައުދީ އަރަބިއްޔާއަކީ އެންމެ މުހިންމު އެއް ބައިވެރިޔާގެ ގޮތުގައި ފާހަގަކުރައްވައި، ސަޢުދީގެ 96 ވަނަ ގައުމީ ދުވާހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަހުނިޔާ ފޮނުއްވައިފިއެވެ.
ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މާތްވެގެންވާ ދެ ހަރަމްފުޅުގެ ހާދިމް، ސައުދީގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އަލް ސައުދަށާއި، ވަލީއަހުދު އަދި ބޮޑުވަޒީރު މުހައްމަދު ބިން ސަލްމާން ބިން އަބްދުލްއަޒީޒް އަލް ސައުދުގެ އިތުރުން ސައުދީގެ ޝާހީ އާއިލާއަށާއި އެގައުމުގެ ރައްޔިތުންނަށް ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުއްވާފައެވެ.
ރައީސްވިދާޅުވީ، ރާއްޖެއާއި ސައުދީ އާއި ދެމެދު އޮތީ އެތައް ސަތޭކަ އަހަރެއްވީ ބަދަހި ގުޅުމެއް ކަމަށާއި، މި ގުޅުން ބިނާވެފައިވަނީ ދެގައުމުގެ އިސްލާމީ ވަހުދަތާއި އެކުވެރިކަމުގެ މައްޗަށް ކަމަށެވެ. އަދި ސައޫދީއިން ރާއްޖޭގެ އިޖުތިމާއީ އަދި އިގްތިސާދީ ކުރިއެރުމަށް ދެމުންދާ އެހީތެރިކަން ފާހަގަކުރައްވައި، އެކަމަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ.
މީގެ އިތުރުން، ކުރިއަށް އޮތް އަހަރުތަކުގައި ދެގައުމުގެ ގުޅުން އިތުރު ހަރުފަތަކަށް ގެންދެވޭނެކަމުގެ ޔަގީންކަން އެރުއްވުމާއެކު، ރައީސް ވަނީ ސައުދީއަށް އަމާންކަމާއި، ފާގަތިކަމާއި، އިތުރު ކާމިޔާބީއަށް އެދިވަޑައިގެންފައެވެ.
