ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު އިއްވި ހުކުރު ހުތުބާގައި، އިސްލާމީ މުޖުތަމައެއްގެ ބަދަހިކަން ދެމެހެއްޓުމަށްޓަކައި ރަހިމުގެ ގުޅުން ވަރުގަދަ ކުރުމަށާއި، ދަރިންނަށް ރަނގަޅު ތަރުބިޔަތެއް ދިނުމަށް މުޅި މުޖުތަމައަށް ނަސޭހަތްތެރިވެ ގޮވާލައިފިއެވެ.
މިއަދުގެ ހުތުބާ ހާއްސަކޮށްފައި ވަނީ "ރަހިމުގެ ގުޅުން" މި މައޫލޫއަށެވެ. ހުތުބާ ފަށްޓަވަމުން ކީރިތި ގުރުއާނުގެ އާޔަތެއްގެ މާނަ ގެންނަވަމުން ބަޔާންކުރެއްވީ: "އޭ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއަށް ތިޔަބައިމީހުން ބިރުވެތިވާށެވެ! އެކަލާނގެއީ، އެންމެ ނަފުސަކުން ތިޔަބައިމީހުން ހެއްދެވި ރަސްކަލާނގެއެވެ. އަދި، އެ ނަފުސުގެ ކިބައިން އޭގެ އަނެއް ޖިންސު ހެއްދެވިއެވެ. އަދި، އެ ދެކަނބަލުންގެ ކިބައިން، ގިނަ ފިރިހެނުންނާއި، އަންހެނުން ފެތުރުއްވިއެވެ. އަދި ތިޔަބައިމީހުން އެކަލާނގެ މެދުވެރިކޮށް އެކަކު އަނެކަކާ ކަންކަމަށް އެދި އުޅޭ، ﷲ އަށް ތިޔަބައިމީހުން ބިރުވެތިވާށެވެ! އަދި، ތިމާގެކަމުގެ ގުޅުންތަކަށް ތިޔަބައިމީހުން ރައްކާތެރިވާށެވެ! ހަމަކަށަވަރުން، ﷲ އީ، ތިޔަބައިމީހުންގެ ކަންތައްތައް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ."
ހުތުބާގައި ފާހަގަކުރެއްވި ގޮތުގައި، ކޮންމެ އިންސާނީ މުޖުތަމައެއް އުފެދިގެން އަންނަނީ އާއިލާތަކެއްގެ މައްޗަށެވެ. އެހެންކަމުން މުޖުތަމައު ބާރުވެރިވާނީ އާއިލާތައް ހަރުދަނާވެގެން ކަމަށާއި، މުޖުތަމައެއް ރޫޅި ވިއްސިވިހާލިވެގެންދާނީ އާއިލީ ގުޅުންތައް ކެނޑިގެންދާ ހިނދެއްގައި ކަމަށް ހުތުބާގައި ވިދާޅުވިއެވެ. އަދި މިޒަމާނުގައި ފެންނަމުންދާ ގިނަ އިޖުތިމާއީ މައްސަލަތަކުގެ އަސްލަކީ އާއިލީ ގުޅުންތައް ބަލިކަށިވުން ކަމުގައި ފާހަގަކުރައްވައި، މުޖުތަމައު އިސްލާހުކުރުމަށްޓަކައި އާއިލީ ގުޅުންތައް ވަރުގަދަކޮށް، ދަރިންނަށް ހެޔޮ ތަރުބިޔަތު ދިނުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ވަނީ އިލްތިމާސްކުރައްވާފައެވެ.
ކުދިންގެ ތަރުބިޔަތާ ގުޅޭގޮތުން ހުތުބާގައި ބަޔާންކުރެއްވީ، ކޮންމެ ކުއްޖަކުވެސް ދުނިޔެއަށް އުފަންވަނީ އިސްލާމްދީނުގެ ތަބީއީ ފިތުރަތުގެ މަތީގައި ކަމަށެވެ. ނަމަވެސް އެކުއްޖާގެ ވިސްނުމާއި އަމަލުތައް ބައްޓަންވަނީ އެކުއްޖާއަށް ލިބޭ ތަރުބިޔަތާއި ބޮޑުވާ މާހައުލެއްގެ ސަބަބުންނެވެ. މިކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ކީރިތި ރަސޫލާ ﷺ ހަދީޘްކުރައްވާފައިވާ ބަސްފުޅެއް ގެންނެވިއެވެ. މާނައީ: "ކޮންމެ ކުއްޖަކުވެސް އުފަންވަނީ ފިތުރަތުގެ ސާފުކަންމަތީގައެވެ. ފަހެ، އެކުއްޖާ ޔަހޫދީއަކަށް، ނުވަތަ ނަސާރާއަކަށް، ނުވަތަ މަޖޫސީއަކަށް ހަދަނީ އެކުއްޖާގެ މައިންބަފައިންނެވެ."
އެހެންކަމުން މައިންބަފައިންނާއި ބެލެނިވެރިން ކުދިން ބޮޑެތިކުރުމުގައި ދީނީ ތައުލީމު ދިނުމުގެ އިތުރުން، ގާތްތިމާގެ މީހުންނަކީ ކޮބައިކަން ބުނެދީ، އެމީހުންނަށް އިހްތިރާމްކުރުމަށާއި ރަހިމުގެ ގުޅުން ދެމެހެއްޓުމަށް އަހުލުވެރިކުރުވަން ޖެހޭނެކަން ހުތުބާގައި ހަނދާންކޮށްދެއްވިއެވެ.
މީގެއިތުރުން، އިސްލާމްދީނުގައި ރަހިމުގެ ގުޅުމަށް ދެއްވާފައިވާ މަތިވެރި އަހައްމިއްޔަތުކަން ބަޔާންކުރައްވަމުން، ގުދުސިއްޔަ ހަދީޘެއް ހުތުބާގައި ވިދާޅުވިއެވެ. މާތް ﷲ ވަހީކުރައްވާފައިވެއެވެ: "ތިމަންރަސްކަލާނގެއީ ރަހްމާންވަންތަ ރަސްކަލާނގެއެވެ. އަދި ރަހިމަކީ ތިމަންރަސްކަލާނގެ އިސްމުފުޅުން ނަންދެއްވާފައިވާ ގުޅުމެކެވެ. ފަހެ، އެ ގުޅުން ދެމެހެއްޓި މީހަކާ ތިމަންރަސްކަލާނގެ ގުޅުން ބަދަހިކުރައްވާހުށީމެވެ. އަދި އެ ގުޅުން ކަނޑައިފި މީހަކާ ތިމަންރަސްކަލާނގެ ގުޅުން ކަނޑުއްވާހުށީމެވެ." އަދި މާތް ﷲ މަހްލޫގާތްތައް ހައްދަވައި ނިންމެވި ހިނދު، ރަހިމާ ގުޅުން ބަދަހިކުރި މީހަކާ މާތް ﷲ ގުޅުން ބަދަހިކުރެއްވުމަށާއި، ގުޅުން ކަނޑައިލި މީހަކާ ގުޅުން ކަނޑުއްވައިލެއްވުމަށް ރަހިމަށް ވައުދުވެވޮޑިގެންފައިވާ ހަދީޘްވެސް ފާހަގަކުރެއްވިއެވެ.
ރަހިމުގެ ގުޅުން ދެމެހެއްޓުމަކީ ދުނިޔެމަތީގައި ރިޒުގު ތަނަވަސްވެ އުމުރުގައި ބަރަކާތް ލައްވާނޭ ކަމެއްކަން ބަޔާންކުރައްވަމުން ކީރިތި ރަސޫލާ ﷺ ގެ ހަދީޘްފުޅެއް ގެންނެވިއެވެ. މާނައީ: "އޭނާގެ ރިޒުގު ތަނަވަސްވުމަށާއި، އޭނާގެ އުމުރު ދިގުވުމަށް (ނުވަތަ އުމުރުގައި ބަރަކާތް ލެއްވުމަށް) އެދޭ މީހާ، ފަހެ އޭނާގެ ރަހިމުގެ ގުޅުން ދަމަހައްޓާހުށިކަމެވެ!"
ހުތުބާ ނިންމަވާލައްވަމުން ވިދާޅުވީ، ހަގީގީ ގޮތެއްގައި ގުޅުން ދަމަހައްޓާ މީހަކީ ހަމައެކަނި ތިމާއަށް ހެޔޮކޮށް ހިތާ މީހުންނަށް ރައްދުގައި ހެޔޮކޮށް ހިތާ މީހާ ނޫން ކަމަށެވެ. ކީރިތި ރަސޫލާ ﷺ ހަދީޘްކުރައްވާފައިވާ ފަދައިން، ހަގީގީ ގުޅުން ދަމަހައްޓާ މީހަކީ، އޭނާއާ މެދު އޮތް ގުޅުން އެހެން މީހުން ކަނޑައިލި ކަމުގައި ވިޔަސް، އިސްނަގައިގެން އެ ގުޅުން ދަމަހައްޓާ މީހާއެވެ.
