ދުނިޔޭގެ އޯބިޓުގައި ޖައްވީ ހަތިޔާރެއް ބަހައްޓާފައިވާކަން އެމެރިކާއިން ފުރަތަމަ ފަހަރަށް ހާމަކޮށްފިއެވެ. މިއީ ޖައްވުގައި ހަމަލާދިނުމުގެ ގާބިލުކަން އެ ގައުމުގައި ހުރިކަން އެމެރިކާއިން ކަށަވަރުކޮށްދިން ފުރަތަމަ ފަހަރެވެ.
އެމެރިކާގެ ސެކްރެޓަރީ އޮފް ދަ އެއާ ފޯސް ޓްރޯއީ މެއިންކް ވިދާޅުވި ގޮތުގައި، އޯބިޓުގައި ބަހައްޓާފައިވާ މި ހަތިޔާރަކީ ދުޝްމަނުންގެ ހަމަލާތަކުން އެމެރިކާގެ ސިފައިން ރައްކާތެރިކުރުމަށް ބޭނުންތެރި އެއްޗެކެވެ. ހޯމަ ދުވަހު ބޭއްވި އެއާ، ސްޕޭސް އެންޑް ސައިބާ ކޮންފަރެންސްގައި ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ، ކުރިމަތިވަމުންދާ ނުރައްކާތަކަށް އެމެރިކާ އޮތީ ތައްޔާރަށް ކަމަށެވެ. ނަމަވެސް މި ހަތިޔާރުގެ ގާބިލުކަމާ ގުޅޭގޮތުންނާއި، އެ އޯބިޓަށް ފޮނުވި ވަގުތެއް އޭނާ ހާމަކުރައްވާފައެއް ނުވެއެވެ.
މީގެ ކުރިން އެމެރިކާގެ އަސްކަރީ އިސް އޮފިޝަލުން ވަނީ ޖައްވުގައި އެ ގައުމުގެ އަސްކަރީ ގާބިލުކަން އިތުރުކުރަން ރާވާފައިވާކަން ހާމަކޮށްފައެވެ. އޮފިޝަލުން މިކަން ގުޅުވާލާފައިވަނީ، މުސްތަގުބަލުގައި ހިނގާފާނެ ހަމަނުޖެހުމެއްގައި އެމެރިކާގެ ސެޓެލައިޓުތަކަށް ހަމަލާދީ، އެއަށް ބުރޫއަރުވާލުމަށް ރަޝިޔާއާއި ޗައިނާއިން ތަރައްގީކުރަމުންދާ ޕްރޮގްރާމްތަކާއެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބުނެފައިވާ ގޮތުގައި، މިސައިލްތަކާއި ވައިގެ މަގުން އަތުވެދާނެ އެހެނިހެން ނުރައްކާތަކުން އެމެރިކާ ދިފާއުކުރުމަށް ރާވާފައިވާ "ގޯލްޑަން ޑޯމް" ޑިފެންސް ސިސްޓަމްގެ މުހިންމު ބަޔަކީ ޖައްވުގައި ގާއިމުކުރާ ނިޒާމުތަކާއި އިންޓަސެޕްޓާ މިސައިލްތަކެވެ. އަދި ހަމައެކަނި މުދާ ދިފާއުކުރުމުގެ ބަދަލުގައި، ހަމަލާދޭ ބާރެއްގެ ގޮތުގައި އެމެރިކާގެ ސްޕޭސް ފޯސް ހަރަކާތްތެރިވުމަށް އަންގައި، މިދިޔަ އަހަރު ޓްރަމްޕް ވަނީ ރިޔާސީ ގަރާރެއް ނެރުއްވާފައެވެ.
މުވާސަލާތީ ކަންކަމަށާއި ފާރަވެރިވުމަށް ބޭނުންކުރާ އެތައް ސަތޭކަ ސެޓެލައިޓެއް ހިމެނޭ ގޮތަށް، ޖައްވުގައިވާ އެމެރިކާގެ ވަސީލަތްތައް ހިމާޔަތްކުރުމަށް 2019 ވަނަ އަހަރު އުފެއްދި ސްޕޭސް ފޯސްއަކީ ފާއިތުވި 70 އަހަރުގެ ތެރޭގައި އެމެރިކާގެ އަސްކަރިއްޔާއަށް އިތުރުކުރި އެންމެ އާ ގޮތްޕެވެ. އެ ފޯސްގެ ތަރުޖަމާނަކު ބުނި ގޮތުގައި، ޖައްވީ ސަރަހައްދު ކޮންޓްރޯލްކުރުމުގެ ތެރޭގައި ދުޝްމަނުންގެ ގާބިލުކަން ނެތިކޮށްލުމާއި، ހަލާކުކޮށްލުން ފަދަ ކަންކަން ހިމެނެއެވެ. އަދި ކޮމާންޑަރުންގެ އެންގުމުގެ މަތިން ދިފާއީ އަދި އުދުވާނީ ބޭނުންތަކަށް މި ގާބިލުކަން ބޭނުންކުރެވިދާނެ ކަމަށް އޭނާ ފާހަގަކުރިއެވެ.
މީލާދީން 1967 ވަނަ އަހަރު އެކުލަވާލި މުއާހަދާއެއްގެ ދަށުން އޯބިޓުގައި ފަނާކުރަނިވި ހަތިޔާރު ބެހެއްޓުން ވަނީ މަނާކޮށްފައެވެ. ނަމަވެސް އެމެރިކާ، ރަޝިޔާ އަދި ޗައިނާ ފަދަ ބޮޑެތި ބާރުތަކުން ދަނީ މުވާސަލާތީ އަދި އަސްކަރީ ކަންކަމަށް މުހިންމު ސެޓެލައިޓުތަކަށް ހަމަލާދިނުން ފަދަ އެހެނިހެން ގާބިލުކަން ހޯދަމުންނެވެ.
ރަޝިޔާއިން 2022 ވަނަ އަހަރު ޔޫކްރެއިންއަށް އެރި ފަހުން، ޔޫރަޕުގެ މަދުވެގެން 12 ސެޓެލައިޓެއްގެ މުވާސަލާތީ މައުލޫމާތު ރަޝިޔާގެ ދެ ސެޓެލައިޓަކުން ހޯދާފައިވާކަން މި އަހަރުގެ ފެބްރުއަރީ މަހު ވަނީ ހާމަވެފައެވެ. މިކަމުގެ ސަބަބުން ރަޝިޔާގެ ޖާސޫސީ އިދާރާތަކަށް ސިއްރު މައުލޫމާތުތައް ލިބުމާއި، ސެޓެލައިޓުތަކުގެ ކޮންޓްރޯލް ނެގުމުގެ ފުރުސަތު އޮތް ކަމަށް ބެލެވެއެވެ. މީގެ އިތުރުން، އެހެން ސެޓެލައިޓުތަކަށް ހަމަލާދިނުމުގެ ގާބިލުކަން ހުރި ކަމަށް ބެލެވޭ ސެޓެލައިޓެއް 2024 ވަނަ އަހަރު ރަޝިޔާއިން އޯބިޓަށް ފޮނުވާފައިވާ ކަމަށް އެމެރިކާއިން ބުނެފައިވެއެވެ. މިކަމާ ގުޅޭގޮތުން ރަޝިޔާއިން ރަސްމީކޮށް އެއްޗެއް ބުނެފައެއް ނުވެއެވެ.
އެމެރިކާގެ ސްޕޭސް ފޯސްއިން ބުނާ ގޮތުގައި ޗައިނާއިން ދަނީ އެ ގައުމުގެ އަސްކަރިއްޔާ ޒަމާނީކުރުމުގެ ސްޓްރެޓެޖީގެ ދަށުން ޖައްވީ ގާބިލުކަން ތަރައްގީކުރަމުންނެވެ. އަދި ރަޝިޔާއިން ދެކޭ ގޮތުގައި ޖައްވަކީ ހަނގުރާމައިގެ މައިދާނެއް ކަމަށާއި، މުސްތަގުބަލުގެ ހަމަނުޖެހުންތަކުގައި ޖައްވުގެ ކޮންޓްރޯލް އޮތުން މުހިންމު ދައުރެއް އަދާކުރާނެ ކަމަށް އެ ގައުމުން ގަބޫލުކުރާ ކަމަށް ސްޕޭސް ފޯސްއިން ފާހަގަކޮށްފައިވެއެވެ.
