ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.

އެންޑީއެމްއޭ އިން ބުނި ގޮތުގައި، މިހާތަނަށް ސ. ފޭދޫގައި ފެންބޮޑުވެ، އެ ރަށުގެ 9 ގެއަކަށް ފެންވަދެ އެކިވަރުގެ ގެއްލުންތައް ލިބިފައި ވެއެވެ. ހަމަ އެހެންމެ މި ވިއްސާރައާއި ގުޅިގެން ކައްކައި ކައިބޮއި ހެދުމަށް ދަތިވެފައިވާ 3 ގެއަކަށް ތިން ދުވަހުގެ މުއްދަތަށް ކެއިންބުއިމުގެ އިންތިޒާމު އެންޑީއެމްއިން ހަމަޖައްސާދީފައިވާ ކަމަށް ވެއެވެ

އަދި ދިރިނޫޅެވޭ ވަރަށް ފެންބޮޑުވި ގެއެއްގައި ދިރިއުޅޭ އާއިލާއަކަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ ހިދުމަތް ވެސް ތިން ދުވަހުގެ މުއްދަތަށް ފޯރުކޮށްދީފައިވާ ކަމަށް އެ އޮތޯރިޓީން ބުންޏެވެ.

މީގެއިތުރުން، ޏ. ފުވައްމުލަކަށް މެދުކެނޑުމެއްނެތި ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ބައެއް ގޭގޭގެ ފާހާނާ ހޮޅިތައް ބެދިގެން ރިޕޯޓުކޮށްފައިވާ ކަމަށްވެސް އެންޑީއެމްއޭ އިން ބުނެފައި ވެއެވެ.

މިކަމާ ގުޅިގެން ހާލުގައި ޖެހިފައިވާ އާއިލާތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށާއި، ފެން ހިންދުމުގެ މަސައްކަތް އެ ރަށު ފެނަކަ އޮފީހާއި، ސިޓީ ކައުންސިލް އަދި ކަމާބެހޭ މުއައްސަސާތައް ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް ވެއެވެ.

ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ލިބުނު ބައެއް ގެއްލުންތައް

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އިއްޔެ އައްޑޫ ސިޓީ ފޭދޫގެ 70 އަށް ވުރެ ގިނަ ގެއަކަށް ފެންވަދެ، އެކިވަރުގެ ގެއްލުންތައް ލިބިގެންވެސް ރިޕޯޓުކޮށްފައި ވެއެވެ. އެގޮތުން 01 ގެއެއްގައި ފެންބޮޑުވެ ޒަރޫރީ ބޭނުންތަކަށް ހުރަސް އެޅި ދިރިނޫޅެވޭވަރަށް ހާލަތު ގޯސްވެގެން، އެ ގޭގައި ދިރިއުޅޭ 8 މީހަކު ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާއިރު ސ. މަރަދޫގެ 2 ގެއަކަށް ފެންވަދެގެން ރިޕޯޓްކޮށްފައިވާއިރު އައްޑޫ ސިޓީގެ ރަށްތަކުގެ އިތުރުން ފުވައްމުލައް ސިޓީއަށްވެސް ބޯކޮށް ވާރޭވެހި ރަށުގެ ބޮޑު ސަރަހައްދެއްގައި ފެންބޮޑުވެފައިވާކަމަށް އެ އޮތޯރިޓީން ވަނީ ބުނެފައެވެ.

ކުރިއަށް އޮތް 24 ގަޑިއިރުވެސް މޫސުން ގޯސްވާނެކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައިވާތީ، ދަތުރުފަތުރު ކުރުމުގައާއި ފެންބޮޑުވުމުގެ ސަބަބުން ލިބިދާނެ ގެއްލުންތަކުން ރައްކާތެރިވުމަށް ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ކަމާއި ބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.