ގަދަ ވައިގެ ސަބަބުން އެއްލާލަފާނެފަދަ ތަކެތި ރައްކާތެރިކުރުމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އިލްތިމާސްކޮށްފިއެވެ.
އެ އިދާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވެ، އަރަބި ކަނޑާއި ބޭ އޮފް ބެންގްލާގައި އުފެދިފައިވާ ކޮޅިގަނޑުތަކުގެ ސަބަބުން ރާއްޖޭގެ ހުޅަނގުން އުފެދެމުންދާ ބޯވިއްސާރަ ވިލާތައް އަތޮޅުތަކުގެ މައްޗަށް އަރަމުންދާކަމަށާއި މިކަމުގެ ސަބަބުން ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އެކި ރަށްތަކަށް ބޯކޮށް ވާރެ ވެހޭނެކަމަށެވެ.
އެންޑީއެމްއޭއިން ބުނީ ވާރޭވެހި ބޯކޮށް ވައިގަދަވުމުގެ ސަބަބުން ގޯތިގެދޮރާއި މުދަލަށް ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް ގެއަށް ފެން ނުވަންނާނެހެން ކުރިއާލާ ގޭގެ ކުރިމަތީ ވެލި ބަސްތާފަދަ ތަކެތި ޖެހުމަކީ މުހިންމުކަމެއް ކަމަށެވެ.
އަދި ފެންބޮޑުވެ ގެއްލުން ލިބޭ ހިސާބުގައި ހުންނަ ކާބޯތަކެތި އަދި ހިފާގެންގުޅޭ ދޮންނަމެޝިން، އައިސްއަލަމާރި ފަދަ ތަކެތި ފެން ނުޖެހޭނެ ފަދަ އުސްތަނަކަށް ބަދަލުކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
އެންޑީއެމްއޭއިން ބުނީ ގަދަވައިގެ ސަބަބުން ގޭގެ ފުރާޅު އެއްލާލަފާނެކަމަށް ލަފާކުރެވޭނަމަ ކުރިއާލާ ވައު ފަދަ ތަކެތި ޖެހުމަކީ މުހިންމުކަމެއް ކަމަށާއި، ގަދަވައިގެ ސަބަބުން އެއްލާލަފާނެ ފަދަ ތަކެތި ރައްކާތެރިކުރުމަކީ ވެސް މުހިންމުކަމެއް ކަމަށެވެ.
މީގެއިތުރުން ބޭނުންނުކުރާނަމަ ކަރަންޓު ބޭނުންކުރާ ތަކެތި ނިއްވާލާފައި ބެހެއްޓުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ.
އެއާއެކު އެންޑީއެމްއޭއިން ވަނީ ކަނޑުދަތުރުފަތުރު ކުރާއިރު މޫސުމަށް ސަމާލުކަން ދިނުމަށް އިލްތިމާސްކޮށްފައެވެ. އަދި ދަތުރަށް ނިކުންނަ އިރު ސަލާމަތީ ކަންކަމާއި މުވާސަލާތީ ނިޒާމް ފުރިހަމަކުރުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ.
