ވޭތުވެދިޔަ 900 އަހަރު ދުވަހުގެ ތެރޭގައި އެކި ގޮންޖެހުންތަކާ އެކުވެސް ކާބަފައިން ދެއްކެވި ސާބިތުކަމުގެ ނަމޫނާއާ އެއްގޮތަށް، ދިވެހި ގައުމިއްޔަތުގެ މައި ބިންގާ ކަމުގައިވާ އިސްލާމްދީނުގެ ހިދާޔަތުގައި ފައިތިލަ ސާބިތުކޮށްގެން ތިބުމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ދިވެހި ރައްޔިތުންނަށް އިލްތިމާސްކުރައްވައިފިއެވެ.
ރާއްޖެ އިސްލާމްވިތާ ބަރާބަރު 900 އަހަރު ފުރުމުގެ މުނާސަބަތުގައި ސޯޝަލް މީޑިއާ މެދުވެރިކުރައްވައި އާއްމުކުރެއްވި ވީޑިއޯ މެސެޖެއްގައި ރައީސް މައުމޫން ވިދާޅުވީ، ދިވެހިރާއްޖެ އިސްލާމްދީން ގަބޫލުކުރީ ހިޖުރީ ތަގުވީމުން 548 ވަނަ އަހަރުގެ ރަބީއުލްއާހިރު މަހުގެ ދެވަނަ ދުވަހު ކަމަށެވެ. އަދި ހިޖުރައިން 1448 ވަނަ އަހަރުގެ ރަބީއުލްއާހިރު މަހުގެ ދެވަނަ ދުވަހަކީ އެ ތާރީހީ ހާދިސާއަށް ބަރާބަރު 900 އަހަރު ފުރޭ ދުވަސްކަން ފާހަގަކުރައްވައި، ރާއްޖޭގެ އެންމެހައި ކުދިބޮޑު ރައްޔިތުންނަށް އެމަނިކުފާނު ވަނީ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ އަރިސްކުރައްވާފައެވެ.
އެމަނިކުފާނުގެ މެސެޖުގައި އިތުރަށް ވިދާޅުވީ، ވޭތުވެދިޔަ ދިގު މާޒީގައި ރާއްޖެއަށް ތަފާތު އެކި ގޮންޖެހުންތަކާއި ހުރަސްތައް ކުރިމަތިވި ނަމަވެސް، އަޅުގަނޑުމެންގެ ކާބަފައިން އިސްލާމްދީން ދޫކޮށްނުލައްވައި، ސާބިތުކަމާއެކު ދީނުގައި ހިފެހެއްޓެވި ކަމަށެވެ. އެއީ މިއަދުގެ ޖީލުތަކަށް އެބޭފުޅުން ދޫކުރެއްވި ވަރަށް އަގުހުރި ފިލާވަޅެއް ކަމަށްވެސް ވިދާޅުވިއެވެ.
މީގެއިތުރުން، އިސްލާމްދީނަކީ ދިވެހިރާއްޖޭގެ ގައުމީ އަދި ގައުމިއްޔަތުގެވެސް އެންމެ މައި ބިންގާކަން ފާހަގަކުރައްވައި، ކުރިއެކޭވެސް އެއްފަދައިން މިއަދުގެ ދިވެހި ރައްޔިތުންވެސް އިސްލާމްދީނުގެ މަތިވެރި ހިދާޔަތުގައި ސާބިތުކަމާއެކު ދެމިތިބޭނެ ކަމަށް ޔަގީންކުރައްވާ ކަމަށް ވިދާޅުވެ، ރައީސް މައުމޫން ވަނީ ދިވެހި އުންމަތަށް ހެޔޮ ދުއާ ރައްދުކުރައްވާފައެވެ.
