ނިޝާން ގާޒީގެ އިއްޒަތުގެ ވެރިޔާ އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ނޮވެންބަރު 3 ގެ ޝަރަފުގެ ހާއްސަ އައްޑަނަ އަދި ނޮވެންބަރު 3ގެ ޝަހީދުންގެ އާއިލާތަކަށް ހަނދާނީ އައްޑަނަ އަރުވައިފިއެވެ.

އެ ފަރާތްތަކަށް އައްޑަނަ ހަވާލުކޮށްދީ މިއަދު ހެނދުނު ސޯޝަލް ސެންޓަރުގައި ބޭއްވި ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒުއެވެ.

ރައީސް މައުމޫނަށް ޝަރަފުގެ ހާއްސަ އައްޑަނައެއް އަރުވާފައިވަނީ ނޮވެމްބަރު 3ގެ އުދުވާނީ ހަމަލައާ ގުޅިގެން އެޅުއްވި މުހިންމު ހަރުދަނާ ފިޔަވަޅުތަކާއި އެ މަނިކުފާނު ކުރެއްވި ތައުރީފު ހައްގު މަސައްކަތްޕުޅުގެ އަގުވަޒަންކުރުމުގެ ގޮތުންނެވެ. އަދި އެދުވަހުގެ ހަމަލައިގައި ސިފައިންގެ ތެރެއިން ޝަހީދުވި ބޭފުޅުންނާއި އާންމުންގެ ތެރެއިން ޝަހީދުވި ބޭފުޅުންގެ އާއިލާއަށް ހަނދާނީ އައްޑައެއް އަރުވާފައިވަނީ އެ ބޭފުޅުންގެ ހިދުމަތުގެ އަގު ގައުމީ ފެންވަރުގައި ވަޒަންކުރުމުގެ ގޮތުންނެވެ.

ނޮވެމްބަރު 3ގެ އުދުވާނީ ހަމަލާގައި ޝަހީދުވި ސިފައިން:

  • ޝަހީދު ސާޖަންޓް ކުޑަ އާދަނުގެ ކުޑަތުއްތު (ޝަހީދުވިއިރު 49 އަހަރު، ސިފައިންގެ ހިދުމަތުގައި 27 އަހަރު)
  • ޝަހީދު ލެފްޓިނެންޓް ކުޑަ ނެވި ތުއްތު މަނިކު (ޝަހީދުވިއިރު 51 އަހަރު، ސިފައިންގެ ހިދުމަތުގައި 17 އަހަރު)
  • ޝަހީދު ކޯޕަރަލް ހުސައިން މުހައްމަދު (ޝަހީދުވިއިރު 38 އަހަރު، ސިފައިންގެ ހިދުމަތުގައި 17 އަހަރު)
  • ޝަހީދު ކޯޕަރަލް މުހައްމަދު އިބްރާހިމް (ޝަހީދުވިއިރު 31 އަހަރު، ސިފައިންގެ ހިދުމަތުގައި 8 އަހަރު)
  • ޝަހީދު ސާޖަންޓް އާދަމް ނަސީރު (ޝަހީދުވިއިރު 28 އަހަރު، ސިފައިންގެ ހިދުމަތުގައި 8 އަހަރު)
  • ޝަހީދު ކޯޕަރަލް އަބްދުﷲ ޒުހައިރު (ޝަހީދުވިއިރު 33 އަހަރު، ސިފައިންގެ ހިދުމަތުގައި 5 އަހަރު)
  • ޝަހީދު ކޯޕަރަލް މުހައްމަދު ހަސަން (ޝަހީދުވިއިރު 28 އަހަރު، ސިފައިންގެ ހިދުމަތުގައި 4 އަހަރު)
  • ޝަހީދު ކޯޕަރަލް ހުސައިން އާދަމް (ޝަހީދުވިއިރު 20 އަހަރު، ސިފައިންގެ ހިދުމަތުގައި 4 އަހަރު)

ދިވެހިންގެ މަދުބަޔަކު، ސްރީލަންކާގެ ޓެރަރިސްޓް ޖަމާއަތެއް ކަމުގައިވާ ޕީޕަލްސް ލިބަރޭޝަން އޯގަނައިޒޭޝަން އޮފް ޓެމިލް އީލާމް (ޕްލޯޓް ޖަމާއަތް) ގުޅިގެން 1988 ވަނަ އަހަރުގެ ނޮވެންބަރުމަހުގެ ތިންވަނަ ދުވަހު މާލެއަށް ދިން ހަމަލާގަ ދިވެހިންގެ ތެރެއިން 19 މީހަކު ޝަހީދުކޮށްލާފައިވެއެވެ. އޭގެތެރޭގައި ހިމެނެނީ ސިފައިންގެ 8 ބޭކަލުންގެ އިތުރުން އާންމުންގެ 11 މީހެކެވެ.

އާންމުންގެތެރެއިން 7 މީހުން ޝަހީދުވީ ޓެރެރިސްޓުން ފިލަން ދަތުރުކުރި ޕްރޮގްރެސް ލައިޓް ބޯޓުގަ ރަހީނުކޮށްފަ ވަނިކޮށެވެ. އަނިޔާވެރި މި ހަމަލާގައި 39 ދިވެހިން ވަނީ ޒަހަމްކޮށްލާފައެވެ.

މި ހަމަލާ ރާވާ ހިންގުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެފައިވަނީ ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ އެވެ. އޭނާ އާއިއެކު ދިވެހިންގެ އިތުރު 6 މީހަކު އެކިގޮތްގޮތުން މިކަމުގައި އެހީތެރިވެދީފައިވެއެވެ.