މިއަދުގެ ދިފާއީ ވަޒީރު މުހައްމަދު ޣައްސާން މައުމޫނަކީ, ބޭރުގެ ކުލީ ސިފައިންނާއެކު ދިވެހީންގެ ބަޔަކު ބައިވެރިވެ ރާއްޖެއަށް އަރާ ޓެރަރިސްޓް ހަމަލާ ދިން އިރު ތުއްޕުޅު ބޭފުޅެކެވެ. އޭރު އޭނާގެ އުމުރުފުޅަކީ 8 އަހަރެވެ.

1988 ގެ ނޮވެމްބަރު މަހުން 3 ވީ ބުރާސްފަތި ދުވަހު ހިންގި އެ އުދުވާނީ ހަމަލާ, ޣައްސާނަށް ހާއްސަވާ ސަބަބުތައް ގިނައެވެ. އެ ސަބަބުތަކުގެ ތެރޭގައި އޭރު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގައި ހުންނެވި އުސްތާޒު މައުމޫނު އަބްދުލްޤައްޔޫމުގެ 4 ބޭފުޅުންގެ ތެރެއިން އެންމެ ހަގީ އޭނާ ކަމަށް ވުމާއި, އެ ހާދިސާ ހިނގި އިރު ބައްޕާޕުޅު, ރައީސް މައުމޫނާއި މަންމާފުޅު ނަސްރީނާ އަބްދުލްޤައްޔޫމުގެ އެރިހުގައި ހުންނެވީ ހަމައެކަނި އޭނާ ކަމަށް ވުމުގެ އިތުރުން ވެރިކަން ބަޣާވާތް ކޮށްލުމަށް ޓެރަރިސްޓުންގެ ރޭވުމުގައި ރައީސުލްޖުމްހޫރިއްޔާ އަވަހާރަކޮށްލަށް އުޅުން ހިމެނެއެވެ.

ޣައްސާން ވިދާޅުވީ, 3 ނޮވެމްބަރުގެ އެ އުދުވާނީ ހަމަލާ ރޭވުވުމުގައި އުޅުނީ ކޮންބައެއްކަން އެންމެނަށް ވެސް އެނގޭ ކަމަށާއި އެމީހުންގެ ދިފާއުގައި ދިވެހިންގެ ތެރެއިން ބަޔަކު ނުކުމެ އުޅޭތީ ހައިރާންވެ ވަޑައިގަންނަވާ ކަމަށެވެ.

އެ އަނިޔާވެރި އަމަލުގަ 19 ދިވެހިން މަރާލި, އެކަން ކުރަން ރޭވީ ކޮންބައެއްކަން," އެމީހުންނަށް އެނގޭ ފަދައިން މިހާރު ތިބި މީހުންނަށް ވެސް (އަޅުގަނޑުމެން އެންމެނަށްވެސް) އެބަ އިނގޭ, އެކަމަކު އެވަރު ބަޔަކު ނެތިގެން ދިވެހިންގެ ބަޔަކު ނުކުމެ އުޅޭތީ އަޅުގަނޑު ހަމަ ހައިރާން ވޭ"
ޣައްސާން މައުމޫން

އަދި 3 ފަހަރަށް ތަކުރާރު ކުރައްވައި ޣައްސާން ވިދާޅުވީ, "ދުވަހަކުވެސް, ނޮވެމްބަރު 3 ގެ އެ އުދުވާނީ ހަމަލާ ގެނައި އެއްވެސް މީހަކަށެއް އަޅުގަނޑަކަށް ގައިމު މައާފެއް ނުކުރެވޭނެ" ކަމަށެވެ.

އަދި ވިދާޅުވީ, އެއީ މާފުކުރާވަރުގެ ބައެއް ނޫން ކަމަށާއި, "އެއަށް ވުރެ ގައުމަށް ޣައްދާރު ވެފަ, ދިވެހި ރައްޔިތުންނަށް އަނިޔާވެރި ވެފަ ތިބި ބައެއް" ކަމަށެވެ.

ނޮވެންބަރު 3 ގެ ހާދިސާގެ ތަޖުރިބާ ޣައްސާން ހިއްސާ ކުރެއްވީ, އެ ހާދިސާގައި އިސްލާމް ދީނާއި ދިވެހި ގައުމުގެ ދިފާއުގައި ފުރާނަ ގުރުބާން ކުރެއްވި މަތިވެރި އަބްތޯލުންގެ ހަނދާން އާކޮށް އެބޭފުޅުންގެ ފުރާނައަށް އިތުރު ރަހުމަތްލެއްވުން އެދިވަޑައިގެން ދުއާކުރައްވަމުންނެވެ.

ބަޑީގެ އަޑުފައްގަނޑާއެކު ޣައްސާން އުޅުއްވި ގޮތް

ޣައްސާން ވިދާޅުވީ, ތަމަޅައިން ރާއްޖެ އެރި އިރު އޭނާ އަށް އޮންނެވުނީ އަވަހާރަފުޅުގައި ކަމަށާއި ހޭފުޅުލެއްވުނީ, އަޑުފައްގަނޑެއް އިވިވަޑައިގަތުމުން ކަމަށެވެ. ތުއްޕުޅު އިރު ޣައްސާނަކީ އެހެން ބައެއް ކުދިން ފަދައިން ގުގުރާ އަޑަށް ބިރުފުޅުގަންނަ ބޭފުޅެކެވެ. އެރޭގެ އެ އަޑުފައްގަނޑާއެކު ހޭފުޅުލެވުމާއެކު ފުރަތަމަވެސް ވިދާޅުވެވުނީ 'ހާދަފާޑަކަށް ގުރުރާ ރެއެއް ދޯ" އެވެ. އޭނާ އެހެން ވިދާޅުވީ, އޭނާގެ ކަންކަން ބެލެހެއްޓުމަށް ކައިރީގައި އޮންނަ މީހާއާ މުހާތަބު ކުރައްވައެވެ.

ޣައްސާން ވިދާޅުވި ގޮތުން, ތުއްޕުޅު އިރު ގުގުރާތީ ޖެހިލުންވެ ބިރުފުޅުގަންނާތީ, އޭނާ ވަޑައިގަންނަވާނެ ކަމަށްޓަކައި, ބައްޕާފުޅު ރައީސް މައުމޫނާއި މަންމާފުޅު ނަސްރީނާ އޮންނަވާނީ އެ ދެކަނބަލުންގެ ދެމެދުގައި ޖާގަވެސް ހައްދަވައިގެން ކަމަށެވެ. ޣައްސާން ނިދި ކުރައްވަނީ އެ ދެކަނބަލުންނާ ވަކިން އެހެން ކޮޓަރި ކޮޅެއްގައެވެ.

އެރޭ އެ އަޑުފައްގަނޑު އިވިވަޑައިގެންނެވި އިރު ވީ ފަތިހު 4:15 ކަމަށާއި ހަމަ އެވަގުތު އެ ކޮޓަރީގައި ހުރި ފޯނު ރިންގު ވި ކަމަށެވެ.

"އޭރު މޮބައިލް ފޯނެއް ނުހުންނާނެ, މީހަކު ކަމަކު ގުޅިޔަސް ގުޅާނީ ލޭންޑް ލައިނަށް, ދެން އޭރު ތީމުގޭގެ މައި ސިޓިންރޫމުގަ ހުންނަ ފޯނުގެ އެކްސްޓެންޝަނެއް ހުންނާނެ އަޅުގަނޑު އޮންނަ ކޮޓަރީގައި"
ޣައްސާން މައުމޫން

އިތުރަށް އޭނާ ވިދާޅުވީ, އެ ފޯނަށް ޖަވާބު ދިނީ އޭނާ ބެލެހެއްޓުމަށް ކައިރީގައި އޭރު އޮތް މީހާ ކަމަށާއި, "އޭނާ ބުނި ޣައްސާނޭ, ފޯނު އައީ ޣައްސާނުގެ ބައްޕަ އަށޭ, ގުޅާފަ އޮތީ ޣައްސާނުގެ ބޭބެއޭ" ކަމަށެވެ.

ޣައްސާންގެ ބޭބެ ކަމަށް އެވިދާޅުވަނީ އޭރުގެ ޑިފެންސް މިނިސްޓަރުގެ ނައިބު އިލްޔާސް އިބްރާހިމަށެވެ. އިލްޔާސަކީ, ޣައްސާންގެ މަންމާފުޅު ނަސްރީނާގެ ބޭބޭފުޅެކެވެ. ޣައްސާންގެ ބޮޑުބޭބޭފުޅެވެ.

ޣައްސާން ވިދާޅުވީ, އޭގެ ކުރިން ދުވަހަކުވެސް އެގަޑީގައި އެފަދަ ކޯލެއް ނާންނަ ކަމަށާއި ކޮންމެވެސް ކަމެއް ވެއްޖެ ކަމަށް ގަބޫލު ކުރެއްވިގެން ބޭބެ ގުޅުއްވި ވާހަކަ ބައްޕާފުޅަށް ދަންނަވަން ވަޑައިގެންނެވި ކަމަށެވެ.

"ގުގުރަންޏާ އާންމުކޮށް މަންމައާއި ބައްޕަ ތިއްބަވާނެ ޖާގަ ހައްދަވައިގެން ހޭފުޅުލައްވައި, އެކަމަކު އެރޭ ދިޔައިރު ބައްޕަ ހުންނެވީ ކޮޅަށް, ކޮޓަރިކޮޅުގައި ހުރި ފޯނެއްގައި, އަޅުގަނޑު ވަނުމާއެކު ފޯނު ބާއްވަވާފަ ވިދާޅުވީ, ޣައްސާނޭ އެއްޗެހި ބަދަލުކޮށްގެން އަންނާށޭ ބޭރަށް ދާން ތައްޔާރުވެގެން"

ހާލަތަށް ޣައްސާން ތައްޔާރުވުން

ޣައްސާން ވިދާޅުވީ, ބައްޕާފުޅުގެ އެކޯލާއެކު އާދަޔާހިލާފު ކަމެއް ވެގެން އުޅޭކަމުގެ އިހުސާސް ކުރެއްވުނު ކަމަށާއި "ދަތް އުނގުޅައިގެން މޫނު ދޮވެގެން ތައްޔާރުވެގެން އަންނާނެ" ކަމަށް ވިދާޅުވި ކަމަށެވެ.

"ބައްޕަ ވިދާޅުވި, މޫނެއްވެސް ދޮންނާނެ ކަމެއް ނެތޭ, ދަތެއްވެސް އުނގުޅާނެ ކަމެއް ނެތޭ, ވަގުތެއް ނެތޭ, ހަމަ މިހާރުން މިހާރަށް ނިދާހެދުން ބާލައި ގަމީހަކާއި ފަޅުލޫނެއް ލައިގެން އަންނާށޭ"
ޣައްސާން މައުމޫން

ޣައްސާން ވިދާޅުވީ, މަންމާފުޅުގެ ދަރިއެއްހެން ބައްލަވައި ގޭގައި ގެންގުޅޭ އެހެން ކުއްޖަކާއި ޣައްސާން ބަލަހައްޓާ މީހާއަށް މެސެޖް ދެއްވުމަށްފަހު ގަމީހަކާއި ފަޅުލޫނެއް ތުރުކުރައްވައިގެން އެނބުރި ވަޑައިގެންނެވި އިރު ބައްޕާފުޅާއި މަންމާފުޅުވެސް ހުންނެވީ ތައްޔާރުވެވަޑައިގެން ކަމަށާއި "ތިމަންނާއާއެކު ޣައްސާން އަންނާށޭ" ވިދާޅުވެ ބައްޕާފުޅު ގާތަށް އޭނާ ގެންދެވި ކަމަށެވެ. އަދި ޕޯޓިކޯއިން ބައްދަލުކުރެއްވުމަށް މަންމާފުޅަށް އަންގަވައި އޭނާ ގޮވައިގެން ވަޑައިގަތީ ތީމުގޭގައި ހުންނަ އޮފީސް ކޮޓަރި ކޮޅަށް ކަމަށެވެ. އެއާއެކު މޭޒުކޮޅު މަތީގައި ހުރި ހުރިހާ ލިޔެކިޔުންތަކެއް ނަންގަވައި ކައިރީގައި ހުރި ތިޖޫރީ އަކަށް ލައްވައި ތަޅުލެއްވުމަށް ފަހު ވަޑައިގެން ޕޯޓިކޯ އިން މަންމާފުޅާ ބައްދަލު ކުރެއްވި ކަމަށެވެ.

ޣައްސާން ވިދާޅުވީ, އެވަގުތު ޕޯޓިކޯގައި ސިފައިންގެ 2 ބޭކަލުން ތިއްބެވި ކަމަށާއި އިވެމުން ދަނީ ބަޑީގެ އަޑުކަމަށް އެބޭކަލުން ރައީސް މައުމޫނަށް ދެންނެވުމުން ވެގެން އުޅޭގޮތް އެނގިވަޑައިގަންނަވާ ކަމަށް ޖަވާބު ދެއްވި ކަމަށެވެ. އަދި އެވަގުތު ޕޯޓިކޯގައި ކާރުކޮޅު އޮތުމާއެކު ކާރުގައި ނިކުމެ އިރަށް ދުށްވުމަށް އެ ބޭފުޅުންނަށް މައުމޫން ވިދާޅުވި ކަމަށާއި އަދި މައުމޫނާއި އާއިލާ ވަލު ދޮރާށިން ވަޑައިގަންނަވާނެ ކަމަށް ދެންނެވި ކަމަށެވެ.

"ވަލު ދޮރާށްޓަކީ ޖަސްޓިސް ބިލްޑިންގ އާ ދިމާވާގޮތަށް ހުންނަ ދޮރާއްޓެއް, އެ ވަގުތު އެތާ ތިއްބަވަނިކޮށް އެ ދޮރާށިން އެތެރެއަށް ވަޑައިގެން ބަދިގެފަރާތު ދޮރާށިން ވަޑައިގެން މެއިން ކޯޓު ޔާޑަށް ވަޑައިގެންފި އާދަމް ނައީމް, އޭރުވެސް އަޅުގަނޑު ހުރިން ބައްޕަގެ އަތްޕުޅުގަ ހިފަހައްޓައިގެން ކަހަލަ ގޮތަކަށް, ވަރަށް ހާސްވެފަ"

އާދަމް ނައީމަކީ ތީމުގެއާ ކައިރީގައި ހުންނަ ހުދުއަސުރުމާގޭގައި އުޅުއްވާ ބޭފުޅެކެވެ. އެ ގެ ހުންނަނީ އޯކިޑް މަގުންނާއި އެންދެރިމާގެ ހުންނަ މަގުން ވެސް ވަދެވޭގޮތަށް ދެމަގަށް ދޮރުކަނޑާފައެވެ.

"ދެން ނައީމް ވިދާޅުވެއްޖެ, ރައީސް ހިންގަވާށޭ, އެއްގޮތަކަށް ވެސް ހުންނަވައިގެން ނުވާނޭ, މިހާރުވެސް އެބައޮތޭ ޒަހަމްވެގެން ވެއްޓިފަ އޮތް މީހެއް, ތިމަންނަ އައިއިރުވެސް ފެނުނޭ"
ޣައްސާން މައުމޫން
ޣައްސާން މައުމޫން

ބަޑިއާއެކު ތަމަޅައިންގެ 2 މީހުން ފުންމާލުން

ތީމުގެއިން ނިކުމެވަޑައިގެން ޖަސްޓިސް ބިލްޑިންގެ ގޯޅިން ހިންގަވާފައި ވަޑައިގެންނެވި އިރު މައުމޫނު ހުންނެވީ ކުރީގައި ކަމަށާއި, ކުއަލިއަކަށް މަންމާފުޅު ބައްޕަގެ ކުރިފުޅުމައްޗަށް ވަޑައިގަތުމުން އަވަސް އަވަހަށް ޣައްސާން އެއަށް ކުރެ ކުރިއަށް ވަޑައިގެން ސަފުގެ ކުރި ހޯއްދެވިއެވެ.

"ކުއްލިއަކަށް ބައްޕަ ފަހަތް ބައްލަވާލެއްވި އިރު ކެލާ އިބްރާހިމްބެ އެބަ ވަޑައިގަންނަވާ މޫނާ ދިމާއަށް ފިސްތޯލައެއް ނަންގަވައިގެން, ފިލްމުތަކުގައި އެ ފެންނަހެން. ދެން ބައްޕަ ވިދާޅުވެއްޖެ, އިބްރާހިމްބެ ކީއްތޯއޭ ތިކުރައްވަނީ, ހަތިޔާރު ހިފައިގެން ހުރި މީހަކު ދުޝްމަނުންނަށް ފެނިއްޖެއްޔާ އެނގޭނެނޫންހޭ މީ ކޮންމެވެސް ބައެކޭ, އަވަހަށް ތީމުގެއަށް ވަޑައިގަންނަވާށޭ" ޣައްސާން ވިދާޅުވިއެވެ.

ޣައްސާން ވިދާޅުވީ, ހަތަރު ކަޅި ހަމަވެ ހާސްކަން ބޮޑުވި ވަގުތަކީ އެ ގޯޅިން ގޮސް ހިލާލީގެ އަނެއްކަންމަތީގައި ހުންނަ ޒިޔާރަތް މިސްކިތާ އަރާ ހަމަވިތަނުން, އެ ބޭފުޅުންގެ ކުރިފުޅު މައްޗަށް ވާގޮތަށް މިސްކިތުގެ ހަރިންމަ ތެރެއިން ދެމީހަކު ފުންމާލި ވަގުތު ކަމަށެވެ.

"މުންޑު އަނދެ ޓީޝާޓު ލައިގެން ތިބީ, އަތުގައި އޭކޭ47 ގެ ބަޑި އޮތް, އެވަގުތު ހުއްޓެވިއްޖެ, ކަޅިއާ ކަޅި ހަމެވެއްޖެ, އެމީހުންވެސް އަޅުގަނޑުމެނާ ދިމާއަށް ބަލަން ތިބެފަ ރަށު ބަހުން (ތަމަޅަ ބަހުން) ދެމީހުން ދެމީހުނަށް ވާހަކަ ދައްކާލައިފަ އެސްޓީއޯ ގުދަނާ ދިމާއަށް ދުވެފަ ހިނގައްޖެ"
ޣައްސާން މައުމޫން

ޣައްސާން ވިދާޅުވީ, އެ ނާޒުކު ވަގުތުގައި އެ ބޭފުޅުން ސަލާމަތްވީ "الله އިރާދަ ކުރައްވައިފިއްޔާ ސަލާމަތްވާން ހުރި މީހަކު ސަލާމަތް ވާނެ" ކަމަށް އޭރުވެސް އަދި މިހާރުވެސް ގަބޫލު ކުރެއްވޭ ގޮތަށް الله މިންވަރުފުޅުން ކަމަށެވެ.

ދެން ހުދުއަސުރުމާގެއާ އަރާ ހަމަވެ ތަޅުގައި ހިފި އިރު އެ ގެ ހުރީ ތަޅުލާފައި ކަމުން އެގެއަށް ވަދެވަޑައިގެންނެވޭ ގޮތެއް ނުވިއެވެ.

"އޭރު އެގޭގެ ދޮރުމަތީގައި ޒަހަމްވެފައި އޮތް މީހަކު އޮތް, ދެން ކައިރީގައި ހުރި (ޣައްސާން ބަލަހައްޓާ މީހާ) ބުނެފި ހިނގާށޭ ހައްޖަމެން ގެއަށް (އެއީ ގުލިސްތާނުގެ). ގާތްގަނޑަކަށް ދުވެފައި ގޮސް އެގޭގެ ތަޅުގައި ހިފި އިރު ހުރީ ހުޅުވާފަ, ދެން އަވަހަށް ވަނީ"

ޣައްސާން އިތުރަށް ވިދާޅުވީ, ގުލިސްތާނު ގޭގެ ބޭރު ދޮރާށި ހުޅުވާފައި ހުރި ނަމަވެސް މީހުން ދިރިއުޅޭ ގޭގެ ދޮރު ހުރީ ތަޅުލާފައި ކަމަށެވެ. އޭރުގެ ބައެއް ގޭގެ ހުންނަ ގޮތަށް ގުލިސްތާނަކީވެސް ހުސް ގޯތިތެރެއެއް އޮންނަ ގޮތަށް މީހުން ދިރިއުޅޭ ގެ ތަންކޮޅެއް އެތެރޭގައި ހުންނަ ގޯއްޗެކެވެ.

"އެ ގެއަކީ އޭރުވެސް އަދި މިހާރުވެސް އަޅުގަނޑުހިތުން އެންމެ ގާތް ރަހުމަތްތެރިޔާގެ ގެ, ވަރަށް ގިނައިން ކުޅެން ގޮސް އުޅުނު ގެއެއް އެއީ, އެހެންވީމާ އެގޭގެ މީހުން ނިދާ ކޮޓަރީގައިވެސް ޓަކިޖަހާލަން އަރިމަތީގައި އޮންނަ ގޯޅިގަނޑުވެސް ދެވޭނެކަން އިނގޭ"

"އެ ގޯޅިން ދަނިކޮށް ކުއްލިއަކަށް ކަރަންޓް ދިޔައީ, އެއީ މުޅި މާލެއިން ކަރަންޓް ކެނޑުނު ގަޑި, ދެން އަޅުގަނޑަށް ހުއްޓެވިއްޖެ, އަނދިރި ވީމާ ދެން ދާކަށް ނޭނގުނު. އެހެން ހުއްޓާ އެގޭ ކުއްޖަކު އައިސް ބައްދާލައިގެން ދާންހިނގާށޭ ކިޔާފަ ގެންދިޔައީ"

ތަމަޅައިންގެ ކިބައިން ރާއްޖެ ސަލާމަތް ކުރުމުގެ އޮޕަރޭޝަން ފެށުން

ޣައްސާން ވިދާޅުވީ, އެގެއަށް ވަދެވުމާއެކު ބައްޕަ އިށީންނެވީ އެއްފަރާތު ފާރުކައިރީގައި ހުރި މޭޒެއްގެ ދޮށުގައި ގޮނޑިއެއް ބަހައްޓަވައިގެން އެތާނގައި ކަމަށެވެ. އޭރު އެ މޭޒުމަތީގައި ފޯނެއް ހުރުމާއެކު ބައްޕަ ފޯނު ކުރައްވަމުން ގެންދެވި ކަމަށާއި އޭރު ޣައްސާން އިންނެވީ ސިޓިންރޫމުގެ އަނެއް ބިތާ ކައިރީގައި ހުރި ގޮނޑިއެއްގައި ކަމަށެވެ.

"ބައްޕަ ވިދާޅުވެއްޖެ ޤްރުއާން ކިޔަވާލާށޭ, ދެން އިނގޭ ސޫރަތްތައް ކިޔަވަން އިނީ, އެހެން އިންދާ އިވިއްޖެ ފުރާޅުމަތިން އަޑެއް, އޭރު އަދި އިރެއް ނާރާ, ގޭތެރެއަށް ފުންމާލީ އާދަން ނައީމް"
ޣައްސާން މައުމޫން

ޣައްސާން ވިދާޅުވީ އާދަން ނައީމް ފުރާޅުމަތިން އެ ގޭގެ ތެރެއަށް ފުންމާލެއްވީ ހުދުއަސުރުމާގޭގެ ފޯނު ހިއްޕަވައިގެން ކަމަށާއި ކޮންމެވެސް ގޮތަކުން ކޯޑު ދިގު ކުރައްވައިގެން ކަމަށެވެ.

"އެހެންވީމާ އެ ހުރިހާ ކޯޑިނޭޝަނެއް ކުރްވީ 2 ފޯނުން, އެއީ ހުދުއަސުރުމާގެ ފޯނުންނާއި ގުލިސްތާނުގެ ފޯނުން, އޭރަކު ގުޅުއްވާތަނެއް ނޭނގެ, ފަހުން އެނގުނު ކެނޑިނޭޅި ގުޅުއްވަމުން ގެންދެވި ކަން ބަނޑޭރި ގެއަށް, އެކި ބޭފުޅުންނާ ވާހަކަ ދައްކަވަމުން ގެންދެވި"

އިލްޔާސް އަވަހާރަވީ ކަމަށް ހީފުޅު ކުރެއްވުން

ޣައްސާން ވިދާޅުވީ, ބައްޕާފުޅު ބަނޑޭރި ގެއާ އަދި އެކިއެކި ބޭފުޅުންނާ ގުޅުއްވަމުން ގެންދެވި އިރު, ބޮޑުބޭބޭފުޅު އިލްޔާސް އަވަހާރަވެފައި ވީކަމަށް ގަބޫލުފުޅު ކުރެއްވި ކަމަށެވެ. އެކަން އެގޮތަށް ދިމާވީ, ތީމުގެއަށް އެރޭ ފަތިހު އައި ކޯލަކީ އިލްޔާސްގެ ކޯލަކަށް ވުމާއި, އެ ކޯލުގައި ވާހަކަ ދައްކަވަމުން ވެގެން އުޅޭގޮތުގެ ތަފްސީލު ދެއްވުމަށް ފަހު ވިދާޅުވި އެންމެ ފަހު ޖުމްލަ އަކީ "މިގެއަށް އައިސް މިއޮއް ވަނީއޭ" ކަމަށާއި އެއާއެކު ފޯނު ބޭއްވެވުމާއި އޭގެ ފަހުން އެއްވެސް ކޮންޓެކްޓެއް ނުކުރެވި ދިޔުން ކަމަށެވެ.

"ހަތިޔާރު ހިފައިގެން ތިބި ބަޔަކު ގެއަކަށް ވަންނަ އިރު ދެން ވާނެ ގޮތެއް ނޭނގޭނެތާ, އެހެންވެ އެގޮތަށް ގަބޫލު ކުރެވުނީ"

ޣައްސާން ވިދާޅުވީ, އިރުއަރައިގެން އައިއިރުވެސް އޭނާ އިންނެވީ އެ ގޮނޑީގައި ކަމަށާއި, އެކިއެކި އަޑުތައް (ބަޑީގެ އަޑު) އިވޭތީ ހާސްކަން ބޮޑުވަމުން ދިޔަ ކަމަށެވެ. ނަމަވެސް ހާސް ނުވުމަށާއި އިރުއަރަން ވާއިރަށް ނިމޭނެ ކަމަށް ބައްޕަ ވިދާޅުވަމުން ގެންދެވި ކަމަށެވެ. ނަމަވެސް އިރުއެރިއިރުވެސް އަޑުތައް ނުކެނޑޭ ކަމަށާއި ގުލިސްތާނުގެ ހުންނަ މަގުން, އެކިއެކި ބަސްބަހުން ވާހަކަ ދައްކާ މީހުން ދުވާއަޑުވެސް އިވެމުން ދިޔަ ކަމަށެވެ.

ނަސްރީނާ ދަރިންނަށް ކުރެއްވި ވަސިއްޔަތް

ޣައްސާން ވިދާޅުވީ, އެހާލަތުގައި ބިރުން އިންނަވަނިކޮށް ބިރުވެރިކަން އިތުރުވެގެން ދިޔަ އެހެން ހާދިސާއެއް ހިނގާދިޔަ ކަމަށެވެ. އެއީ ގުލިސްތާނު ގެއަށް ވަޑައިގެން މައުމޫން ފޯނު ކުރައްވަން އިންނަވަނިކޮށް ޖެހިގެން ހުރި މޭޒުކައިރިއަށް ވަޑައިގެން މަންފާޅު އެއްޗެއް ލިޔުއްވަން ފެއްޓެވުމުން ކަމަށެވެ.

"އަޅުގަނޑު ގޮސް ބަލައިލިން, ބަލައިލި އިރު ލިޔަމުން ދަނީ 'ލޯބިވާ ދަރިންނޭ, ބައްޕައާއި މަންނަ މި ވަރުވަނީއޭ, ކޮއްކޮ ބަލައްޗޭ'"
ޣައްސާން މައުމޫން

އެއާއެކު ޣައްސާން ވިދާޅުވީ އެވަގުތު ކުއްލިއަކަށް ކޯފާ އިސްކުރެއްވުނު ކަމަށާއި "ބުނެފިން މަންމައާއި ބައްޕައާއި ކޮއްކޮ މި ވަރުވަނީއޭ ލިޔާށޭ, މަންޕަ އާއި ބައްޕަ މަރުވާއިރު ކޮއްކޮ ބޭނުމެއް ނޫނޭ ހުންނާކަށް" މަންމައަށް ވިދާޅުވި ކަމަށެވެ.

ޣައްސާން ވިދާޅުވީ, ވެގެން އުޅޭގޮތުގެ އިހުސާސް ހިތްޕުޅަށް ގެނެވުމީ އެހާ ހިސާބުން ކަމަށާއި, އައިސް އުޅޭ ބަޔަކު އައިސްގެން އުޅެނީ, 'މަންމަ އާއި ބައްޕަ މަރާލަން' ކަމަށް ވިސްނުނު ކަމަށެވެ.

8 އަހަރުގެ ތުއްޕުޅު ޣައްސާން ގެ 3 ނޮވެމްބަރުގެ އެ ހަނދާންތަކަކީ, އޭނާ ނޫން ދެވަނަ އެހެން ބޭފުޅަކަށް އެތެރެ ކޮއެލުގެ އެ ވަގުތުތައް, އެ އަޑުތައް އަދި އެ މަންޒަރުތައް ފެނި އަތުން ހިފޭނެ ހަނދާންތަކެއް ނޫނެވެ. އެވަގުތު ހައްސާސް ކަމާއި ބައްޕާފުޅުގެ ފިޔަވަޅުތަކާއި މަންމާފުޅުގެ އެ ހަރަކާތްތައް ދެވަނަ އެހެން ބޭފުޅަކަށް ނުފެންނާނެއެވެ.

ޣައްސާން ވިދާޅުވަނީ, ބަޑިބުރާސްފަތި ގެނައުމުގައި ބައިވެރިވާ މީހުންނާއި އެކަމުގައި އުޅުނު މީހުން، އޭރުގައި ތިބި މީހުނަށް ވެސް އަދި މިހާރު ތިބި މީހުންނަށް ވެސް ރަނގަޅަށް އެނގޭ ކަމަށާއި ދިވެހިންގެ ތެރެއިން 19 މީހަކު ޝާހީދު ކޮށްލައި, ދިވެހި ގައުމު ލެއިން ތަތްތަޅުވާލި ބަޔަކަށް ދުވަހަކުވެސް މައާފުކުރުމެއް ނެތް ކަމަށެވެ.