ވިއްސާރައިގެ ސަބަބުން ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ ޒަރޫރީ ދަތުުރުތައް ފިޔަވާ އެހިނިހެން ދަތުރުތައް ނުކުރުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
އެ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނީ، އައްޑުއަށް ކުރަމުންދާ ވިއްސާރައިގައި ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ ނުރައްކާތެރި ހާލަތުގައި ވާތީ މަގުތައް ބޭނުންކުރާ އެންމެހާ ރައްޔިތުން ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި ޒަރޫރީ ބޭނުންތަކަށް ފިޔަވާ މިވަގުތު އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އިލްތިމާސްކޮށްފައެވެ.
އަދި ހަމަ އެހެންމެ އެހެނިހެން މަގުތައް ބޭނުންކުރާއިރު ސަމާލުވެ ހާއްސަކޮށް ފެންބޮޑުވެފައިވާ މަގުތަކުގައި ބަލައިގެން އުޅަނދުގެ ސްޕީޑް މަޑުކޮށް ދުއްވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
މީގެ އިތުރުން ވިއްސާރައާ ގުޅިގެން ރަށު ތެރޭގައި ފެންބޮޑުވެފައިވާތީ ފެން ހިންދަން އެކި ސަރަހައްދުތަކުގައި ހޮޅި އަޅާފައިވާތީ އެކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ވެސް ކައުންސިލުން އެދިފައި ވެއެވެ.
ބުރާސްފަތި ދުވަހުން ފެށިގެން ކުރަމުންދާ ވިއްސާރާގައި އައްޑޫގެ ގެ ތަކަށް ފެންވަދެ ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. އެގޮތުން އައްޑޫ ސިޓީ ފޭދޫގެ 70 އަށް ވުރެ ގިނަ ގެއަކަށް ފެންވަދެ، އެކިވަރުގެ ގެއްލުންތައް ލިބިގެން ރިޕޯޓުކޮށްފައިވާއިރު 01 ގެއެއްގައި ފެންބޮޑުވެ ޒަރޫރީ ބޭނުންތަކަށް ހުރަސް އެޅި ދިރިނޫޅެވޭވަރަށް ހާލަތު ގޯސްވެގެން، އެ ގޭގައި ދިރިއުޅޭ 8 މީހަކު ވަގުތީ ބޯހިޔާވަހިކަމަށް ވަނީ ބަދަލުކޮށްފައެވެ.
ކުރިއަށް އޮތް 24 ގަޑިއިރުވެސް މޫސުން ގޯސްވާނެކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައިވާތީ، ދަތުރުފަތުރު ކުރުމުގައާއި ފެންބޮޑުވުމުގެ ސަބަބުން ލިބިދާނެ ގެއްލުންތަކުން ރައްކާތެރިވުމަށް ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ކަމާއި ބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައަކީ ހުޅަނގު މޫސުމުގެ ވިއްސާރައެވެ. އަދި މިއީ ކުއްލިއަކަށް ރާއްޖޭގެ ސަރަހައްދުގައި އުފެދުނު ވިލާގަނޑެއްގެ އަސަރު ކަމަށް ވެސް މެޓް އޮފީހުން ވަނީ ބުނެފައެވެ.
