ފަރެއް ހިއްކައިގެން އައްޑޫގައި ބްރިޖެއް ނުވަތަ ފާލަމެއް އަޅަން ސަރުކާރުން ނިންމާފައިވާ ކަމަށް ބުނެ ދެކެވޭ ވާހަކަތަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ފޭދޫ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު އިސްމާއީލް ނިޒާރު ވިދާޅުވެއްޖެއެވެ.
މެންބަރު ނިޒާރު މިއަދު މިހެން ވިދާޅުވީ، އައްޑޫގައި ފަރު ހިއްކައިގެން ބޮޑު ގެއްލުމެއް ލިބޭ ގޮތަށް ބްރިޖް އެޅޭނީ ރައްޔިތުން މަރާފައި ކަމަށް ވިދާޅުވެ، އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު މީޑިއާއަކަށް ދެއްވި އިންޓަވިއުއަކާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ.
މޭޔަރު އަލީ ނިޒާރު ދެއްވި އިންޓަވިއުގައި ވިދާޅުވީ، ސަރުކާރުން މިހާރު އަޅަން އުޅެނީ ބްރިޖެއް ނޫން ކަމަށާއި އެއީ ވެލި އަޅައިގެން މުޅި އައްޑޫގެ ތިމާވެށި ހަލާކުކޮށްލަން އުޅޭ ފާލަމެއް ކަމަށެވެ. މޭޔަރު ފާހަގަކުރެއްވި ގޮތުގައި، ހިތަދޫ ކަނޑިހެރައިން ފެށިގެން ހުޅުމީދޫއާ ދޭތެރޭގައި އޮންނަ ދެ ކަނޑުއޮޅިއާ ހިސާބަށް ފަރުމައްޗަށް ވެލި އަޅައިގެން ހިއްކަން ސަރުކާރުން ޕްލޭން ކޮށްފައިވާ އިރު، ހިތަދޫ ފަޅުތެރެއިން ބްރިޖުގެ ކޯޒްވޭގެ 90 އިންސައްތަ ހިމެނެނީ ފަރުމަތީގައެވެ.
މި ވާހަކަތަކަށް ރައްދު ދެއްވަމުން މެންބަރު އިސްމާއީލް ނިޒާރު ވިދާޅުވީ، ސަރުކާރުން ފަރު ހިއްކައިގެން މަޝްރޫއު ކުރިއަށްގެންދަން ނޫޅޭ ކަމަށެވެ. އަދި ހުޅުމީދޫ އާއި ހިތަދޫ ގުޅާލުމުގެ ބްރިޖާ ގުޅޭ މަސައްކަތްތައް ކުރިއަށްދާ ގޮތުގެ ތަފްސީލު މިދިޔަ ޖޫން މަހުގެ 11 ވަނަ ދުވަހު އައްޑޫ ސިޓީ ކައުންސިލާއެކު ބޭއްވުނު ބައްދަލުވުމުގައި ހިއްސާކޮށްފައިވާނެ ކަމަށް މެންބަރު ފާހަގަކުރެއްވިއެވެ. އަދި އޭގެ ފަހުން ބަދަލުކުރެވުނު ސިޓީތަކުގައި ވެސް ހިއްސާކުރެވިފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އައްޑޫ ސިޓީގެ ހިތަދޫ އާއި ހުޅުދޫ މީދޫ ގުޅާލުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. މި މަޝްރޫއާ ގުޅޭގޮތުން ސަރުކާރުން މިހާތަނަށް ކޮށްފައިވާ މުހިންމު މަސައްކަތްތަކުގެ ތެރޭގައި މި މަޝްރޫއުގެ ސާވޭތައް ކުރުމަށާއި، ޑިޒައިން އަދި ޓެންޑަރިން މަސައްކަތްތަކަށް ބޭނުންވާ ޓެކްނިކަލް އެހީތެރިކަން ހޯދުމަށް ޗައިނާގެ ކުންފުންޏާއެކު 1 މިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ.
މި އެއްބަސްވުމުގެ ދަށުން އެ ކުންފުނިން ތިން ޑިޒައިނެއް ތައްޔާރުކޮށް، އެ ތިން އޮޕްޝަންގެ ފީސިބިލިޓީ ރިޕޯޓް ސަރުކާރަށް ހުށަހެޅުމަށް ނިންމާފައިވާއިރު ސަރުކާރުގެ އަމާޒަކީ ހުށަހެޅޭ ޑިޒައިންތަކުގެ ތެރެއިން އެންމެ އެކަށީގެންވާ އެއް ޑިޒައިން އިހްތިޔާރުކޮށް، ކޮންސްޓްރަކްޝަން އެގްރީމަންޓް ހަދައި، އަމަލީ މަސައްކަތް ކުރިއަށް ގެންދިއުމެވެ.
