ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް ރައީސުލްޖުމްހޫރިއްޔާ އާއި މިނިސްޓްރީ އޮފް ފިނޭންސްއިން ނެރުއްވާފައިވާ ސަރކިއުލާތަކާ ހިލާފަށް، އައްޑޫ ސިޓީ ކައުންސިލުން 2023 އަދި 2024 ވަނަ އަހަރު ރާއްޖެއިން ބޭރަށް ކުރި ދަތުރުތަކަށް ޖުމުލަ 1,200,610 (އެއް މިލިޔަން ދެލައްކަ ހަސަތޭކަ ދިހައެއް) ރުފިޔާ ބަޖެޓުން ހަރަދުކޮށްފައިވާކަމަށް އޮޑިޓް ރިޕޯޓުން ދައްކައިފިއެވެ.

އައްޑޫ ސިޓީ ކައުންސިލް އިދާރާގެ 2022 އާއި 2023 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް އަދި 2024 ވަނަ އަހަރުގެ މާލީ ބަޔާންތަކު ގެ އޮޑިޓް ރިޕޯޓުގައިވާ ގޮތުން އައްޑޫސިޓީ ކައުންސިލްގެ އިދާރާ ތަމްސީލުކުރާ 13 މެންބަރުންގެ ތެރެއިން 8 މެންބަރުންނާ، ކައުންސިލްގެ އިދާރާގެ 2 މުވައްޒަފުން ހިމެނޭހެން ޖުމުލަ 10 ބޭފުޅުން މެލޭޝިއާ އަދި ސިންގަޕޫރަށް 8 ދުވަހުގެ ތަޖުރިބާ ދަތުރެއް ކޮށްފައިވެއެވެ. މި ދަތުރަށް ހިނގާނޭ ހަރަދުގެ ފައިސާ ލިބޭނޭ އެހެން ގޮތްތަކެއް (ސޮޕޮންސާ/ބޭރުގެ އެހީ)އަށް ނުބަލައި ކައުންސިލްގެ ބަޖެޓުން 515,101 ރުފިޔާ ހަރަދުކޮށްފައިވާކަން އޮޑިޓް ރިޕޯޓުގައިވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން އައްޑޫ ސިޓީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންގެ ތެރެއިން 9 މެންބަރުންނާއި ކައުންސިލް މެންބަރަކާ، ސެކްރެޓަރީ ޖެނެރަލް ހިމެނޭހެން ޖުމުލަ 11 ފަރާތަކުން މެލޭޝިއާ އަދި ސިންގަޕޫރަށް 8 ދުވަހުގެ ތަޖުރިބާ ދަތުރެއް ކޮށްފައިވާކަން އޮޑިޓް ރިޕޯޓްގައިވަނީ ފާހަގަކޮށްފައެވެ. މި ދަތުރަށް ހިނގާނޭ ހަރަދުގެ ފައިސާ ލިބޭނޭ އެހެން ގޮތްތަކެއް (ސޮޕޮންސަރ/ބޭރުގެ،ނުބަލައިއެހީ) އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބަޖެޓުން 685,509 ރުފިޔާ ހަރަދުކޮށްފައިވާކަން އޮޑިޓް ރިޕޯޓުން ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން މި ދަތުރުގައި ބައިވެރިވެފައިވާ ކައުންސިލްގެ މެމްބަރުގެ އިތުރުން ސެކްރެޓަރީ ޖެނެރަލް އޭގެ 3 މަސްދުވަސް ކުރިން ބޭއްވުނު ތަޖުރިބާ ދަތުރެއް ގައިވެސް ބައިވެރިވެފައިވާ ކަމާއި މިދަތުރުގައި ކުރިޔަށް ގެންގޮސްފައިވާ ޓްރެއިނިން ގައި މި ދެ ފަރާތުން ބައިވެރިވެފައި ނުވި ނަމަވެސ،ް މި ދެ ފަރާތުގެ ހުރުމާއި ކެއުމުގެ އިތުރަށް ޓިކެޓް ހަރަދަށް ޖުމުލަ 116,286 ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް އޮޑިޓް ރިޕޯޯޓުގައި ވަނީ ފާހަގަކޮށްފައެވެ،

މި މައްސަލަތަކާ ގުޅިގެން އޮޑިޓް އޮފީހުން ވަނީ މުހިންމު އިރުޝާދުތަކެއް ދީފައެވެ. އެގޮތުން ފިނޭންސް މިނިސްޓްރީ އާއި ކަމާބެހޭ ވުޒާރާތަކުން ނެރޭ މާލީ ސާކިއުލާތަކަށް ފުރިހަމައަށް އަމަލުކުރުމަށް އަންގާ، ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) މެދުވެރިވެގެން، ނީޑް އެސެސްމެންޓެއްގެ ދަށުން ނިޒާމީ ގޮތެއްގައި ތަމްރީނުތައް ކުރިއަށް ގެންދިއުމަށް ވަނީ ލަފާދީފައެވެ. އަދި ދަތުރުތައް ފެށުމުގެ ކުރިން އޭގެ ބޭނުމާއި ހާސިލުކުރަން ބޭނުންވާ ކަންކަން ސާފުކޮށް އެނގެން އޮތުމާއި، ދަތުރު ނިމުމުން އެކަންކަން އިދާރާގެ މަސައްކަތުގައި ބޭނުންކުރާ ގޮތުގެ ރެކޯޑު ބެލެހެއްޓުމަށް ވަނީ އަންގާފައެވެ.