ތައުލީމު ހާސިލުކުރުމަކީ ހަމައެކަނި އިމްތިހާނުތަކުން މަތީ ނަތީޖާއެއް ހޯދުން ނޫން ކަމަށާއި، އޭގެ އަސްލު މަގްސަދަކީ އަމިއްލަ ނަފުސަށް އިތުބާރުކުރާ، އަނެކުންނަށް ކަމޭހިތާ އަދި އިސްރަށްވެހިންނާއި މައިންބަފައިންނަށް އިހްތިރާމްކުރާ ޒިންމާދާރު ޖީލެއް ބިނާވުން ކަމަށް ތައުލީމާއި މަތީ ތައުލީމާއި ހުނަރުތައް ތަރައްގީކުރުމާބެހޭ މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ބ. ހިތާދޫ ސްކޫލަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި އެ ރަށުގައި ބޭއްވި އަލިމަސް ޔޫބީލްގެ ހާއްސަ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ހަލުވި ދުވެއްޔެއްގައި ބަދަލުވަމުން އަންނަ ޒަމާނީ ދުނިޔޭގައި ފެންނަންހުރި ޓެކްނޮލޮޖީއާއި ވަސީލަތްތަކުގެ ބޭނުން އެންމެ އެދެވޭ އަދި ފައިދާހުރި ގޮތުގައި ހިފަން ދަރިވަރުންނަށް ދަސްކޮށްދިނުމަކީ ތައުލީމީ ނިޒާމުގެ މައިގަނޑު އެއް ޒިންމާ ކަމަށެވެ. އަދި ސްކޫލަކަށް ލިބޭނެ އެންމެ އަގުބޮޑު ކާމިޔާބީއަކީ މުޖުތަމައަށް ބޭނުންތެރި، އަގުހުރި، ހެޔޮލަފާ ދަރިވަރުންތަކެއް ބިނާކުރުން ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ކިޔަވައިދިނުމަކީ ހަމައެކަނި ފޮތްތަކުން ފާސްވުމާއި އިމްތިހާނުތަކުން މަތީ މާކްސް ހޯދުން ނޫން ކަމަށެވެ. އޭގެ ބަދަލުގައި، މުޖުތަމައަށް ފައިދާހުރި، އަމިއްލަ ނަފުސަށް އިތުބާރު އޮތް އަދި އަނެކުންނަށް ކުުޅުނާއި އޯގާތެރިކަން އިސްކުރާ ޒިންމާދާރު ޖީލެއް ބިނާކުރުމަކީ ތައުލީމުގެ އަސްލު މަގްސަދު ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެއިތުރުން، މައިންބަފައިންނާއި ޓީޗަރުން އަދި ރަށުގެ އިސްރަށްވެހިންނަށް އިހްތިރާމާއި ލޯބި ދިނުމުގެ ރިވެތި އާދަ ދަރިވަރުންގެ ކިބައިގައި ހަރުލެއްވުމަށް މިނިސްޓަރު އިލްތިމާސްކުރެއްވިއެވެ.

ހިތާދޫ ސްކޫލުގެ މާޒީއަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، އެ ސްކޫލުން ތައުލީމު ހާސިލުކުރި އިސްދަރިވަރުން ވަނީ އިސްލާމްދީނާއި ޤައުމުގެ ޚިދުމަތުގައި ނަމޫނާ ދައްކައި، ޤައުމީ ފެންވަރުގައި އަގުހުރި މަސައްކަތްތަކެއް ކޮށްދީފައެވެ. އަދި ވޭތުވެދިޔަ އަހަރުތަކުގައި ރަށުގެ އެކި ޖީލުތަކުން ވެފައިވާ ގުރުބާނީގެ ސަބަބުން ސްކޫލަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ސްކޫލުގެ ކުރިމަގަށް އަލިއަޅުއްވާލައްވަމުން ޑރ. ޝަފީއު ވިދާޅުވީ، ހިތާދޫ ސްކޫލުގެ ޖާގައާއި އުމްރާނީ ތަރައްގީއަށް ބޭނުންވާ މަޝްރޫއުތައް މިހާރު ވަނީ އެކުލަވާލެވިފައި ކަމަށާއި، ލަސްތަކެއްނުވެ އެ މަސައްކަތްތައް އަމަލީ ގޮތުން ފެށިގެންދާނެ ކަމަށެވެ.

1951 ވަނަ އަހަރުގެ އެޕްރީލް 17 ގައި، ގާތްގަނޑަކަށް 200 އެއްހާ ކުދިންނާއެކު އަދި ބޭރުން ގެނައި މުދައްރިސުންނާއެކު ކިޔަވައިދޭން ފެށި ހިތާދޫ ސްކޫލަކީ މިއަދު ތައުލީމީ ގޮތުން ފާހަގަކޮށްލެވޭ އެތައް ކާމިޔާބީތަކެއް ހޯދަމުން އަންނަ މުހިންމު ބިނާއެކެވެ.