ދަރިވަރުން ތައުލީމީ މަރުހަލާގައި ހާސިލްކުރާ މިންވަރު އިތުރުކުރުމަށްޓަކައި، އަންނަ އަހަރު ކީ ސްޓޭޖް 1 ގެ ފޮތްތަކަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ނިންމަވާފައިވާކަން ތައުލީމާ މަތީ ތައުލީމާ ހުނަރުތައް ތަރައްގީކުރުމާއި ބެހޭ ވަޒީރު ޑރ. އިސްމާއިލް ޝަފީއު ހާމަކުރައްވައިފިއެވެ.

ވަޒީރު މިކަން ހާމަކުރެއްވީ މިހާރު ކުރިއަށް ދާ 8 ވަނަ އިންޓަނޭޝަނަލް ޓީޗާސް ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ވަޒީރު ވިދާޅުވީ، ކަރިކިއުލަމްގެ ކޮންޓެންޓަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް މިހާރުވެސް ކުރެވެމުން ދާކަމަށެވެ. އެގޮތުން އަންނަ އަހަރު ކީ ސްޓޭޖް 1 ގެ ގްރޭޑް 1 ގެ ފޮތްތަކަށް ބޮޑު ބަދަލެއް އަންނާނެ އަހަރެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.

ފޮތްތަކަށް ބަދަލު ގެނެވުނު ނަމަވެސް ހަގީގީ ބަދަލެއް އަންނާނީ މުދައްރިސުންގެ މަސައްކަތުން ކަމަށާއި، އޭއައި އާއި ޓެކްނޮލޮޖީއަށް އަންނަ ބަދަލުތަކަށް ދަރިވަރުން ތައްޔާރުކުރުމަށް ޓީޗަރުން އަހުލުވެރިވާންޖެހޭ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އެހެންކަމުން މި ކޮންފަރެންސްގެ މަގްސަދަކީ ޓީޗަރުން ސިޔާސަތުތަކަށް އަންނަ ބަދަލުތަކާއި ކުލާހުގައި ކިޔަވައިދޭ ގޮތްތަކާއި ދިރާސާތަކާއި ގުޅުވާލުން ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މި ފުރުސަތުގެ ބޭނުން ޓީޗަރުން ހިފުމަށް ވަޒީރު ގޮވާލެއްވިއެވެ.

މީގެ އިތުރުން ވަޒީރު ވިދާޅުވީ ސާނަވީ ނިންމާ ދަރިވަރުންގެ ތެރެއިން މަތީ ސާނަވީއަށް ދާ ދަރިވަރުންގެ ނިސްބަތް ކުރިން ހުރި 40 ޕަސެންޓުން 50 ޕަސެންޓަށް މިހާރު އިތުރުކުރެވިފައިވާ ކަމަށެވެ. އަދި މާލޭ ވޮކޭޝަނަލް ހައިސް ސްކޫލާއެކު މަތީ ސާނަވީއަށް ދާ ދަރިވަރުންގެ ނިސްބަތް 60 އިންސައްތައަށް މަތިކުރެވޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އިތުރަށް ވަޒީރު ވިދާޅުވީ ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ސާނަވީ ތައުލީމު ހާސިލް ކުރާ ދަރިވަރުންނާ، މަތީސާނަވީއަށް ދާ ދަރިވަރުންގެ މެދުގައި އޮތް ފަރަގު ކުޑަކުރުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ.

ޓީޗަރުންނަކީ މުޖުތަމައުގެ ތެރޭގައި ބާރާއި އިހްތިޔާރު އޮންނަ ބައެއްކަން ގަބޫލުކުރަން ޖެހޭކަން ފާހަގަކުރައްވަމުން ވަޒީރު ވަނީ ޓީޗަރުން މުޖްތަމައުގެ ތެރޭގައި ހަރަކާތްތެރިވާ މިންވަރު އިތުރުކުރުމަށް ގޮވާލައްވާފައެވެ. އަދި މުޖްތަމައުގެ ތެރޭގައި ޓީޗަރުންގެ ދައުރު ފުޅާކޮށް، ބެލެނިވެރިންނާއި ދަރިވަރުންނާ ގުޅިގެން މަސައްކަތް ކުރުމަށް އިލްތިމާސް ކުރެއްވިއެވެ.