ޗައިނާ މާލެ ފްރެންޑްޝިޕް ބްރިޖުގައި އުޅަނދެއް ޖެހި ރޭ ހިނގި ހާދިސާއަކީ ބޮޑު ނުރައްކަލަކުން ކިރިޔާ ސަލާމަތްވި ހާދިސާއެއް ކަމަށާއި، ނަމަވެސް ބްރިޖުގެ ސްޓްރަކްޗާއަށް އެއްވެސް ގެއްލުމެއް ލިބިފައިނުވާ ކަމަށް ހައުސިން މިނިސްޓަރު އަބްދުއްﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މުއްތަލިބު ވިދާޅުވީ ބްރިޖު އިމާރާތްކުރި ސެކަންޑް ހާބަރު އިންޖިނިއަރިން ކޮމްޕެނީ (އެސްއެޗްއީސީ) ގެ އިންޖިނިއަރުން ރޭގައާއި މިއަދު ހެނދުނު ވަނީ ބްރިޖުގެ ހާލަތު ބަލައި އިންސްޕެކްޓް ކޮށްފައިކަމަށެވެ.
އިންސްޕެކްޝަނަށްފަހު މުއްތަލިބު ވިދާޅުވީ، ބްރިޖުގެ ސްޓްރަކްޗާއަށް އެއްވެސް ގެއްލުމެއް ލިބިފައި ނުވާކަމަށާއި، ލިބިފައިވަނީ ހަމައެކަނި މަތީ ފަށަލައަށް ލިބުނު ކުދިކުދި ސްކްރެޗްތަކެއްކަމަށެވެ. ޗައިނާގެ ހިލޭ އެހީގެ ދަށުން ވެވިފައިވާ މަރާމާތާއި ބެލެހެއްޓުމުގެ އެއްބަސްވުމުގެ ދަށުން އެސްއެޗްއީސީން އެ ބައިތައް މަރާމާތުކުރާނެ ކަމަށް މުއްތަލިބު ވަނީ ވިދާޅުވެފައެވެ.
މާލެ ސަރަހައްދުގައި އުޅަނދެއް ކޮންޓްރޯލް އިން ނެއްޓި ދިޔުމަކީ ދެ ބްރިޖާއި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އިތުރުން މުޅި މާލެ ސަރަހައްދުގެ މުހިންމު ވަސީލަތްތަކަށް ބޮޑު ނުރައްކަލެއް ކުރިމަތިވެދާނެ ކަމެއްކަން ފާހަގަކުރައްވާ މުއްތަލިބު ވިދާޅުވީ، މިފަދަ ކަންކަމުގައި ފިޔަވަޅު އަޅަންޖެހޭނީ ހާދިސާއެއް ހިނގުމުގެ ކުރިން ކަމަށެވެ.
އެގޮތުން ހިނގާފާނެ މިފަދަ ހާދިސާއަކުން ރައްކާތެރިވުމަށް މިފަދައިން ދާ އުޅަނދުފަހަރު ބްރިޖާ ހަމައަށް ފޯރުމުގެ ކުރިން ހިފެހެއްޓޭނެ ފަދަ ބާރުގަދަ ދެ ޓަގްބޯޓު ގެނައުމުގެ މަސައްކަތް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ކުރަމުންދާކަމަށް މިނިސްޓަރު މުއްތަލިބު ވަނީ ވިދާޅުވެފައެވެ. މުއްތަލިބު ވިދާޅުވީ މި ޓަގްބޯޓުތައް ކުރިއަށް އޮތް 2 މަސްދުވަހުގެ ތެރޭގައި ލިބޭނެކަމަށެވެ.
މީގެއިތުރުން ބަނދަރުގައި އުޅަނދުފަހަރު އަޅާފައި ބެހެއްޓުމުގެ އިންތިޒާމުތައް އިތުރަށް މުރާޖާއާކޮށް، ކޯސްޓްގާޑާއި އެހެނިހެން ކަމާބެހޭ އިދާރާތަކާ ގުޅިގެން ކުއްލި ހާލަތްތަކުގައި މުއާމަލާތްކުރާނެ ނިޒާމުތައް ހަރުދަނާކުރުމުގެ މަސައްކަތް ވެސް ކުރަމުންދާކަމަށް ވަނީ ވިދާޅުވެފައެވެ.
މި ހާދިސާ ރޭ ހިނގިއިރު 'ދަ ޕްރެސް' ގެ ނޫސްވެރިން ތިބީ ސިޓްރަން ރެސްޓޯރަންޓްގައެވެ. ނޫސްވެރިން ބުނީ މި ހާދިސާ ހިނގަން މެދުވެރިވީ ކަނޑުގެ އޮއެވަރު ގަދަވެ، ބޯޓު އަޅާފައި އޮތް ނަގިލި ކަހައިގެން ގޮސް ބްރިޖާ ދިމާލަށް ގޮސްގެންކަމަށެވެ.
