ސިނަމާލެ ބްރިޖަށް ފަތިހު ކަސްރަތަށްދާ އަންހެނަކަށް ބިދޭސީއަކު ފުރައްސާރަކުރާ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން ބުނީ އެކި ފަހަރު މަތިން މީހަކަށް ފުރައްސާރަކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް މިއަދު ހެނދުނު 6:00 ހާއިރު އެ އިދާރާއަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ މައްސަލަ ތަހުގީގުކުރަމުންދާކަން ފުލުހުން ހާމަ ކުރި ނަމަވެސް އެ މައްސަލައާއި ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ހިއްސާކޮށްފައި ނުވެއެވެ.

އެ އަންހެން މީހާ ވަނީ ފުރައްސާރަކުރާ ކަމަށް ބުނާ ފިރިހެން މީހާގެ ވީޑިއޯއެއް ވެސް ސޯޝަލް މީޑިއާގައި އަާންމުކޮށްފައެވެ. އެ ވީޑިއޯއިން ފެންނަނީ ފިރިހެންމީހާ އާއި އޭނާ ސުވާލު ކުރާ މަންޒަރެވެ. އަދި ކޮންމެ ދުވަހަކު ކަސްރަތަށް ނުކުމެ އުޅޭއިރު ފުރައްސާރަކުރަނީ ކީއްވެތޯ އަންހެން މީހާ ސުވާލު ކުރާ އަޑު އިވެއެވެ.

އަދި ފިރިހެން މީހާ "ސޮރީ" އޭ ބުނުމަށްފަހު ފަސް އެނބުރި ދާތަން ފެންނައިރު އަންހެން މީހާ މެދު ނުކެނޑި އޭނާ އާއި ސުވާލު ކުރަމުން ފަހަތުން ދާ މަންޒަރުވެސް ވީޑިއޯއިން ފެނެއެވެ. އަންހެން މީހާ ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުން ފިރިހެން މީހާ ފުރައްސާރަ ކުރާތާ ތިން މަސް ދުވަސް ވެއްޖެއެވެ.

އަދި އެކަމަށް ކެތް ނުކުރެވިގެން މިއަދު ފުލުހުންގެ 119 ނަންބަރަށް ގުޅާ މައްސަލަ ރިޕޯޓު ކުރުމުން ފުލުސް އޮފީހަށް ހާޒިރުވުމަށް އެދުމުން ހާޒިރުވެ އެ މައްސަލަ ރިޕޯޓު ކުރި ކަމަށް އަންހެން މީހާ ބުނެފައި ވެއެވެ.