ހުއްދަ ނެތި ރާއްޖޭގެ ސަރަހައްދަށް ވަދެ އުޅެނިކޮށް ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ދެ އުޅަނދެއް، އޮޔާ ގޮސް ސިނަމާލެ ބްރިޖުގައި ޖެހުނު މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ (241) ކޮމިޓީއަށް ހުށަހަޅައިފިއެވެ.

މި މައްސަލަ ކޮމިޓީއަށް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) އެވެ. ކޮމިޓީއަށް ފޮނުއްވި ސިޓީގައި މެންބަރު ވަނީ ކަމާ ބެހޭ މުއައްސަސާތައް ހާޒިރުކޮށް، ސުވާލުކޮށްދިނުމަށް އެދިވަޑައިގެންފައެވެ.

ކޮމިޓީއަށް ހުށަހެޅި ސިޓީގައިވަނީ މިދިޔަ އޭޕްރީލް މަހުގެ 26 ވަނަ ދުވަހު ހުއްދަ ނެތި ދެ ބޯޓު ރާއްޖެ ވަން ކަން އެނގުނީ ހަފުތާއެއް ފަހުން ކަމަށްވާތީ، އެ ހާލަތަށް ދާން މެދުވެރިވި ސަބަބާއި އިހުމާލުވި ފަރާތްތައް ބެލުމަށް އެދިފައެވެ. އަދި ދެ ބޯޓުގައި ތިބި ފަޅުވެރިން ހާލުގައި ތިބޭތާ 5 މަސް ދުވަސް ވެފައިވާއިރު އެކަމަށް އެކަށީގެންވާ ހައްލެއް ނުހޯދައިދެވުނު ސަބަބު ސާފުކުރުމަށްވެސް ވަނީ އެދިފައެވެ

މީގެ އިތުރުން މާލެ އަދި ބްރިޖު ސަރަހައްދުގައި އެ ދެ އުޅަނދު އަޅާފައި އޮތް މުއްދަތުގައި އުޅަނދުތަކުގެ ފަންނީ އަދި ސަލާމަތީ ހާލަތު އިދާރާތަކުން ބަލާފައިވޭތޯ ކަށަވަރުކުރުމަށް އެދިފައިވެއެވެ. އަދި ސިނަމާލެ ބްރިޖަކީ އިންޝުއާކޮށްފައިވާ ތަނެއްތޯ އާއި، މި ހާދިސާގައި ލިބުނު ގެއްލުމުގެ ބަދަލު ހޯދޭނެ ގޮތްތައް ސާފުކުރުމަށް ވަނީ ހުށަހަޅާފައެވެ.

މި ހާދިސާގައި ސިނަމާލެ ބްރިޖަށް ބޮޑު ގެއްލުމެއް ލިބިފައިނުވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވަނީ ވިދާޅުވެފައެވެ. އަދި ބްރިޖު އެޅި ޗައިނާގެ ސީސީސީސީ/އެސްއެޗުއީސީގެ ޓީމުން ވަނީ ބްރިޖުގެ އިންސްޕެކްޝަން މަސައްކަތްތައް ކުރިއަށް ގެންގޮސް، ބްރިޖުގެ މައިގަނޑު ސްޓްރަކްޗާއަށް ގެއްލުމެއް ނުވާކަމުގެ ޔަގީންކަން ދީފައެވެ.

ނަމަވެސް އިދިކޮޅު އެމްޑީޕީން ވަނީ ކަންބޮޑުވުން ފާޅުކޮށް ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި، ނުރައްކާތެރިކޮށް އަޅާފައި އޮތް ދެ ބޯޓު ރައްކާތެރި ތަނަކަށް ބަދަލުކުރަން ނިންމި ފަހުން ދޮޅު މަސް ވެގެން ދިޔައިރުވެސް އެކަން ކޮށްފައިނުވާތީއާއި، ގައުމީ ސަލާމަތަށް ހުރި ނުރައްކާތަކާ މެދު ސަރުކާރުން ޖަވާބުދާރީވުމަށް ވަނީ ގޮވާލާފައެވެ.