ރިސޯޓުތަކަށް ލިބޭ ޑޮލަރު އާމްދަނީގެ 40 ޕަސެންޓް ބޭންކުތަކަށް މާރުކުރަން ޖެހުމުން ވާނެ ގޮތް ސާފުކޮށްދިނުމަށްޓަކައި، ރިސޯޓުތަކުގެ މާލީ ހިސާބުތައް ބައްލަވާލެއްވުމަށް ސަރުކާރަށް ދައުވަތު ދެއްވާފައިވާނެ ކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) ގެ ޗެއާމަން ހުސެން އަފީފް (ޗަމްޕާ އަފީފް) ވިދާޅުވެއްޖެއެވެ.
މަޓީގެ މެންބަރުންނާ އެކު މިދިޔަ އަންގާރަ ދުވަހު އޮންލައިންކޮށް ބޭއްވި ބައްދަލުވުމެއްގައި އަފީފް ވިދާޅުވީ، ރިސޯޓުތަކަށް ލިބޭ އާމްދަނީގެ 80 ޕަސެންޓް ހޭދަވަނީ ރިސޯޓުތައް ހިންގާ މެނޭޖު ކުރުމަށާއި، އިންވެސްޓްމަންޓްތަކަށް ކުރަންޖެހޭ ހަރަދުތަކަށް ކަމަށެވެ. އަދި އެ ހަރަދުތަކަށް ފަހު ޑޮލަރު އާމްދަނީގެ ބާކީ އޮންނަނީ ވަރަށް ކުޑަ މިންވަރެއް ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.
"އާމްދަނީގެ 40 ޕަސެންޓް މާރުކުރުމާ ގުޅޭ ގޮތުން އަޅުގަނޑުމެން ދެންނެވިން އަޅުގަނޑުމެންގެ ހިސާބުތައް، ފޮތްތައް ހުޅުވާ ދައްކާނަމޭ، ބަލަން އަންނާށޭ، އެ 40 ޕަސެންޓް މާރު ކުރީމާ ދެން ވާނީ ކިހިނެއްތޯ. އެކްސެސް ދިވެހި ރުފިޔާ އަޅުގަނޑުމެން އަތުގައި ހުރީމާ ވާނެ ގޮތަކީ ކޮބައިތޯ، އިމްޕޯޓަށް ވާނީ ކިހިނެއްތޯ،" އަފީފް ވިދާޅުވި އެވެ. "އެހެންވީމާ އަޅުގަނޑު ޕާސަނަލީ މިނިސްޓަރަށް ދައުވަތު ދިނިން އަޅުގަނޑުމެންގެ ބުކްސް ބަލާލަން ވަޑައިގަތުމަށް، މީރާ އިން މީހުން ފޮނުވުމަށް. އެކަމަކު އަދި އެ މީހުން ނާދޭ."
ބޭރު ފައިސާއާ ބެހޭ ގާނޫނަށް ގެނައި މި ބަދަލުގެ އިތުރުން، ޑެސްޓިނޭޝަން ޕްރިންސިޕަލް ތަންފީޒުކޮށް ބޭރުގެ ބުކިން ޕްލެޓްފޯމުތަކާއި ޓްރެވެލް އެޖެންޓުން އަދި ޓުއާ އޮޕަރޭޓަރުން ފޯރުކޮށްދޭ ހިދުމަތުން އަންނަ މަހުން ފެށިގެން 17 ޕަސެންޓްގެ ޖީއެސްޓީ ނަގަން ނިންމި ނިންމުމާ މެދު ވެސް ޓޫރިޒަމް ދާއިރާގެ ބޮޑެތި ކަންބޮޑުވުންތަކެއް ހުރިކަން މަޓީން ވަނީ ހާމަކޮށްފަ އެވެ.
މި ކަންބޮޑުވުންތަކާ ގުޅިގެން ކޯޓަށް މައްސަލަ ހުށަހެޅުމުގެ ބަދަލުގައި، ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކާ ބައްދަލުކޮށް މަޝްވަރާގެ އުސޫލުން ހައްލު ހޯދުމަށް އަފީފް ވަނީ މެންބަރުންނަށް އިލްތިމާސްކުރައްވައިފަ އެވެ. އަދި އެފަދަ ބައްދަލުވުންތައް ފަހިކޮށްދީ، މެންބަރުން އެދިއްޖެ ހާލަތެއްގައި މަޓީން ސީދާ އެ ބައްދަލުވުންތަކުގައި ބައިވެރިވާނެ ކަމުގެ ޔަގީންކަން ވެސް އޭނާ ވަނީ ދެއްވައިފަ އެވެ.
އަފީފް ވިދާޅުވީ ގާނޫނުތަކަށް ގެނައި މި ބަދަލުތަކާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތައް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާ އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް ހިއްސާކުރަމުން އަންނަ ކަމަށެވެ.
