ޗީފް ގަވަންމަންޓް ސްޕޯކްސްޕާސަން މުހައްމަދު ހުސައިން ޝަރީފް ހެއްދެވީ "ބުހުތާނު ދޮގެއް" ކަމަށް ބުނެ 'ދައުރު' ނޫހުގައި ލިޔެފައިވާ ހަބަރަކީ "ރޯބުހުތާނު ދޮގެއް" ކަމަށް ބުނެ ސަރުކާރުން އެކަން ދޮގުކޮށްފިއެވެ.

'ދައުރު' ނޫހުގައި 6 ސެޕްޓެމްބަރު 2026 ގައި ޝާއިއުކޮށްފައިވާ "ބުހުތާނު ދޮގެއް: އާމްދަނީގެ 40 އިންސައްތަ މާރުކުރުވަނީ ޓޫރިޒަމާ މަޝްވަރާކޮށްފައި ކަމަށް ބުނުން" ސުރުހީގެ ހަބަރުގައި، ވަނީ ރިސޯޓްތަކުގެ އާމްދަނީގެ 40 އިންސައްތަ ކޮންމެ މަހަކު މާރުކުރަންޖެހޭ ގޮތަށް ގާނޫނު ބަދަލުކުރީ ޓޫރިޒަމް ސިނާއަތުގެ ފަރާތްތަކާ މަޝްވަރާކުރުމެއްނެތި، ކުއްލިއަކަށް "ސަޕްރައިޒެއް"ގެ ގޮތުގައި ކަމަށް ބުނެފައެވެ.

ބޭރު ފައިސާއާބެހޭ ގާނޫނަށް 1 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސް މުއިއްޒު އޮގަސްޓް 31 ގައި ތަސްދީގުކުރެއްވުމާއެކު، ކެޓެގަރީ 'އޭ' ޓޫރިޒަމް އެސްޓެބްލިޝްމަންޓްތަކުން މަހަކު ލިބޭ ގްރޮސް ސޭލްސްގެ 40 އިންސައްތަ މާރުކުރަންޖެހޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.

އަދި މީގެ ކުރިން އޮތް ބޮލަކަށް 500 ޑޮލަރު މާރުކުރުމުގެ އޮޕްޝަން އުނިކޮށް ކެޓެގަރީ 'ބީ' އެސްޓެބްލިޝްމަންޓްތަކުން ކޮންމެ ޓޫރިސްޓަކަށް 25 ޑޮލަރު ނުވަތަ ގްރޮސް ސޭލްސްގެ 20 އިންސައްތަ މާރުކުރަންޖެހޭ ގޮތަށް ވަނީ ކަނޑައަޅައިފައެވެ.

ރައީސް އޮފީހުން ބުނީ މި އިސްލާހުތަކާ ގުޅޭގޮތުން މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އާއެކު އެއްފަހަރަށްވުރެ ގިނަ ފަހަރު މަޝްވަރާކުރެވިފައިވާކަމަށެވެ.

އެގޮތުން އޮގަސްޓް 23 ވީ ދުވަހު ރައީސް އޮފީހުގައި ބޭއްވި ފުޅާ ދާއިރާއެއްގެ މަޝްވަރާ ބައްދަލުވުމުގައި، ސަރުކާރުގެ ވަޒީރުންނާއި އެމްއެމްއޭގެ ގަވަރުނަރުގެ އިތުރުން މަޓީގެ ވައިސް ޗެއާމަން، ސެކްރެޓަރީ ޖެނެރަލް އަދި ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް ހިމެނޭހެން ޖުމުލަ 6 ބޭފުޅުން ބައިވެރިވެވަޑައިގެންނެވިކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

އަދި 24 އޮގަސްޓް 2026 ގައި މަޓީން ނެރުނު ޕްރެސް ރިލީޒުން ވެސް މި ބައްދަލުވުމުގައި އެފަރާތުން ބައިވެރިވިކަން އެނގެން އޮތްކަން ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

އެހެންކަމުން މަޓީއާ މަޝްވަރާކޮށްފައި ނުވާކަމަށާއި އެއީ ކުއްލި ހައިރާންކަމެއް ކަމަށް ބުނެ ދައްކާފައިވާ ވާހަކަތަކަކީ ހަގީގަތާ ހިލާފު، ދޮގު ވާހަކަތަކެއްކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.