ރިސޯޓުތަކުން ބޭންކުތަކަށް މާރުކުރަން މަޖުބޫރުކުރާ ބޭރު ފައިސާގެ ނިސްބަތް، ޖުމްލަ އާމްދަނީގެ 40 ޕަސެންޓަށް އިތުރުކުރުމަށް ސަރުކާރުން ހުށަހެޅި ހުށަހެޅުމާ މެދު އިންތިހާއަށް ކަންބޮޑުވާކަން ހާމަކޮށް، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އިން ނޫސްބަޔާނެއް ނެރެފިއެވެ.

މަޓީން ނެރުނު ބަޔާނުގައި ބުނެފައިވަނީ، މި ހިނގާ އޮގަސްޓް މަހުގެ 23 ވީ އާދީއްތަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ކުއްލި ބައްދަލުވުމެއްގައި، ބައެއް ރިސޯޓު އޮޕަރޭޓަރުން ގާނޫނާ ހިލާފަށް ކަޅު ބާޒާރުގައި ޑޮލަރު ވިއްކައި އަގު އުފުލަން މަސައްކަތްކުރާ ކަމަށް ތަހުގީގީ އިދާރާތަކަށް ފާހަގަކުރެވިފައިވާ ކަމަށް ސަރުކާރުގެ މިނިސްޓަރުން އެ ޖަމިއްޔާގެ ބޯޑަށް އަންގަވާފައިވާ ކަމަށެވެ. ނަމަވެސް، މިފަދަ އެއްވެސް މުއާމަލާތެއްގެ މައުލޫމާތު އެ ޖަމިއްޔާއަށް ލިބިފައި ނުވާ ކަމަށާއި، އަދި ހުރިހާ މެންބަރުންވެސް ގާނޫނުތަކާއި ގަވާއިދުތަކަށް ފުރިހަމައަށް ބޯލެނބުމަށް އެ ޖަމިއްޔާއިން އަބަދުވެސް އިލްތިމާސްކުރަމުން އަންނަ ކަމަށް މަޓީން ބުނެފައިވެއެވެ.

މި މައްސަލައާ ގުޅިގެން މި މަހުގެ 24 ވަނަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްއެމްއޭގެ ގަވަރުނަރު އަހްމަދު މުނައްވަރާއި، ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ މިނިސްޓަރު އަލީ އިހްސާން، އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ މިނިސްޓަރު މުހައްމަދު ސައީދު އަދި ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވަނީ ބައިވެރިވެވަޑައިގެންފައެވެ. މި ބައްދަލުވުމުގައި، ރިސޯޓުތައް ހިމެނޭ 'ކެޓަގަރީ އޭ' ގެ ވިޔަފާރިތަކުން މާރުކުރަންޖެހޭ އަދަދު 40 ޕަސެންޓަށް މަތިކުރަން ނިންމި މައިގަނޑު ސަބަބަކީ ބައެއް އޮޕަރޭޓަރުންނާ މެދު ކުރެވޭ، ގާނޫނާ ހިލާފަށް ކަޅު ބާޒާރުގައި ޑޮލަރު ވިއްކައި އަގު އުފުލަން މަސައްކަތްކުރާ ކަމުގެ ތުހުމަތުތައް ކަމުގައި ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

މިކަމާ ގުޅިގެން މަޓީން ފާހަގަކުރީ، ތަހުގީގު ކުރެވެމުންދާ ވަކިވަކި ފަރާތްތަކެއްގެ މައްސަލައަކާ ގުޅުވައި މުޅި ސިނާއަތަށް މިފަދަ ހަރުކަށި ސިޔާސަތެއް ތަންފީޒުކުރުމަކީ އިންސާފުވެރި ގޮތެއް ނޫން ކަމަށެވެ. އަދި ޑޮލަރުގެ ކަޅު ބާޒާރު އުފެދުމުގެ ޒިންމާ ހަމައެކަނި ރިސޯޓުތަކުގެ ބޮލުގައި އެޅުވުމަކީ ހަގީގަތާ ހިލާފު ކަމެއް ކަމަށްވެސް އެ ޖަމިއްޔާއިން ބުނެފައިވެއެވެ.

މީގެ އިތުރުން މަޓީގެ ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި، މި މަހުގެ ކުރީކޮޅު އެމްއެމްއޭއާއެކު ބޭއްވުނު މަޝްވަރާތަކުގައި، ކޮންމެ ފަތުރުވެރިއަކަށް 500 ޑޮލަރު މާރުކުރުމުގެ ބަދަލުގައި، ޖުމްލަ އާމްދަނީގެ 20 ޕަސެންޓް މާރުކުރުމަށް އެމްއެމްއޭއިން ހުށަހެޅިއެވެ. އެ ބައްދަލުވުމުގައި މަޓީން ބާރުއެޅީ އެ ނިސްބަތް 10 ޕަސެންޓަށް ވުރެ މަތިނުކުރުމަށާއި، ގަވާއިދާ އެއްގޮތަށް އިސްތިސްނާ ހޯދުމަށް އެދި ރިސޯޓުތަކުން ހުށަހަޅާފައިވާ މައްސަލަތައް އަވަހަށް ނިންމައިދިނުމަށެވެ. އެހެންކަމުން، އެ ބައްދަލުވުމަށް ކުޑަ ދުވަސްކޮޅެއް ވެފައިވަނިކޮށް، ކުއްލިއަކަށް މި ނިސްބަތް 40 ޕަސެންޓަށް ބޮޑުކުރަން ނިންމުމަކީ ސިނާއަތަށް ބަލައިގަނެވޭނެ އަދި އަމަލީ ގޮތުން ތަންފީޒުކުރެވޭނެ ނިންމުމެއް ނޫން ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.

ރިސޯޓުތަކަކީ ތެލާއި، މުވައްޒަފުންގެ މުސާރައާއި، ސާވިސް ޗާޖާއި، މުދާ އެތެރެކުރުމާއި ދަތުރުފަތުރުގެ އިތުރުން، ޓީޖީއެސްޓީ، ގްރީން ޓެކްސް، ވިތުހޯލްޑިން ޓެކްސް، އިންކަމް ޓެކްސް، ބިމު ކުލި އަދި ބޭރުގެ ލޯނުތައް ފަދަ އެތައް ކަމަކަށް ޑޮލަރުން ބޮޑެތި ހަރަދުތަކެއް ކުރަމުންދާ ފަރާތްތަކެއްކަން މަޓީން ހަނދާންކޮށްދިނެވެ.

ރާއްޖޭގެ 146 ރިސޯޓު ތަމްސީލުކުރާ، އަދި އިގްތިސާދަށް އެންމެ ގިނައިން ބޭރު ފައިސާ ވައްދައި މާރުކުރާ އެންމެ ބޮޑު އެއް ޖަމިއްޔާގެ ހައިސިއްޔަތުން މަޓީން ބުނީ، ސަރުކާރާއި އެމްއެމްއޭ އަދި ކަމާގުޅުންހުރި އެންމެހައި ފަރާތްތަކާ އެކު ވާހަކަދައްކައިގެން، ހަގީގަތްތަކުގެ މައްޗަށް ބިނާވެފައިވާ، ދެމެހެއްޓެނިވި އަދި އިންސާފުވެރި ހައްލެއް ހޯދުމަށް އަބަދުވެސް އެއްބާރުލުން ދޭނެ ކަމަށެވެ.