ރާއްޖޭގެ ފިނިހޫނުމިން މައްޗަށް ދާތީ، ހޫނުގެ ސަބަބުން ދިމާވެދާނެ ޞިއްޙީ ނުރައްކާތަކަށް ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.

އެޗްޕީއޭއިން ހާމަކޮށްފައިވާ ގޮތުގައި، ދުވަސްވަރަކީ ހޫނުމިން މަތިވަމުންދާ ދުވަސްވަރަކަށް ވުމުން، ހޫނުގަދަވުމުގެ ސަބަބުން ވަރުބަލިވުމާއި (ހީޓް އެގްޒޯސްޝަން) އަދި ފުރާނައަށް ނުރައްކާވާ ފަދަ ހާލަތެއް ކަމަށްވާ "ހީޓް ސްޓްރޯކް" ޖެހުމުގެ ފުރުސަތު ބޮޑެވެ. އެހެންކަމުން މިފަދަ ހާލަތްތަކުގެ ނުރައްކަލުގެ އަލާމާތްތައް ދެނެގަނެ، ކުއްލި ހާލަތްތަކުގައި އަޅަންޖެހޭ ފިޔަވަޅުތަކަށް ހޭލުންތެރިވުން މުހިންމެވެ.

އެޗްޕީއޭއިން ބަޔާންކޮށްފައިވާ ގޮތުގައި މީހަކަށް ހީޓް ސްޓްރޯކް ޖެހިއްޖެނަމަ ނުވަތަ އެފަދަ އަލާމާތެއް ފެނިއްޖެނަމަ ވަގުތުން އަޅަންޖެހޭ ފިޔަވަޅުތަކުގެ ތެރޭގައި:

  • ލަސްނުކޮށް ކުއްލި ފަރުވާދޭ ފަރާތްތަކަށް ގުޅައި އެހީތެރިކަން ހޯދުން.
  • އެ މީހަކު ވަގުތުން ހިޔާ އަޅާފައިވާ ނުވަތަ އޭސީ ކޮށްފައިވާ ފިނި ތަނަކަށް ބަދަލުކުރުން.
  • ހަށިގަނޑު ފިނިކުރުމަށްޓަކައި ލައިގެން ހުރި ނުވަތަ ބޭނުންނުވާ އިތުރު ހެދުންތައް ބޭލުން ނުވަތަ ދޫކޮށްލުން.
  • ފިނި، ތެތް ފޮތި ނުވަތަ ތުވާލި ހަށިގަނޑުގައި އެޅުން.
  • އަނގައިގެ މަގުން އެއްވެސް އެއްޗެއް ނުދިނުން (ކާން ނުވަތަ ބޯން ނުދިނުން).
  • އެ މީހާގެ ހާލަތު ވަރަށް ގާތުން ބަލައި، ހާލަތު ރަނގަޅުވަމުންދޭތޯ ނުވަތަ ގޯސްވަމުންދޭތޯ ވިލަރެސްކުރުން.

މި ދުވަސްވަރު ހޫނުގަދަ ވަގުތުތަކުގައި ބޭރުގައި ގިނަވަގުތު ހޭދަނުކުރުމަށާއި، ސިއްހީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އެންމެހައި ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ.

ހީޓް ސްޓްރޯކަކީ ހޫނުގަދަވުމުގެ ސަބަބުން ދިމާވާ އެންމެ ނުރައްކާތެރި އެއް ހާލަތަށް ވާއިރު، މިކަމަށް ފަރުވާކުޑަކޮށްފި ނަމަ ފުރާނައަށް ވެސް ނުރައްކާ ވެދާނެއެވެ. އެހެންކަމުން، ހޫނުގަދަ ދުވަސްވަރު ގިނައިން ފެން ބުއިމާއި، އަވީގައި ގިނައިރު ނޫޅުމުގެ އިތުރުން، ހީޓް ސްޓްރޯކްގެ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް އަވަސް ފަރުވާ ދިނުމަކީ ކޮންމެ މީހެއްގެ ވެސް ފުރާނަ ސަލާމަތްކުރުމަށްޓަކައި ކޮންމެހެން މުހިންމު ކަމެކެވެ. ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން އަމިއްލަ ނަފްސާއި އަނެކުންގެ ސިއްޙަތު ސަލާމަތްކުރުމަށް ސަމާލުކަން ދިނުން މުހިންމެވެ.