އިރުގެ އެންމެ ބޭރު ފަށަލަ ކަމަށްވާ ކޮރޯނާއިން ގެއްލޭ ހަކަތައިގެ 93 އިންސައްތަ އަލުން އުފައްދަނީ އިރުގެ މެގްނެޓިކް ފީލްޑް ލައިންތައް ކަނޑައިގެންގޮސް އަލުން ގުޅުމުގެ ތެރެއިން ކަމަށް، އިންޑިއާގެ ފުރަތަމަ ސޯލާ އޮބްޒަވޭޝަން މިޝަން "އަދިތްޔާ-އެލް1" ގެ ހޯދުންތަކުން ދައްކައިފިއެވެ.
އެސްޓްރޯފިޒިކަލް ޖާނަލް ލެޓާސްގައި ޝާއިއުކޮށްފައިވާ މި ދިރާސާ އިސްކޮށް ކުރިއަށްގެންދިޔައީ އިންޑިއަން އިންސްޓިޓިއުޓް އޮފް އެސްޓްރޯފިޒިކްސްގެ ޕްރޮފެސަރު އާރް ރަމޭޝްއެވެ. އޭނާ ބުނި ގޮތުގައި، އިރުގެ އެކި ސަރަހައްދުތަކުގައި ހޫނުމިން ހުންނަ ގޮތަކީ ފިޒިކްސްގެ އުސޫލުތަކާ ހިލާފު ކަމެކެވެ.
އިރުގެ އެންމެ އެތެރޭގެ ހޫނުމިނުގައި 15 މިލިއަން ސެލްސިއަސް ހުންނައިރު، ބޭރު ފަށަލަ ނުވަތަ ފޮޓޯސްފިއާގެ ހޫނުމިނަކީ ގާތްގަނޑަކަށް 5،500 ސެލްސިއަސްއެވެ. ނަމަވެސް އެންމެ ބޭރުގައިވާ ކޮރޯނާގެ ހޫނުމިން އާންމުގޮތެއްގައި 2 މިލިއަން ސެލްސިއަސްގައި ހުންނައިރު، ބައެއް ފަހަރު 40 މިލިއަން ސެލްސިއަސްއަށް ވެސް އަރައެވެ.
ޕްރޮފެސަރު ރަމޭޝް ފާހަގަކުރި ގޮތުގައި، އިރުން ބޭރުވާ ބޮޑެތި ހަކަތައިގެ ގަނޑުތައް ނުވަތަ ކޮރޯނަލް މާސް އިޖެކްޝަންސް (ސީއެމްއީ) އުފެދެނީ ކޮރޯނާގައެވެ. އާންމު ހާލަތްތަކުގައި ދުވާލަކު ދެތިން ސީއެމްއީ އިރުން ބޭރުވާއިރު، އިރުގެ ހަރަކާތްތައް އެންމެ ގިނަވާ ދުވަސްވަރު ދުވާލަކު 10 އަށް ވުރެ ގިނަ ސީއެމްއީ ބޭރުވެއެވެ. މިގޮތަށް ބޭރުވާ ކޮންމެ ފަހަރަކު އިރުން ބޮޑު އަދަދެއްގެ ހަކަތަ ގެއްލިގެންދެއެވެ. މިގޮތަށް ބޭރުވާ ސީއެމްއީތަކުގެ ސަބަބުން ރީތި އޮރޯރާތައް އުފެދޭއިރު، މީގެ ސަބަބުން ދުނިޔޭގެ މެގްނެޓިކް ފީލްޑަށް އަސަރުކޮށް، ކަރަންޓު ވިއުގަތަކަށާއި މޫސުމީ އަދި މުވާސަލާތީ ސެޓެލައިޓުތަކަށް ގެއްލުންވުމުގެ ފުރުސަތު އޮވެއެވެ.
ޕްރޮފެސަރު ރަމޭޝް ބުނި ގޮތުގައި، ކޮންމެ ސީއެމްއީއަކާއެކު އިރުން ބޮޑު އަދަދެއްގެ ހަކަތަ ގެއްލޭއިރު، އެ ހަކަތަ އަލުން ނުއުފައްދާނަމަ އިރުގެ ހަކަތަ ހުސްވެ، ދުނިޔެ އެއްކޮށް ގަނޑުވުމުގެ ނުރައްކާ އޮންނާނެއެވެ. ނަމަވެސް އެހެން ނުވަނީ ކޮރޯނާގެ ހޫނުމިން ހިފަހައްޓައިދޭ ނިޒާމެއް އޮންނާތީ ކަމަށް އޭނާ ފާހަގަކުރިއެވެ.
އިރުން ގެއްލޭ ހަކަތަ އަލުން އުފައްދައި، ކޮރޯނާގެ ހޫނުމިން ހިފަހައްޓަނީ މައިގަނޑު ދެ ނިޒާމެއްގެ ތެރެއިން ކަމަށް ސައިންސްވެރިން ބުނެއެވެ. އޭގެ ތެރެއިން އެއް ނިޒާމަކީ އިރުގެ މަތީ ފަށަލައިގައި އުފެދޭ ރާޅުތަކުން ކޮރޯނާއަށް ފޯރުކޮށްދޭ ހަކަތައެވެ. މިއީ މޫދު ރާޅުތަކުން އައްސޭރިފަށަށް ފޮނު ބޭރުކުރާ ފަދަ ގޮތަކަށް މަސައްކަތްކުރާ ނިޒާމެކެވެ. ނަމަވެސް ދިރާސާއިން ދެއްކި ގޮތުގައި މި ނިޒާމުން ފޯރުކޮށްދެނީ ބޭނުންވާ ހަކަތައިގެ އެންމެ 7 އިންސައްތައެވެ.
ބާކީ 93 އިންސައްތަ ހަކަތަ އުފައްދަނީ އިރުގެ މެގްނެޓިކް ފީލްޑް ލައިންތައް ކަނޑައިގެންގޮސް، އަލުން ގުޅުމުގެ ތެރެއިންނެވެ. ޕްރޮފެސަރު ރަމޭޝް ބުނި ގޮތުގައި ސީއެމްއީއެއް އުފެދެނީ ގަތާފައިވާ އިސްތަށިގަނޑެއް ފަދައިން އޮންނަ މި ލައިންތައް ކަނޑައިގެން ގޮސް، ޖައްވުގެ ތެރެއަށް މެގްނެޓައިޒްޑް ޕްލާޒްމާއާއި ގޭސް ބޭރުވުމުންނެވެ. މިކަން އާންމުގޮތެއްގައި ހިނގަނީ އިރުގެ މެގްނެޓިކް ފީލްޑް ބާރުގަދަ، އަދި ފިނިމިން ދަށް ސަރަހައްދުތައް ކަމަށްވާ ސަންސްޕޮޓްތަކާ ކައިރީގައެވެ.
މި ނަތީޖާ ހޯދުމަށް ދިރާސާ ޓީމުން ބޭނުންކުރީ 5 އޮގަސްޓު 2024 ގައި ހިނގި ވަރަށް ބާރުގަދަ ސީއެމްއީއެއްގެ މައުލޫމާތެވެ. މި ހާދިސާ ރެކޯޑުކުރީ އަދިތްޔާ-އެލް1 ގައި ހަރުކޮށްފައިވާ "ވެލްކް" ކޮރޯނާގްރާފުންނެވެ. ޕްރޮފެސަރު ރަމޭޝް ބުނި ގޮތުގައި، ސީއެމްއީއަށް ފަހު 10 ގަޑިއިރުގެ ތެރޭގައި މެގްނެޓިކް ފީލްޑް ލައިންތައް އަލުން ގުޅި، ކޮރޯނާގެ ހަކަތަ އަލުން އުފެއްދި މަންޒަރު އެ މީހުންނަށް ފެނުނެވެ.
މި ހޯދުންތަކަކީ ކުރިއަށް އޮތް ތަނުގައި އިރުގެ ކޮރޯނާއާ ގުޅޭގޮތުން ކުރާ ދިރާސާތަކަށް މުހިންމު މިންގަނޑަކަށް ވާނެ ކަމަށް އޭނާ ބުނެފައިވެއެވެ.
