ދިވެހިރާއްޖޭގެ އުތުރުން ފެށިގެން ދެކުނަށް ކުރިއަށްދާ ތަރައްގީގެ މަޝްރޫއުތަކުގެ ތެރެއިން އެންމެ ގިނަ މަޝްރޫއުތައް ނިންމާލެވޭނެ އަހަރަކީ 2027 ވަނަ އަހަރު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ސިލްސިލާކޮށް ކުރިއަށްގެންދާ "ދަ ޕަލްސް" ޕޮޑްކާސްޓްގެ 6 ވަނަ އެޕިސޯޑުގައި އުމްރާނީ ތަރައްގީގެ މަޝްރޫއުތަކާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރާއްޖޭގެ އެކިކަންކޮޅުތަކުގައި ގިނަ މަޝްރޫއުތަކެއް ހިނގަމުންދާ ކަމަށެވެ.
މި ޕޮޑްކާސްޓުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ބައެއް މަޝްރޫއުތަކުގެ ދުވެލި މަޑުޖެހިފައިވާތީ ރައްޔިތުން ފާޅުކުރި ކަންބޮޑުވުންތަކަށް ޖަވާބުދެއްވާފައެވެ. އެމަނިކުފާނު ވިދާޅުވީ، އިގްތިސާދީ ގޮންޖެހުންތަކުން އަރައިގަނެވި، މަޑުޖެހިފައިވާ މަޝްރޫއުތަކުގެ އަމަލީ މަސައްކަތްތައް މާލަސްތަކެއްނުވެ އަލުން ފެށިގެންދާނެ ކަމަށެވެ. އަދި މި މަސައްކަތްތައް ކުރިއަށްދަނީ ވަކި ތާވަލަކަށް ފެތޭގޮތަށް ކަމަށާއި، 2028 ވަނަ އަހަރުގެ ތެރޭގައިވެސް ބައެއް މަސައްކަތްތައް ނިމޭނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އަވަސް މީޑިއާއިން ބައިވެރިވި މި އެޕިސޯޑުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލް އިދާރާތަކުގެ ހާލަތާ ގުޅޭގޮތުންވެސް ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން، ޒަމާނީ ފެންވަރުގެ ކައުންސިލް އިދާރާތައް ބިނާކުރުމުގެ މަޝްރޫއު ނިމި، 2027 ވަނަ އަހަރުގެ މެދަކާ ހިސާބުގައި އެ ތަންތަނުގެ ބޭނުން ހިފޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ. ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި 100 އެއްހާ ރަށުގައި އާ ކައުންސިލް އިދާރާތައް ބޭނުންކުރަން ފެށޭނެ ކަމަށްވެސް އެމަނިކުފާނު ލަފާކުރެއްވިއެވެ.
ދަތުރުފަތުރުގެ ދާއިރާއަށް އަލިއަޅުއްވާލައްވަމުން، އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއުތަކަކީ އިގްތިސާދީ ގޮތުން ދެކޮޅުޖެހޭ އަދި އިޖުތިމާއީ ފައިދާ ބޮޑު މަސައްކަތްތަކެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ސިފަކުރެއްވިއެވެ. އަދި ތިލަމާލޭ ބްރިޖުގެ މަސައްކަތް މިހާރު ހަލުވި ދުވެލީގައި ކުރިއަށްދާކަން ފާހަގަކުރައްވައި، މާލަސްތަކެއްނުވެ އެ މަޝްރޫއު ނިމޭނެ ކަމުގެ ޔަގީންކަން ދެއްވިއެވެ. މީގެ އިތުރުން އައްޑޫ ސިޓީގެ ތަރައްގީގެ މަޝްރޫއުތަކާ ގުޅޭގޮތުންވެސް ތަފްސީލީ މައުލޫމާތު ހިއްސާކުރެއްވިއެވެ.
"ދަ ޕަލްސް" ޕޮޑްކާސްޓް ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މި ސަރުކާރުގެ އެންމެ ބޮޑު އެއް މަޝްރޫއަކީ މާލޭ ޕޯޓް ތިލަފުށްޓަށް ބަދަލުކުރުމުގެ މަޝްރޫއު ކަމަށެވެ. އަދި 2027 ވަނަ އަހަރުގެ ނޮވެމްބަރު 11 ގެ ނިޔަލަށް އެ މަސައްކަތް ފުރިހަމަވެގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
