ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު ބުދަ ދުވަހު ބަދަލުކުރެވުނު މުހިންމު ފަހުމުނާމާތަކުގެ ސަބަބުން ދެ ގައުމުގެ ގުޅުން އާ އުސްމިންތަކަކަށް ގެންގޮސްދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ޕާކިސްތާނުގެ ރައީސް އާސިފް އަލީ ޒަރުދާރީ ވިދާޅުވެއްޖެއެވެ. އަދި އެގައުމަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވިކަމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަށް ރައީސް ޒަރުދާރީ ވަނީ ޝުކުރު އަދާކުރައްވާފައެވެ.
ޕާކިސްތާނުގެ ރައީސް މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރޭ އެމަނިކުފާނުގެ އަރިހަށް ކުރެއްވި އިހްތިރާމުގެ ޒިޔާރަތުގައެވެ. މި ބައްދަލުކުރެއްވުން އޮތީ ޕާކިސްތާނުގެ ރައީސްގެ ރަސްމީ ގެކޮޅު ކަމަށްވާ "އައިވާން-އީ-ސަދްރު" ގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އެ ގަނޑުވަރަށް ވަޑައިގަތުމުން ރަސްމީކޮށް މަރުހަބާ ދެންނެވީ ރައީސް އާސިފް އަލީ ޒަރުދާރީ އަދި ޕާކިސްތާނުގެ ފަސްޓް ލޭޑީ އަދި އެ ގައުމުގެ ގައުމީ މަޖިލީހުގެ މެންބަރު އަސީފާ ބުއްޓޯ ޒަރްދާރީއެވެ. މި ބައްދަލުކުރެއްވުމުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އަދި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ޕާކިސްތާނުގެ ރައީސް އަދި އެމަނިކުފާނުގެ އަނބިކަނބަލުންނާއެކު ވަކިވަކި ބައްދަލުވުންތަކެއް ބާއްވަވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް އައިސްފައިވާ ފާހަގަކޮށްލެވޭ ބޮޑު ކުރިއެރުމަށް ރައީސް ޒަރުދާރީ ވަނީ ތައުރީފު ކުރައްވާފައެވެ. އަދި ރައީސް ޑރ. މުއިއްޒު ޕާކިސްތާނަށް ކުރެއްވި މި ރަސްމީ ދަތުރުފުޅަކީ ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ އެކުވެރިކަން އިތުރަށް ބަދަހިވެގެންދާނެ މުހިންމު ދަތުރުފުޅެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއާއި ޕާކިސްތާނާ ދެމެދު އޮތް ތާރީހީ އަދި އަހުވަންތަ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އަދި ދިވެހި ވަފުދަށް ޕާކިސްތާނުން އަދާކުރި ހޫނު މެހުމާންދާރީއަށް ޝުކުރު އަދާކުރައްވަމުން، ވިޔަފާރިއާއި، ތައުލީމާއި، ސިއްހަތު އަދި އިންސާނީ ވަސީލަތް ތަރައްގީކުރުން ފަދަ މުހިންމު ދާއިރާތަކުން ގުޅުން ފުޅާކުރުމަށް ބޮޑެތި ފުރުސަތުތަކެއް އެބައޮތްކަން ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ދެ ގައުމުގެ ދެމެދުގައި މިހާރު އޮތް ގުޅުންތައް އިތުރަށް ހަރުދަނާކޮށް، ދޭދޭ ގުޅުންތަކުގެ އިތުރުން ބައިނަލްއަގްވާމީ މައިދާނުގައި އެއްބާރުލުން ދެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ދެ ލީޑަރުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވިއެވެ.
މި ބައްދަލުކުރެއްވުން ނިންމަވާލައްވާފައިވަނީ ދެ ގައުމުގެ ޢާންމު މަސްލަހަތުތައް ކުރިއެރުވުމަށާއި، ދެ ގައުމުގެ ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި އެއްބާރުލުން އިތުރުކުރުމަށް ދެ ރައީސުން ވެސް އިގްރާރުވެވަޑައިގަންނަވަމުންނެވެ.
