ދިވެހިރާއްޖޭގައި ކުރާ ހުއިފިލަނޑާގެ މަސްވެރިކަމުގައި ނަގާ ބާވަތެއް ކަމަށްވާ "ކައްޗަލަ" އެކްސްޕޯޓްކުރުމާ ގުޅޭ އާ އުސޫލުތަކެއް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްއިން އާންމުކޮށްފިއެވެ.

ކައްޗަލައަކީ އޭގެ އާބާދީ ދަށްވަމުންދާކަމުގެ ހެކިތަކުގެ މައްޗަށް ބުރަވެ، 2022 ވަނަ އަހަރު ބޭއްވުނު "ކޮންވެންޝަން އޮން އިންޓަނޭޝަނަލް ޓްރޭޑް އިން އެންޑޭންޖާޑް ސްޕީޝިޒް އޮފް ވައިލްޑް ފޯނާ އެންޑް ފްލޮރާ" (ސައިޓީސް) ބައްދަލުވުމުގައި އެ މުއާހަދާގެ ޖަދުވަލު 2 ގައި ހިމަނާފައިވާ ބާވަތެކެވެ. ސައިޓީސް މުއާހަދާގެ ދަށުން މި ޖަދުވަލުގައި ހިމެނޭ ބާވަތްތައް އެކްސްޕޯޓް ކުރެވޭނީ އެ ގައުމެއްގެ ސައިޓީސް މެނޭޖްމަންޓް އޮތޯރިޓީގެ ހާއްސަ ހުއްދައެއްގެ ދަށުންނެވެ.

މި ހުއްދަ ދޫކުރުމުގެ ކުރިން، އެ ގައުމެއްގެ ސައިޓީސް ސައިންޓިފިކް އޮތޯރިޓީން "ނޮން-ޑެޓްރިމަންޓަލް ފައިންޑިން" (އެންޑީއެފް) ރިޕޯޓެއް ތައްޔާރު ކުރަންޖެހެއެވެ. މި ރިޕޯޓުގެ ބޭނުމަކީ އެ ބާވަތެއް މަސްވެރިކަންކޮށް އެކްސްޕޯޓް ކުރުމަކީ އޭގެ އާބާދީއަށް ގެއްލުން ނުވާނެ، ދެމެހެއްޓެނިވި ކަމެއްކަން ކަށަވަރުކުރުމެވެ.

މިގޮތުން ރާއްޖޭގެ ސައިޓީސް ސައިންޓިފިކް އޮތޯރިޓީ ކަމަށްވާ މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓް (އެމްއެމްއާރްއައި) އިން މިހާރު ވަނީ ކައްޗަލައިގެ އެންޑީއެފް ތައްޔާރުކޮށް، އެކްސްޕޯޓް ކުރެވޭނެ މިންވަރު ނުވަތަ ކޯޓާ ކަނޑައަޅާފައެވެ. ފިޝަރީޒް މިނިސްޓްރީން މިހާރު ދަނީ ވޭތުވެދިޔަ ތިން އަހަރު ހުއިފިލަނޑާ އެކްސްޕޯޓްކުރި ފަރާތްތަކުގެ ތެރެއިން ޕްރޮސެސިން ލައިސަންސް އޮތް ފަރާތްތަކަށް މި ކޯޓާ ބަހާނެ މިންގަނޑެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންނެވެ.

މިނިސްޓްރީން ބުނެފައި ވަނީ ހުއިފިލަނޑާ އެކްސްޕޯޓްކުރުމުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ތެރެއިން މިހާތަނަށް ޕްރޮސެސިން ލައިސަންސް ނަގާފައިނުވާ ފަރާތްތަކުން މި މަހުގެ 20 ވަނަ ދުވަހުގެ ކުރިން ލައިސަންސް ނަގަންޖެހޭނެ ކަމަށެވެ. މި ލައިސަންސަށް އެދި ހުށަހަޅަންޖެހެނީ މިނިސްޓްރީގެ "ކެޔޮޅު ޕޯޓަލް" މެދުވެރިކޮށެވެ.

މިކަމާ ގުޅޭ އިތުރު މައުލޫމާތު ސާފުކުރުމަށް މިނިސްޓްރީގެ ފޯނު ނަންބަރު 3322625 އަށް ގުޅުއްވުމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.