ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ މަސް ރައްކާކުރެވޭނެ އެކަށީގެންވާ ނިޒާމެއް ނެތުން ކަމަށާއި، މި މައްސަލަ ހައްލުކުރުމަށްޓަކައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކޯލްޑް ސްޓޯރޭޖް ކެޕޭސިޓީ އިތުރުކުރުމުގެ ގިނަ މަޝްރޫތަކެއް ސަރުކާރުން ބާރަށް ކުރިއަށް ގެންދާ ކަމަށް ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ޝިޔާމް ވިދާޅުވީ، މަސްވެރިން ބާނާ މަހަށް ލިބެންޖެހޭ ހަމަ އަގު ނުލިބުމުގައި ވެސް އެންމެ ބޮޑު ހުރަހަކަށް ވަނީ ސްޓޯރޭޖް ކެޕޭސިޓީ މަދުވުން ކަމަށެވެ. އެހެންކަމުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މިކަމަށް ހާއްސަ އިސްކަމެއް ދީގެން މުހިންމު މަސައްކަތްތަކެއް ފަށާފައިވާ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިގޮތުން ކުރިއަށްދާ މަޝްރޫތަކުގެ ތަފްސީލު ދެއްވަމުން މިނިސްޓަރު ވިދާޅުވީ:
- ޅ. ފެލިވަރު: 4000 ޓަނުގެ ކޯލްޑް ސްޓޯރޭޖް އިތުރުކުރުމުގެ މަސައްކަތް މިއަހަރުގެ މަސްވެރިންގެ ދުވަހަށް ނިންމާލެވޭނެ.
- ގއ. ކޫއްޑޫ: 4000 ޓަނުގެ ކޯލްޑް ސްޓޯރޭޖް މަޝްރޫޢު އަންނަ އަހަރުގެ ކުރީކޮޅަށް ނިމޭނެ.
- މީގެއިތުރުން އިތުރު 200 ޓަނުގެ ސްޓޯރޭޖެއްގެ މަސައްކަތްވެސް ދަނީ ކުރިއަށް.
- ގދ. ތިނަދޫ: 1000 ޓަނުގެ ކޯލްޑް ސްޓޯރޭޖް މިއަހަރުގެ ނިޔަލަށް ނިންމާލެވޭނެ.
- ހއ. އިހަވަންދޫ: 500 ޓަނުގެ ކޯލްޑް ސްޓޯރޭޖް އިތުރުކުރުމުގެ މަސައްކަތް މިހާރު ވަނީ ބަޔަކާ ހަވާލުކޮށްފައި.
- މ. މުލައް: 200 ޓަނުގެ ކޯލްޑް ސްޓޯރޭޖްގެ މަސައްކަތް ދަނީ ބާރަށް ކުރިއަށް.
- ކ. ކަނޑުއޮތްގިރި: 200 ޓަނުގެ ކޯލްޑް ސްޓޯރޭޖް އިތުރުކުރުމުގެ މަސައްކަތް ކުރިއަށްދޭ.
- ތ. ނިލަންދޫ: 200 ޓަނުގެ ކޯލްޑް ސްޓޯރޭޖް ޤާއިމުކުރުމުގެ މަސައްކަތް ކޮންޓްރެކްޓަރަކާ ހަވާލުކުރުމުގެ އެންމެ ފަހުގެ މަރުހަލާގައި.
މީގެ އިތުރުން މި ނޫސްވެރިންގެ ބައްދަލުވުމުގައި މަސްވެރިންނަށް ފައިސާ ދޫކުރުމުގެ ނިޒާމަށް ގެނެވުނު ހެޔޮ ބަދަލުތަކަށް މިނިސްތަރު ވަނީ އަލިއަޅުއްވާލައްވާފައެވެ. އެ ގޮތުން ސަރުކާރުން ވެރިކަމާ ހަވާލުވިއިރު މަސްވެރިންނަށް ނުދެއްކި އޮތް 250 މިލިއަން ރުފިޔާގެ ބެކްލޮގް އެއްކޮށް ހަލާސްކޮށް، މަސް ކިރާތާ 48 ގަޑިއިރު ތެރޭގައި ފައިސާ ދޭން ފެށި ފަހުން، މިއަހަރުގެ އޮގަސްޓް 27 އާ ހަމައަށް މިފްކޯ މެދުވެރިކޮށް މަސްވެރިންނަށް ޖުމްލަ 2.2 ބިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ.
މީގެއިތުރުން، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުންދިޔަ ނަމަވެސް، މަސްވެރިންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން މ. އަދި ލ. އަތޮޅު ފިޔަވައި އެހެން ހުރިހާ އަތޮޅަކުންނާއި ބޮޑު ކަންނެލި މަސްވެރިންނަށް ވެސް އެސްޓީއޯ ރޭޓުގައި ހެޔޮ އަގުގައި ތެޔޮ ލިބޭނެ އިންތިޒާމު ސަރުކާރުން މިހާރު ހަމަޖައްސައިދީފައިވާ ކަމަށް މިނިސްޓަރު ޝިޔާމް ވިދާޅުވިއެވެ.
