ދިވެހި ވަތަނީ ހިދުމަތުގައި ބައިވެރިވުމަށް އެޕްލިކޭޝަން ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން "ނޭޝަނަލް ސާވިސް އިނީޝިއަލް ޓްރޭނިންގް" ގެ 4 ވަނަ ބެޗަށް ބައިވެރިން ހޮވުމުގެ މަރުހަލާތައް އެމްއެންޑީއެފުން މިއަދު ފަށައިފިއެވެ.
މި ޕްރޮގްރާމަކީ އަމިއްލަ ނަފުސަށް އިތުބާރުކުރާ، އަގީދާ ވަރުގަދަ، ރޫޙާނީ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮ، އަދި ދިވެހި ގައުމިއްޔަތަށް ލޯބިކުރާ ޒިންމާދާރު ޒުވާން ޖީލެއް ބިނާކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިސްނަންގަވައިގެން ފަށްޓަވާފައިވާ މަސައްކަތެވެ.
ކުރީގެ ބެޗުތަކެކޭ އެއްފަދައިން މިފަހަރުވެސް ރާއްޖޭގެ 13 ސަރަހައްދެއްގައި ބައިވެރިން ހޮވުމުގެ މަރުހަލާތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
އެގޮތުން އިންޓަވިއުތަކާއި ޓެސްޓުތައް ކުރިއަށްދާނެ ރަށްތަކުގެ ތެރޭގައި ހއ. ދިއްދޫ، ށ. ފުނަދޫ، ނ. މަނަދޫ، ރ. އުނގޫފާރު، އދ. މަހިބަދޫ، ފ. ނިލަންދޫ، ތ. ވޭމަންޑޫ، ލ. ގަން، ކުޅުދުއްފުށި ސިޓީ، ތިނަދޫ ސިޓީ، ފުވައްމުލައް ސިޓީ، އައްޑޫ ސިޓީ ހިތަދޫ އަދި މާލެ ސިޓީ ހިމެނެއެވެ.
4 ވަނަ ބެޗަށް ބައިވެރިން ހޮވުމުގެ މި މަރުހަލާގައި، ކުރިއަށްދާނީ އިންޓަވިއުއާއި، މެޑިކަލް ޓެސްޓްތަކާއި، އެޕްޓިޓިއުޑް ޓެސްޓްގެ އިތުރުން ފިޓްނަސް ޓެސްޓްތަކެވެ. މި ޓެސްޓުތަކުން ފާސްވާ ފަރާތްތަކަށް ތަމްރީނު ޕްރޮގްރާމުން ފުރުސަތު ލިބިގެންދާނެއެވެ.
ދިވެހި ވަތަނީ ހިދުމަތުގެ 3 ވަނަ ބުރުގެ ބައިވެރިން މިހާރުވެސް ދަނީ ޅ. މާފިލާފުށީގައި އެ ފަރާތްތަކުގެ ތަމްރީނުތައް ފުރިހަމަ ކުރަމުންނެވެ. މި ޕްރޮގްރާމަކީ ދިވެހި ޒުވާނުން ގައުމީ ހިދުމަތަށް އަހުލުވެރިކުރުވުމަށް ސަރުކާރުން ހިންގާ އެންމެ ބޮޑު އެއް މަޝްރޫއެވެ.
މި ޕްރޮގްރާމް ފުރިހަމަކުރާ ދަރިވަރުންނަށް، ނޭޝަނަލް ސާވިސް އިނީޝިއަލް ޓްރެއިނިންގް ފުރިހަމަކުރިކަމުގެ ސެޓްފިކެޓް، ސެޓްފިކެޓް 3އިން ސިވިލް އެޑިއެކޭޝަން އެންޑް ލީޑާޝިޕް ސެޓިފިކެޓާއި، ކޮމިއުނިޓީ ވޮލަންޓިއާ ފަޔާ ފައިޓާ އަދި ބޭސިކް ފަސްޓް އެއިޑް ސެޓިފިކެޓާއި، ޕިއާ އެޑިއުކޭޝަން ޓްރެއިނިންގް ޕްރޮގްރާމު ފުރިހަމަކުރިކަމުގެ ސެޓިފިކެޓް ލިބިގެންދާނެއެވެ.
