އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އިސްތަށިގަނޑަށް އައިސްފައިވާ ބަދަލަކާ ގުޅިގެން، މީސްމީޑިއާގައި ގިނަ ބަޔަކު އެކަމަށް ފާޑުކިޔައި މީމްސް އާންމުކުރަން ފަށައިފިއެވެ.

އެންޑީޓީވީން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޓްރަމްޕްގެ އިސްތަށިގަނޑު ކުރިއަށް ވުރެ ބޯކޮށް އަދި ވިދުންގަދަކޮށް ފެނިފައިވަނީ މި މަހުގެ 5 ވަނަ ދުވަހު ނެވާޑާގެ ލާސް ވެގަސްގައި ހުންނަ ރެޑް ރޮކް ކެސީނޯގައި ބޭއްވި ހަރަކާތެއްގައެވެ. ޔޫއެސްއޭ ޓުޑޭއާ ހަވާލާދީ އެ ނޫހުން ބުނި ގޮތުގައި، އެ ހަރަކާތުގައި ޓްރަމްޕް ވާހަކަދެއްކެވީ އެމެރިކާގެ އިގުތިސާދީ ކުރިއެރުންތަކާއި، ޓެކްސް ކުޑަކުރުމާއި، ބޭހުގެ އަގު ހެޔޮކުރުމާ ގުޅޭގޮތުންނެވެ. މީގެ އިތުރުން، "ޓްރަމްޕް އެކައުންޓްސް" ތައާރަފުކުރުމާ ގުޅޭގޮތުން ވެސް އޭނާ ވާހަކަދެއްކެވިއެވެ. ނަމަވެސް، އެ ހަރަކާތުގެ ތެރެއިން އާންމުންގެ ސަމާލުކަން އެންމެ ބޮޑަށް ހުއްޓުނީ އޭނާގެ އިސްތަށިގަނޑަށެވެ.

މީސްމީޑިއާގައި ބައެއް ފަރާތްތަކުން ބުނެފައިވަނީ ޓްރަމްޕް ބޭނުންކުރައްވަނީ ވިގެއް ކަމަށެވެ. އެކްސްގައި އާންމުކުރި ބައެއް ޕޯސްޓުތަކުގައި، ޓްރަމްޕްގެ އިސްތަށިގަނޑާ ގުޅޭގޮތުން ހަދާފައިވާ މީމްސްތައް ހައްދުފަހަނަޅައި ގޮސްފައިވާ ކަމަށް ބައެއް މީހުން ބުނެފައިވެއެވެ. އަނެއްބައި މީހުން ވަނީ ޓްރަމްޕްގެ އާ ސްޓައިލަށް ތާރީފުކޮށް، އޭނާ ޒުވާންވަމުން އަންނަ ކަމަށް ބުނެފައެވެ. މީގެ އިތުރުން، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ހަދާފައިވާ "ޓްރަމްޕް ހެއާ ސީރަމް" ގެ ވީޑިއޯތަކެއް ވެސް މީސްމީޑިއާގައި ވަނީ އާންމުކޮށްފައެވެ.

މިކަމާ ގުޅިގެން، ޓްރަމްޕްއާ ގުޅުން ކެނޑިފައިވާ އޭނާއަށް ބޮޑުބޭބެ ކިޔާ މޭރީ ޓްރަމްޕް ވެސް ވަނީ ފާޑުކިޔާފައެވެ. ސިރިއަސްއެކްސްއެމްގެ ޝޯއެއްގައި ވާހަކަދައްކަމުން މޭރީ ބުނި ގޮތުގައި، ޓްރަމްޕްގެ އިސްތަށިގަނޑު ވައްތަރީ "ރުޑޮލްފް ދަ ރެޑް-ނޯޒްޑް ރެއިންޑިއާ" ގައި އުޅޭ ހާމީ ދަ އެލްފް ކިޔާ ކެރެކްޓާއަކާއެވެ. މޭރީ ބުނީ ޓްރަމްޕްގެ އިސްތަށިގަނޑު ރީތިތޯ ނުވަތަ ނޫންތޯ ބެލުމަށް އޭނާ ޝައުގުވެރިނުވާ ކަމަށެވެ.

މީގެ އިތުރުން، މޭރީ ފާހަގަކުރި ގޮތުގައި، ޓްރަމްޕް އޭނާގެ އިސްތަށިގަނޑަށް ދެއްވާ ސަމާލުކަމަކީ، މޭރީގެ ބައްޕަ ފްރެޑް ޓްރަމްޕްގެ އަމަލުތަކާ އެއްގޮތް ކަމެކެވެ. ފްރެޑް ޓްރަމްޕް އަލްޒައިމާސް ބައްޔަށް ފަރުވާ ހޯދަމުން ދިޔައިރު، އިސްތަށިގަނޑު ފައިބާތީ އެކަމާ ކަންބޮޑުވެގެން އުޅުނު ކަމަށް މޭރީ ބުންޏެވެ. އަދި އެ ދުވަސްވަރު ފްރެޑް ޓްރަމްޕް ވިގެއް ބޭނުންކުރި ކަމަށާއި، އިސްތަށިގަނޑާއި މަތިމަހުގައި ކުލަ ޖެއްސި ކަމަށް ވެސް މޭރީ ބުންޏެވެ.

ޓްރަމްޕްގެ އިސްތަށިގަނޑާ ގުޅޭގޮތުން މީސްމީޑިއާގައި ގިނަ ބަޔަކު ވާހަކަދައްކަމުން ދިޔަ ނަމަވެސް، މިކަމާ ގުޅިގެން ޓްރަމްޕްގެ ފަރާތުން ރަސްމީކޮށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.