އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އިދިކޮޅު އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ "ހަޖަމު ނުވެގެން" ކަމަށާއި، އެ މައްސަލަ މަޖިލީހުން ފެއިލްކޮށްލާނެ ކަމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
އިދިކޮޅު އެމްޑީޕީން މިނިސްޓަރު ސައީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ މިއަދު މެންދުރުގެ ވަގުތެއްގައެވެ.
އެކަމާ ގުޅިގެން "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ޝުޖާއު ވިދާޅުވީ، ސައީދުގެ އިތުބާރު ނެތްކަމަށް އެމްޑީޕީއަށް ގަބޫލުކުރެވެނީ އެމްޑީޕީގެ ވެރިކަމުގައި ނުހެދުނު އެތައް ފްރީ ޓްރޭޑް އެގްރީމެންޓެއް އަވަށްޓެރި ގައުމުތަކާއެކު ހެދުމުން ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވިޔަފާރީގެ ފަހި ސިޔާސަތުގެ ދަށުން ދިވެހި ރައްޔިތުންނަށް އެ އެގްރީމެންޓްތަކުގެ ދަށުން އެތައް ފައިދާއެއް ލިބެމުންދާތީ އެކަމާ "ހަޖަމު ނުވެގެން" ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ޝުޖާއު އިތުރަށް ވިދާޅުވީ، އެމްޑީޕީން ހުށަހެޅި އެ މައްސަލަ މަޖިލީހުން ފެއިލްކޮށްލާނެ ކަމަށެވެ.
އެމްޑީޕީން މިނިސްޓަރު ސައީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅި ސަބަބުތަކުގެ ތެރޭގައި ބަޔާންކޮށްފައިވަނީ ހަވާލުވެފައިވާ މަސްއޫލިއްޔަތުތަކާ ހިލާފުވުމާއި މަޖިލީހަށް ޖަވާބުދާރީވުމަށް ހުރަސްއެޅުމެވެ. އަދި އިގުތިސާދީ އިސްލާހުތައް ގެނައުމަށް އެދެވޭ ސިޔާސަތެއް ތަންފީޒުކޮށްފައި ނެތުމުގެ ސަބަބުން ޑޮލަރު ލިބުން ދަތިވެ ކަޅު ބާޒާރުގައި ޑޮލަރުގެ އަގު 21 ރުފިޔާއަށްވުރެ މައްޗަށް ގޮސްފައިވުންކަން ބަޔާންކޮށްފައިވެއެވެ.
ނަމަވެސް، ސަރުކާރު މަޖިލީހުގެ އަޣުލަބިއްޔަތު އޮތުމާއެކު، އިދިކޮޅުން ހުށަހެޅި މި މައްސަލަ ނާކާމިޔާބުކޮށްލާނެ ކަމުގެ ޔަގީންކަން ޝުޖާއު ވަނީ ދެއްވާފައެވެ.
