ޕީއެންސީގެ ޕާލަމެންޓް ގްރޫޕްގެ މެމްބަރުންނަށް ރިޝްވަތުގެ ގޮތުގައި ފައިސާ ބަހާފައިވާ ކަމަށް ބުނެ "އަދަދު" ނޫހުން ފަތުރާފައިވާ ހަބަރަކީ ކަނޑައެޅިގެން ދޮގު ހަބަރެއް ކަމަށް ބާރަށު ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ސީނިއާ މެމްބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝުޖާއު ވިދާޅުވީ ޕީއެންސީގެ މަޖިލިސް މެމްބަރުންނަށް ވެސް ލިބެނީ އެމްޑީޕީ އާއި އެހެނިހެން މެމްބަރުންނަށް ވެސް ލިބޭ އުސޫލުން، މަޖިލީހުން ކަނޑައަޅާފައިވާ ރަސްމީ މުސާރަ އެކަނި ކަމަށެވެ.
ޝުޖާއު ވިދާޅުވީ ޕީއެންސީގެ ޕީޖީ މެމްބަރުންނާ ގުޅޭގޮތުން މިފަދަ ހަގީގަތާ ހިލާފު ވާހަކަތައް ފެތުރުން ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށާއި، ދޮގު ހަބަރު ފަތުރާ ފިތުނަ އުފައްދައިގެން ޕީއެންސީގެ ޕާލަމެންޓް ގްރޫޕް ރޫޅާލެވޭނެ ކަމަށް ގަބޫލުކުރުމަކީ "މޮޔަކަމެއް" ކަމަށެވެ.
ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮތް 20 ވަނަ މަޖިލީހުން އިސްކަންދޭނީ ގައުމާއި ރައްޔިތުންގެ ލާބަޔާއި މަންފާއަށް ކުރެވޭނެ މުހިއްމު މަސައްކަތްތަކަށް ކަމުގެ ޔަގީންކަން ޝުޖާއު ވަނީ ދެއްވާފައެވެ.
އަދަދު ނޫހުން ވަނީ ދެ މަހުގެ މެދުކެނޑުމަކަށްފަހު، ރައީސް މުހައްމަދު މުއިއްޒުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީއަށް ނިސްބަތްވާ މެންބަރުންނަށް ދޭ 50،000ރ. މި މަހު ދީފިކަން އެނގިފައިވާކަމަށް ބުނެފައެވެ. އެގޮތުން މި ފައިސާ ދޫކޮށްފައިވަނީ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް އެ މަގާމުން ވަކިކުރުމުގެ މައްސަލައިގައި ސޮއިކުރުމުގެ މަސައްކަތް ކުރިއަށް ދަނިކޮށްކަމަށް ވެސް ވަނީ ބުނެފައެވެ.
މިގޮތަށް ފައިސާ ބަހާ މައްސަލަ މީގެ ކުރިން އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހަޅާފައިވާކަމަށާއި ނަމަވެސް، އެ މައްސަލަ ބަލަމުންދާ ކަމުގެ ނުވަތަ އެޅި ފިޔަވަޅެއްގެ އެއްވެސް މައުލޫމާތެއް މިހާތަނަށް ހާމަކޮށްފައިނުވާކަމަށް ވެސް އަދަދު ނޫހުން ވަނީ ބުނެފައެވެ.
ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީގެ ތެރޭގައި ބައިބައިވުން އުފެއްދުމަށް އިދިކޮޅު ފަރާތްތަކުންނާއި ބައެއް މީޑިއާތަކުން މަސައްކަތް ކުރަމުންދާ ކަމަށް މީގެ ކުރިން ވެސް އެ ޕާޓީގެ އިސް ބޭފުޅުން ވަނީ ތުހުމަތު ކުރައްވާފައެވެ. ނަމަވެސް ޝުޖާއު ވިދާޅުވީ ޕީއެންސީ އޮތީ ބަދަހިކޮށް ކަމަށާއި، މިފަދަ ދޮގު ހަބަރުތައް ފެތުރި ނަމަވެސް ރައްޔިތުންގެ ހިދުމަތުގައި ދެމިތިބުމަށް ފަސްޖެހުމެއް ނާންނާނެކަމަށެވެ.
