"އަނެއް ދިވެހިރާއްޖޭ"ގެ ހުރި ގޯސް ކަންކަން އެންމެ ބޮޑަށް ވިދާޅުވަމުން ގެންދެވި ބޭފުޅަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށާއި ދިވެހިން މިހާރު އަނެއް ދިވެހިރާއްޖެއަށް ދާން ބޭނުންނުވާކަމަށް ބާރަށު ދާއިރާގެ މަޖިލިސް މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ޝުޖާއު މިހެން ވިދާޅުވީ، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވާހެން އަނެއް ދިވެހިރާއްޖެ ހޯދަން މިހާރު ޖެހިއްޖެ ކަމަށާއި، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ސަރުކާރު މައި ޕާޓީ ޕީއެންސީ ނޫން އެހެން ހުރިހާ ކެންޑިޑޭޓުންނަށް ތާއީދުކުރައްވާ ކަމަށް ޕީއެންއެފް އިން ބޭއްވި 'ޗަގޯސް ޖަލްސާ'ގައި ޔާމީން ވިދާޅުވުމާ ގުޅިގެންނެވެ.
ޕީއެންސީގެ ޓިކެޓުގައި މާލޭ ސިޓީ ކައުންސިލްގެ އަންހެނުންގެ ކޮމިޓީގެ ރައީސާ ކަމަށް ވާދަކުރައްވާ އާޝިޔަތު އަލައިކާ އަދުދާންގެ ހުޅުމާލެ ކެމްޕެއިން އޮފީސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ޔާމީންއަށް ރައްދު ދެއްވަމުން ޝުޖާއު ވިދާޅުވީ އަނެއް ދިވެހިރާއްޖެއާއި އެންމެ ދެކޮޅު ހެއްދެވި ބޭފުޅަކީ ޔާމީން ކަމަށެވެ.
އެ ގޮތުން އަނެއް ދިވެހިރާއްޖޭ ގައި ފަނޑިޔާރުން ވަގަށް ނަގާނެކަމަށާއި އެ ދިވެހިރާއްޖޭގައި ބޭނުންހާ ގޮތަކަށް ރޭގަނޑު މަޖާކޮށް އުޅެވޭނެ ވާހަކައާއި އަދި އެ ދިވެހިރާއްޖޭގައި ދިވެހިން ހޯދާފައިވާ ހަރު މުދާ ވިއްކާނެ ވާހަކަ ވިދާޅުވީ ޔާމީންކަން ޝުޖާއުވަނީ ފާހަގަކުރައްވާފައެވެ.
ޕީއެންސީ ނޫން އެހެން ހުރިހާ ކެންޑިޑޭޓުންނަށް ތާއީދުކުރައްވާނެ ކަމަށް ޔާމީން ވިދާޅުވި ވާހަަކަ އާއި ގުޅިގެން ޝުޖާއުވަނީ މި ބަސްފުޅަކީ ކައުންސިލް އިންތިހާބުގައި ވޯޓުލާއިރު ރައްޔިތުން ވަރަށް ފުންކޮށް ވިސްނާލަން ޖެހޭ ކަމެއްކަމުގައި ވިދާޅުވެފައެވެ. "ވެރިކަމުގެ ބޫތުކައިފައި ތިއްބަވައިގެން ހަމަ ކޮންމެ ރާއްޖެއަކަށް ވެސް އަޅުގަނޑުމެން ގެންގޮސްދާނެ. އެކަމަކު، އަމާޒު ހިފަންވީ ދިވެހީންރާއްޖޭ ގައި މިނިވަންކަމާ އެކީގައި އަޅުގަނޑުމެންނަށް އުޅެވޭތޯ ބަލަން." ޝުޖާއު ވިދާޅުވިއެވެ.
ޕީއެންއެފް އިން ބޭއްވި 'ޗަގޯސް ޖަލްސާ'ގައި ޔާމީން ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން އެ މަނިކުފާނު ވިދާޅުވީ ސަރުކާރާއި ރައްޔިތުންގެ މަޖިލީހާއި، މާލެ ސިޓީގެ މެޖޯރިޓީ ގޮނޑިތަކާއި އެ ނޫން ވެސް ބާރުތައް ރައްޔިތުން ދިން ނަމަވެސް މިއަދާ ހަމައަށް ރައްޔިތުންނަށް ވީ މޮޅެއް ނެތްކަމަށެވެ.
