ކ. ތިލަފުށީގެ ވެމްކޯ ސައިޓުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އެނދި ކުނިތައް ހދ. ކުނބުރުދޫގެ ވޭސްޓް މެނޭޖްމެންޓް ފެސިލިޓީއަށް ގެންދިއުމަށް ވެމްކޯއިން ނިންމި ނިންމުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފް ވިދާޅުވެއްޖެއެވެ.

ތިލަފުށީ ވެމްކޯ ސަރަހައްދުގައި އަލިފާން ރޯވީ މިދިޔަ ހަފުތާގެ އާދިއްތަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. މި ހާދިސާގެ ސަބަބުން ތިލަފުށީ ސައިޓުގެ ބައެއް ސަރަހައްދުތައް ބަންދުކުރަންޖެހި، މާލެ، ވިލިމާލެ އަދި ހުޅުމާލޭގެ ޓްރާންސްފާ ފެސިލިޓީތަކުން ކުނި ބަލައިގަންނަ މިންވަރު ވަނީ މަދުކޮށްފައެވެ. ވެމްކޯގެ އެޗްއާރު ޖެނެރަލް މެނޭޖަރު މުހައްމަދު ޝާން ވިދާޅުވި ގޮތުގައި، ތިލަފުށީގައި އެނދި ކުނިތައް ނަގައި ކުނބުރުދުއަށް ގެންދިއުމުގެ މަސައްކަތް ފެށުމަށް ވަނީ ތައްޔާރުވެފައެވެ.

https://www.facebook.com/share/p/1PWVp17Zgp/

މިކަމާއި ގުޅިގެން މޭޔަރު އާތިފް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މާލެ ސަރަހައްދުގެ ރައްޔިތުންގެ ޓެކްސް ފައިސާއިން ގުޅީފަޅާއި، އުތުރު ތިލަފަޅު، ހުޅުމާލެ 3 ވަނަ ފިޔަވަހި އަދި ފުށި ދިއްގަރުފަޅު ފަދަ ބޮޑެތި ފަޅުތައް ހިއްކަމުންދާއިރު، ހދ. އަތޮޅު ފަދަ ފަޅުރަށްތައް މަދު އަތޮޅެއްގެ މެދުގައި އޮތް ގުދުރަތީ ރީތި ރަށަކަށް މުޅި ގައުމުގައި އުފެދޭ ކުނި ޖަމާކުރުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އެ ސަރަހައްދުގެ ކުނި ޖަމާކުރަންވެސް އެންމެ ރަނގަޅު ރަށަކީ ކުނބުރުދޫ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މޭޔަރުގެ މި ޕޯސްޓާ ގުޅިގެން ހދ. އަތޮޅުގެ ގިނަ ރައްޔިތުންތަކެއް ވަނީ ކުނބުރުދުއަށް ކުނި ގެންދިއުމާ ދެކޮޅަށް ހިޔާލުފާޅުކޮށްފައެވެ. އެގޮތުން ކުނބުރުދޫއާ 1.7 މޭލު ކައިރީގައި އޮންނަ ކުރިނބީ ފަދަ މީހުން ދިރިއުޅޭ ރަށްރަށަށް ކުނީގެ ސަބަބުން މަދިރި އާއި، މެހި އަދި ނުބައި ވަހުގެ އުނދަގޫ ފޯރާނެކަމުގެ ކަންބޮޑުވުން އާންމުން ވަނީ ފާޅުކޮށްފައެވެ.

މާލެ ސަރަހައްދުން ދުވާލަކު 1,200 އަށްވުރެ ގިނަ ޓަނުގެ ކުނި އުފެދޭއިރު، ވެމްކޯއިން ކުނި ބަލައިގަންނަ މިންވަރު މަދުކުރުމާ ގުޅިގެން މާލޭ ސިޓީ ކައުންސިލުން ވަނީ މައްސަލައަށް އަވަސް ހައްލެއް ހޯދައިދިނުމަށް ވެމްކޯގައި އެދިފައެވެ. ވެމްކޯއިން ބުނެފައިވަނީ ތިލަފުށީ ސައިޓު އާންމު ހާލަތަކަށް ގެނެސް، ހިދުމަތްތައް ކުރިއެކޭ އެއްގޮތަށް ކުރިއަށްގެންދިއުމަށް މެދުކެނޑުމެއް ނެތި މަސައްކަތް ކުރަމުންދާ ކަމަށެވެ.