މާލެ ސިޓީ ކައުންސިލުން ކުނި އުކާލުމުގެ ހިދުމަތަށް ދައްކަންޖެހޭ 116 މިލިއަނަށް ވުރެ ގިނަ ރުފިޔާ ނުދައްކާ އޮތްކަން ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން މިއަދު ހާމަކޮށްފިއެވެ.
އެ ކޯޕަރޭޝަނުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، މާލޭގެ ކުނި މެނޭޖުކުރުމަށް ސިޓީ ކައުންސިލަށް ފޯރުކޮށްދޭ ހިދުމަތުގެ އަގު އެ ކައުންސިލުން ބަރާބަރަށް ދައްކަމުން ނުދެއެވެ.
އެގޮތުން 2024 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް ސިޓީ ކައުންސިލުން ވެމްކޯއަށް ދައްކަންޖެހޭ ފައިސާގެ ޖުމްލަ އަދަދު 116،421،129.97 ރުފިޔާއަށް އަރާ ކަމަށް ވެއެވެ. މިހާ ބޮޑު އަދަދެއް ނުލިބި އޮތުމުގެ ސަބަބުން، އާންމު އުސޫލުން ކަސްޓަމަރުން ރަޖިސްޓަރީ ކުރުމުގައާއި ކުންފުނީގެ އާންމު އޮޕަރޭޝަންތައް ހިންގުމަށް ބޮޑެތި ހުރަސްތަކަކާ ކުރިމަތިވެފައިވާ ކަމަށް ވެމްކޯއިން ވަނީ ފާހަގަކޮށްފައެވެ.
އަދި ފައިސާ ބަރާބަރަށް ނުލިބޭނަމަ ކުންފުންޏަށް މާލީ ގޮތުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާނެ ކަމަށާއި އުސޫލުތައް އޮންނަ ގޮތުން، ވިދިވިދިގެން ދެ މަސްދުވަހު ހިދުމަތުގެ އަގު ނުދައްކާ ފަރާތްތަކަށް ދެމުންގެންދާ ހިދުމަތްތައް މެދުކަނޑާލުމުގެ އިހުތިޔާރު އެ ކުންފުންޏަށް ލިބިގެންވާ ކަމަށް ވެސް ބަޔާނުގައި ވަނީ ބުނެފައެވެ.
ހިދުމަތް މެދުކަނޑާލުމުގެ އިހުތިޔާރު އޮތް ނަމަވެސް، މާލެ ސިޓީ ކައުންސިލަށް ދެމުންގެންދާ ހިދުމަތް މެދުކަނޑާލައިފިނަމަ އާންމު ރައްޔިތުންނަށް ބޮޑެތި ދަތިތަކަކާ ކުރިމަތިވާނެތީ، އެ ހިދުމަތް މެދުނުކަނޑައި ކުރިއަށްގެންދާ ކަމަށް ވެމްކޯއިން ބުނެފައިވެއެވެ.
ނުދައްކާ ހުރި ފައިސާ ހޯދުމަށްޓަކައި 2024 އަދި 2025 ވަނަ އަހަރުގެ ތެރޭގައި ސިޓީ ކައުންސިލާއެކު އެކި ފަހަރު މަތިން މަޝްވަރާ ބައްދަލުވުންތައް ބާއްވާފައިވާ ނަމަވެސް އެކަމުގައި ކައުންސިލުގެ ފަރާތުން އެކަށީގެންވާ އެއްބާރުލުމެއް ލިބިފައިނުވާ ކަމަށް ވެމްކޯއިން ބުނެފައި ވެއެވެ. ވެމްކޯއިން ވަނީ ސިޓީ ކައުންސިލުން ދައްކަންޖެހޭ ފައިސާ ވީއެންމެ އަވަހަކަށް ދެއްކުމަށާއި، ކުންފުނީގެ މަސައްކަތްތަކަށް އެއްބާރުލުން ދިނުމަށް ގޮވާލާފައެވެ.
2021 ވަނަ އަހަރުވެސް މާލެ ސިޓީ ކައުންސިލުން ވެމްކޯއަށް ފައިސާ ނުދައްކާ މައްސަލަތަކެއް ފެންމަތިވެފައި ވެއެވެ. އޭރު މާލެ ސިޓީ ކައުންސިލްގެ މޭޔަރުކަން ކުރެއްވީ މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒުއެވެ. އެފަހަރު 30 މިލިއަން ރުފިޔާ ދައްކަން އޮތް ނަމަވެސް އެއީ އޭގެ ކުރީ ސަރުކާރުން ދައްކަން ޖެހޭ އަދަދެއް ކަމަށާއި އެ އަދަދު ބަޖެޓުގައި ހަމަޖައްސާ ދިނުމަށް އެދިވަޑައިގެންފައިވާ ކަމަށް އޭރު މުއިއްޒު ވިދާޅުވެފައެވެ.
