ވެސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ މުވައްޒަފުންގެ މުސާރައިން ޕެންޝަން ފައިސާ އުނިކުރުމަށްފަހު، އެ ފައިސާ ޕެންޝަން ފަންޑަށް ޖަމާނުކޮށް 19 މަސް ދުވަސް ވެފައިވާ މައްސަލަ ބަލައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް (އެސްއޯއީ) ކޮމިޓީއަށް ހުށަހަޅައިފިއެވެ.
މި މައްސަލަ މަޖިލީހަށް ހުށަހަޅުއްވާފައިވަނީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ. މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް އޭނާ ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައިވަނީ، ވެމްކޯއިން އެންމެ ފަހުން މުވައްޒަފުންގެ ޕެންޝަން ފައިސާ ޖަމާކޮށްފައިވަނީ އޮކްޓޯބަރު 16، 2024 ގައި ކަމަށެވެ. އަދި އޭގެ ފަހުން އެއްވެސް މަހަކު ފައިސާ ޖަމާކޮށްފައި ނުވާއިރު، މުވައްޒަފުންގެ މުސާރައިން ގަވާއިދުން ޕެންޝަން ބައި ކަނޑަމުންދާކަން ސިޓީގައި ފާހަގަކުރައްވާފައިވެއެވެ.
ޕެންޝަން ފައިސާ ގަވާއިދުން ޖަމާނުކުރުމުގެ ސަބަބުން، މުވައްޒަފުންނަށް ޕެންޝަން ފަންޑުން ލިބެންޖެހޭ އިންވެސްޓްމަންޓް ފައިދާ އާއި ގެދޮރުވެރިކަމުގެ ލޯނުތަކަށް ފަންޑު ރަހުނުކުރުން ފަދަ ޒަރޫރީ މާލީ މަންފާތަކުން މުވައްޒަފުން މަހުރޫމުވަމުންދާކަން ވަނީ ސިޓީގައި ފާހަގަކޮށްފައެވެ. އަދި މާލީ ދަތިތަކަކީ މުވައްޒަފުންގެ އަސާސީ ހައްގުތަކާއި ގާނޫނީ އިލްތިޒާމްތައް ހިފެހެއްޓުމަށް ދެއްކޭނެ ގާނޫނީ ހުއްޖަތެއް ނޫންކަމަށް މި ސިޓީގައިވަނީ ފާހަގަކޮށްފައެވެ.
ޕެންޝަން ލިބުމަކީ ގާނޫނުއަސާސީގެ 38 ވަނަ މާއްދާ އާއި ރިޓަޔަމެންޓް ޕެންޝަން ސްކީމްގެ ގާނޫނުގެ ދަށުން ކޮންމެ ރައްޔިތަކަށްމެ ކަށަވަރުކޮށްދީފައިވާ ހައްގެކެވެ. އެހެންކަމުން ޕެންޝަން އޮފީހުގެ އިސްވެރިން ޒިންމާދާރުކުރުވައި، ނުދައްކާ ހުރި ފައިސާ އެންމެ އަވަހަށް ދައްކާާނެ ތަފްސީލީ ޕްލޭނެއް މަޖިލީހަށް ހުށަހެޅުމަށް ވެމްކޯއަށް އެންގުމަށް މި ސިޓީގައިވަނީ އެދިވަޑައިގެންފައެވެ.
މި މައްސަލައިގައި ވެމްކޯއިން ކުރިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޕެންޝަން ފައިސާ ޖަމާކުރުމަށް ދަތިތަކެއް ކުރިމަތިވެފައިވަނީ ކުންފުންޏަށް ލިބެންޖެހޭ ގިނަ އަދަދެއްގެ ފައިސާ ނުލިބި ހުރުމުން ކަމަށެވެ. އޭގެ ތެރޭގައި މާލޭ ސިޓީ ކައުންސިލުން ލިބެންޖެހޭ 98 މިލިއަން ރުފިޔާ ހިމެނޭކަން އެ ކުންފުނިން ފާހަގަކޮށްފައިވެއެވެ.
