ފަތުރުވެރިކަމުގެ ދާއިރާގެ މުދަލާއި ޚިދުމަތްތަކުން ނެގޭ ޓެކްސް (ޓީޖީއެސްޓީ) ގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީ އިތުރުވެފައިވާއިރު، ކައުންސިލްތަކަށް ދޭ ގްރާންޓާއި ސަބްސިޑީއަށް ދައުލަތުން ކުރާ ހޭދަވެސް ބޮޑުތަނުން އިތުރުވެފައިވާކަން ހާމަވެއްޖެއެވެ.

މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް އިން 16 ޖުލައި 2026 ގެ ނިޔަލަށް އެކުލަވާލައި، އެންމެ ފަހުން އާންމުކޮށްފައިވާ "ވީކްލީ ފިސްކަލް ޑިވަލޮޕްމަންޓްސް" ރިޕޯޓުގައިވާ ގޮތުން، މިއަހަރުގެ މިހާތަނަށް ޓީޖީއެސްޓީ ގެ ގޮތުގައި ދައުލަތަށް 6.7 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ މިއަހަރު ދައުލަތުގެ އާމްދަނީ އިތުރުވުމަށް މަގުފަހިވި އެންމެ މުހިންމު އެއް ސަބަބެވެ.

ފާއިތުވެދިޔަ ހަފުތާގެ ތެރޭގައި އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓީޖީއެސްޓީ އިންނެވެ. 2025 ވަނަ އަހަރުގެ މި މުއްދަތުގައި ލިބުނު 6.2 ބިލިއަން ރުފިޔާއާ އަޅާބަލާއިރު، މިއަހަރު ލިބުނު މިންވަރު ވަނީ 475 މިލިއަން ރުފިޔާ ނުވަތަ 7.7 އިންސައްތަ އިތުރުވެފައެވެ. މީގެ އިތުރުން، އާންމު ޖީ.އެސް.ޓީ ގެ ގޮތުގައި ލިބުނު އާމްދަނީ ވެސް ވަނީ 12.1 އިންސައްތަ އިތުރުވެ، 3.0 ބިލިއަން ރުފިޔާއަށް އަރާފައެވެ. މިއާއެކު މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޖުމްލަ ޓެކްސް އާމްދަނީ ވަނީ 9.7 ބިލިއަން ރުފިޔާއަށް އަރާފައެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން 16 ޖުލައި 2025 އާ ހަމައަށް ލިބުނު 15.8 ބިލިއަން ރުފިޔާގެ ބަދަލުގައި، މިއަހަރުގެ އެ މުއްދަތުގައި 17.6 ބިލިއަން ރުފިޔާ ޓެކްސް އާމްދަނީގެ ގޮތުގައި ލިބިފައިވެއެވެ. މިއީ 11.3 ޕަސެންޓްގެ ކުރިއެރުމެކެވެ. ހިލޭ އެހީގެ ގޮތުގައި ލިބުނު ފައިސާ ވެސް ވަނީ 130.3 އިންސައްތަ އިތުރުވެ، 438.8 މިލިއަން ރުފިޔާއަށް އަރާފައެވެ. ނަމަވެސް ޓެކްސް ނޫން އާމްދަނީ ވަނީ 2.9 އިންސައްތަ ދަށްވެފައެވެ.

ދައުލަތުގެ ހަރަދުތަކަށް ބަލާއިރު، އެންމެ ބޮޑު އިތުރުވުމެއް އައީ ކައުންސިލްތަކަށް ދޫކުރާ ބްލޮކް ގްރާންޓަށެވެ. ލާމަރުކަޒީ އުސޫލުން ހިދުމަތް ދިނުމަށާއި ރަށްރަށުގެ ތަރައްގީއަށް ދޫކުރި މި ގްރާންޓްގެ ޖުމްލަ 1.5 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 16.0 ޕަސެންޓްގެ އިތުރުވުމެކެވެ. މީގެ އިތުރުން ސަބްސިޑީއަށް ކުރި ހޭދަ 3.1 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، މިއީ 86.3 ޕަސެންޓްގެ ބޮޑު އިތުރުވުމެކެވެ.

ދައުލަތުގެ ޖުމްލަ ހަރަދު މިހާރު ހުރީ 24.5 ބިލިއަން ރުފިޔާގައެވެ. މިއީ 2025 ވަނަ އަހަރާ އަޅާބަލާއިރު 21.0 ޕަސެންޓްގެ އިތުރުވުމެކެވެ. ހަރަދުތައް އިތުރުވާން ދިމާވި ސަބަބުތަކުގެ ތެރޭގައި ސަބްސިޑީއަށް ކުރާ ހޭދައާއި ޕޭ ހާމަނައިޒޭޝަންގެ ސަބަބުން މުސާރައަށް ކުރާ ހަރަދުތައް އިތުރުވުން ހިމެނެއެވެ. ރިކަރަންޓް އެކްސްޕެންޑިޗާ 21.4 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، ކެޕިޓަލް ހަރަދުތައް ވެސް ވަނީ 3.2 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ.

ބަޖެޓް ޑެފިސިޓްގެ ގޮތުގައި 1.5 ބިލިއަން ރުފިޔާ ހުރި ނަމަވެސް، ދަރަނި އަދާކުރުމާއި އިންޓްރެސްޓްގެ ހަރަދު ނުހިމަނައި ބަލާއިރު، ޕްރައިމަރީ ބެލެންސް އަދިވެސް އޮތީ 1.2 ބިލިއަން ރުފިޔާގެ ސާޕްލަސްއެއްގައެވެ. ސަރުކާރުން މިފަދަ ބޮޑު ހޭދައެއް ކުރަމުންދަނީ ލާމަރުކަޒީ ނިޒާމަށާއި އިޖުތިމާއީ ރައްކާތެރިކަމަށް ދޭ އިސްކަން ބޮޑުވުމުން ކަމަށް ފިނޭންސް މިނިސްޓްރީން ފާހަގަކުރެއެވެ.