ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާއަށް އުފުލުމާ ގުޅިގެން، ރައްޔިތުންނަށް ދެމުން އަންނަ ފިއުލް ސަބްސިޑީގެ ގޮތުގައި މި އަހަރުގެ ނިޔަލަށް 3.8 ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކުރެވޭ ކަމަށް މިނިސްޓަރ އޮފް ފިނޭންސް ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށަހަޅުއްވައި ދެއްވަމުންނެވެ. މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ރިޔާސަތު ބެލެހެއްޓެވި މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، 2025 ވަނަ އަހަރު ހޯދި އިގްތިސާދީ ކުރިއެރުމާއެކު އެ އަހަރުގެ ޑިސެމްބަރު މަހު ރެކޯޑް އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށެވެ. އަދި މިއަހަރުގެ ޖެނުއަރީ އަދި ފެބުރުއަރީ މަހުވެސް ފަތުރުވެރިން އައި މިންވަރު ހުރީ އަންދާޒާކުރި ވަރަށް ކުރިއަރާފައި ކަމަށް ފާހަގަކުރެއްވިއެވެ.
ނަމަވެސް، މިއަހަރުގެ ފުރަތަމަ ކުއާޓަރު ނިމުނު ހިސާބުގައި މުޅި ދުނިޔޭގެ އިގްތިސާދު ގުޑުވާލީ ބޮޑު ހަނގުރާމައަކުން ކަމަށާއި، މިއީ ވޭތުވެދިޔަ ދިހަވަރަކަށް އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ މާލިއްޔާއަށް ކުރިމަތިވި ތިންވަނަ ބޮޑު ޝޮކް ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ.
މި ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ވިޔަފާރިއާއި ދަތުރުފަތުރަށް ބޮޑެތި ލޮޅުންތަކެއް އަރައި، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާއަށް އުފުލިގެންދިޔައެވެ. އަދި ވައިގެ ދަތުރުފަތުރުގެ އަގު ބޮޑުވެ، އެއާލައިންތަކުގެ ދަތުރުތައް މަދުވުމުގެ ނޭދެވޭ އަސަރު ރާއްޖޭގެ ފަތުރުވެރިކަމަށް ކުރި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ވަކިން ހާއްސަކޮށް، ޔޫރަޕުން ރާއްޖެ އަންނަ ފަތުރުވެރިން މެދުއިރުމަތީގައި ޓްރާންސިޓްކުރާ ހަބްތަކަށް ބުރޫއެޅުމުގެ ސަބަބުން، މާރިޗު އަދި އެޕްރީލް މަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 2025 ވަނަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 23 ޕަސެންޓް ދަށަށް ދިޔައެވެ. މީގެއިތުރުން، މިއަހަރުގެ އޮކްޓޫބަރު މަހުގެ 27 ގެ ނިޔަލަށް ބަލާއިރު ފަތުރުވެރިންގެ އަދަދު ވަނީ ވޭތުވެދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 3.6 ޕަސެންޓް ދަށަށް ގޮސްފައެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، 2026 ވަނަ އަހަރަށް އަންދާޒާކުރި އަދަދަށް ފަތުރުވެރިން އަންނާނެ ކަމަށް މިހާރު ނުބެލެވުނު ނަމަވެސް، 2025 ވަނަ އަހަރު ރާއްޖެ އައި ޖުމުލަ އަދަދާ ގާތްކުރާ މިންވަރަކަށް މިއަހަރު ނިމޭއިރު ފަތުރުވެރިން ޒިޔާރަތްކުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި މިފަދަ ގޮންޖެހުންތަކާ އެކުވެސް ރާއްޖޭގެ އިގްތިސާދީ ވިލުންތެރިކަން ވަރުގަދަ ކަމަށާއި، މިއަހަރަށް އަންދާޒާކުރި މިންވަރަށް ދައުލަތަށް އާމްދަނީ ލިބޭނެ ކަމަށް ބެލެވޭ ކަމަށް ވިދާޅުވިއެވެ.
މި ދަނޑިވަޅުގައި ދިމާވި އެންމެ ބޮޑު އިމްތިހާނަކީ ދައުލަތުގެ ހަރަދުތައް ބޮޑުތަނުން އުފުލިގެން ދިއުންކަން ފާހަގަކުރައްވައި ފިނޭންސް މިނިސްޓަރު ވިދާޅުވީ، ތެލުގެ އަގަށް އަންނަ ބަދަލުތަކާއެކު ދުނިޔޭގެ އެތައް ގައުމެއްގައި 24 ގަޑިއިރު ކަރަންޓު ފޯރުކޮށްނުދެވި ރައްޔިތުންނަށް ދަތިތަކާ ކުރިމަތިލާން ޖެހުނު ކަމަށެވެ. އެހެންނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން، ރައްޔިތުންގެ އާންމު ދިރިއުޅުމަށާއި ވިޔަފާރިތަކަށް ބުރޫއެޅިޔަނުދީ ހިފަހައްޓަމުން ގެންދަވަނީ ތެލުގެ އަގު އުފުލުމުގެ އަސަރު ސަރުކާރުން ކުޑަކޮށްދީގެންނެވެ.
އެގޮތުން، ރައްޔިތުންނަށް ހެޔޮއަގުގައި ކަރަންޓު ފޯރުކޮށްދިނުމަށް ދޭ ފިއުލް ސަބްސިޑީގެ ގޮތުގައި މިއަހަރު 3.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ބެލެވުނު ނަމަވެސް، ބައިނަލްއަގުވާމީ މާލީ އިދާރާތަކުން އަންނަ އަހަރު ތެލުގެ އަގު ދަށްވާނެ ކަމަށް ލަފާކުރާތީ، 2027 ވަނަ އަހަރު ފިއުލް ސަބްސިޑީގެ ހަރަދު 3.2 ބިލިއަން ރުފިޔާއަށް ދަށްކުރެވޭނެ ކަމަށް އަންދާޒާކުރެވޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
