ކ. ތިލަފުށީގައި ހުންނަ ވެމްކޯ ސައިޓުގެ ކުނިގޮނޑެއްގައި ރޭ ރޯވި އަލިފާންގަނޑު، އިތުރަށް ފެތުރިގެން ނުދާނެހެން އެމްއެންޑީއެފް އިން ކޮންޓްރޯލްކޮށްފިއެވެ.
މިކަމާ ގުޅިގެން އެމްއެންޑީއެފް އިން ބުނީ އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ތިލަފުށީ ފަޔާ ސްޓޭޝަނަށް މި ހާދިސާގެ މައުލޫމާތު ލިބިފައިވަނީ ރޭ 22:20 ހާއިރުކަމަށެވެ.
ރިޕޯޓް ލިބުމާއެކު ތިލަފުށީ ފަޔާ ސްޓޭޝަނުގެ އިތުރުން މާލެ ފަޔާ ސްޓޭޝަނުގެ ފަޔާފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފަށާފައިކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.
އެމްއެންޑީއެފް އިން ބުނީ އަލިފާންގަނޑު އިތުރަށް ފެތުރިގެން ނުދާ ވަރަށް ކޮންޓްރޯލް ކުރެވިފައިވަނީ މިއަދު 08:00 ހާއިރުކަމަށާއި، ނަމަވެސް އަލިފާނުގެ އަސަރު ކުނިތަކުގައި ހުރުމުން ފަޔާފައިޓަރުން ދަނީ އަދިވެސް އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންކަމަށެވެ.
ރޯވެފައިވަނީ ކުނިގޮނޑެއްގައި ކަމުން އެއްކޮށް އަލިފާން ނިއްވާލުމަށް އިތުރު ވަގުތު ހޭދަވާނެކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.
މި ހާދިސާއާ ގުޅޭ ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު ވީޑިއޯއިން ފެންނަ ގޮތުގައި ވަރަށް ބޮޑަށް އަލިފާންގަނޑު ރޯވެ މުޅި ސަރަހައްދަށް ވަނީ ފެތުރިފައެވެ.
