ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރު (އެމްއެންޑީއެފް)ގެ 72 ވަނަ އަދި 73 ވަނަ އަސާސީ ތަމުރީނު ކޯހުގެ ދަރިވަރުން ހުވާކުރުމާއި، ބަޑި ހަވާލުކުރުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުހައްމަދު މުއިއްޒު ޝަރަފުވެރިކޮށްދެއްވައިފިއެވެ.
ކ. ގިރިފުށީ ހެވިކަމުގެ މައިދާނުގައި މިއަދު ހަވީރު ބޭއްވި މި ހާއްސަ ރަސްމިއްޔާތުގައި، ތަމްރީނު ފުރިހަމަކުރި ސިފައިންގެ އާ ބެޗުތަކަށް ހުވާލައިދެއްވީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު ހުސައިން މަޒީދުއެވެ. އަދި ހުވާގެ ބަސްތައް އިގުރާރުވި ދަރިވަރުންނާ ރަސްމީކޮށް ބަޑި ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއެވެ.
މިކަމާ ގުޅިގެން ރައީސް އޮފީހުން ބުނީ ދިވެހި ސިފައިންގެ ހިދުމަތާ އަލަށް ގުޅޭ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގި މި ދެ ކޯސް ކުރިއަށް ގެންގޮސްފައިވަނީ 2026 މާރިޗު 7 އިން ޖޫން 11 ގެ ނިޔަލަށް ކަމަށާއި، 72 ވަނަ ބެޗުގެ ތަމްރީނުތައް ކުރިއަށްދިޔައީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް އައްޑޫ ޓްރެއިނިން ސެންޓަރުގައި ކަމަށެވެ.
އަދި 73 ވަނަ ބެޗުގެ ތަމްރީނުތައް ކުރިއަށް ގެންގޮސްފައިވަނީ ކ. ގިރިފުށީގައިކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
ރައީސް އޮފީހުން ބުނީ ހުވާކުރުމުގެ ރަސްމިއްޔާތަށްފަހު، ރައީސް ވަނީ ކ. ގިރިފުށީގެ ބިންހިއްކުމުގެ މަޝްރޫއު ކުރިއަށްދާ ސަރަހައްދަށް ވަޑައިގެން، މަސައްކަތްތައް ކުރިއަށްދާ ގޮތުގެ އެންމެ ފަހުގެ އަދާހަމަ ބައްލަވާލައްވާފައިކަމަށެވެ.
މިއީ ދިވެހި އަސްކަރިއްޔާގެ ގާބިލުކަން އިތުރުކުރުމަށް ރައީސް މުއިއްޒު ގެންގުޅުއްވާ އިސްތިރާޖީ ސިޔާސަތުގެ ދަށުން ކުރިއަށްދާ މުހިންމު މަޝްރޫއެއްަމަށާއި، މި މަޝްރޫއުގެ ދަށުން ގިރިފުށިން ބިން ހިއްކާ، ރަށުގެ ގޮނޑުދޮށް ހިމާޔަތްކޮށް، ގިރިފުށީ ބަނދަރު އަޕްގްރޭޑުކުރުމުގެ އިތުރުން ތަމްރީނުތަކަށް ބޭނުންވާ ފެންވަރު ރަނގަޅު ވަސީލަތްތައް ގާއިމްކުރާނެކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
