ގަތަރުގެ ތަރައްގީގެ ބާނީ، އަދި އެގައުމުގެ ކުރީގެ އަމީރު ޝައިޚް ހަމަދު ބިން ހަލީފާ އަލްޘާނީ، އުމުރުފުޅުން 74 އަހަރުގައި މިއަދު އަވަހާރަވެއްޖެއެވެ.

ގަތަރުގެ "ފާދަރ އެމީރު" ގެ ނަމުން ލަގަބުދެވިފައިވާ ކުރީގެ އަމީރު ޝައިޚް ހަމަދު ބިން ހަލީފާ އަލްޘާނީ އަވަހާރަވިކަން އިއުލާންކޮށްދީފައިވަނީ ގަތަރުގެ އަމީރީ ދީވާނުން ނެރުނު ބަޔާނެއްގައެވެ. އެބަޔާނުގައި އެމަނިކުފާނު އަވަހާރަވީ މިއަދު ހެނދުނުގެ ވަގުތެއްގައިކަމަށް ބަޔާންކޮށްފައިވެއެވެ. ނަމަވެސް އެމަނިކުފާނު އަވަހާރަވި ސަބަބެއް އެ ބަޔާނުގައި ހާމަކޮށްފައެއް ނުވެއެވެ.

1995 އިން 2013 އަށް ގަތަރުގެ ވެރިކަން ކުރެއްވި ޝައިޚް ހަމަދަކީ އެ ގައުމަށް މިހާރު ލިބިފައިވާ އާދަޔާހިލާފު ކުރިއެރުމާއި ތަރައްގީގެ މައިގަނޑު ބާނީއެވެ. އެމަނިކުފާނުގެ ޒައާމަތުގައި ގަތަރުގެ އިގްތިސާދީ، އިޖުތިމާޢީ އަދި ސަގާފީ ދާއިރާތަކަށް އިންގިލާބީ ބަދަލުތަކެއް ގެންނަވައި، ބައިނަލްއަގުވާމީ މައިދާނުގައި އެ ގައުމުގެ ގަދަރާއި ނުފޫޒު ވަރުގަދަކުރެއްވިއެވެ.

ޝައިޚް ހަމަދުގެ ވެރިކަމުގައި ގަތަރުގެ އެންމެ ފުރަތަމަ ދާއިމީ ދުސްތޫރު އެކުލަވައިލައްވައި، ކައުންސިލް އިންތިހާބުތައް ތައާރަފުކުރެއްވިއެވެ. މީގެ އިތުރުން، އަންހެނުންނަށް ވޯޓުލުމާއި އިންތިހާބުތަކުގައި ކުރިމަތިލުމުގެ ހައްގުވެސް އެމަނިކުފާނުގެ ދައުރުގައި ކަށަވަރުކޮށްދެއްވިއެވެ.

ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު މުބާރާތް ކަމަށްވާ ފީފާ ވޯލްޑް ކަޕް 2022 ވަނަ އަހަރު ގަތަރުގައި ބޭއްވުމުގެ މަގުފަހިކޮށްދެއްވުމުގައިވެސް ޝައިޚް ހަމަދު މުހިންމު ދައުރެއް އަދާކުރެއްވިކަމަށް ރިޕޯޓުތައް ބުނެއެވެ. އެގޮތުން އެ މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި އެމަނިކުފާނަށް ސަޕޯޓަރުންގެ ފަރާތުން ހޫނު މަރުހަބާއެއް ލިބިގެންދިޔަކަން ރިޕޯޓުތައް ބުނެއެވެ.

ޝައިޚް ހަމަދު ވެރިކަމުން އިސްތިއުފާ ދެއްވީ 2013 ވަނަ އަހަރުގައެވެ. ވެރިކަން ދޫކޮށްލެއްވުމަށްފަހު އެމަނިކުފާނު ގައުމުގެ ހިންގުން ހަވާލުކުރެއްވީ ދަރިކަލުން، އަދި މިހާރުގެ އަމީރު ޝައިޚް ތަމީމް ބިން ހަމަދު އަލްޘާނީއާއެވެ.