ގަތަރުގެ ތަރައްގީގެ ބާނީ އަދި އެ ގައުމުގެ ކުރީގެ އަމީރު ޝައިޚް ހަމަދު ބިން ހަލީފާ އަލްޘާނީ އަވަހާރަވުމާ ގުޅިގެން، އަމީރުގެ އާއިލާއަށް ތައުޒިޔާ ދެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ހެނދުނު ގަތަރަށް ފުރާވަޑައިގެންފިއެވެ.

މިއީ ގަތަރުގެ ކުރީގެ އަމީރު އަވަހާރަވުމުގެ ހިތާމައިގައި ބައިވެރިވެވަޑައިގެން، މިހާރުގެ އަމީރު އަލްޝައިޚް ތަމީމް ބިން ހަމަދު އަލްޘާނީ އަށާއި ގަތަރުގެ ޝާހީ އާއިލާއަށް އިހުތިރާމް އަދާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާ ރަސްމީ ދަތުރުފުޅެއްކަމަށް ރައީސް އޮފީހުން ހާމަކޮށްފައިވެއެވެ. ރައީސް މުއިއްޒުގެ އިތުރުން ދުނިޔޭގެ އެކި ގައުމުތަކުގެ އިސް ވެރިންނާއި އިއްޒަތްތެރިން ވެސް މި ހިތާމައިގައި ބައިވެރިވެވަޑައިގަތުމަށް ގަތަރަށް ވަޑައިގަންނަވާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ގަތަރުގެ "ފާދަރ އެމީރު" ގެ ނަމުން މަޝްހޫރުވެވަޑައިގެންފައިވާ ޝައިޚް ހަމަދު ބިން ހަލީފާ އަލްޘާނީ އަވަހާރަވީ އުމުރުފުޅުން 74 އަހަރުގައެވެ. ގަތަރުގެ އަމީރީ ދީވާނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެމަނިކުފާނު އަވަހާރަވީ އިއްޔެ ހެނދުނުގެ ވަގުތެއްގައި ކަމަށެވެ. ނަމަވެސް އަވަހާރަވި ސަބަބެއް އެ ބަޔާނުގައި ހާމަކޮށްފައެއް ނުވެއެވެ. އެމަނިކުފާނުގެ ކަށުނަމާދު އޮތީ އިއްޔެ މަގުރިބު ނަމާދަށްފަހު، ގަތަރުގެ ވެރިރަށް ދޯހާގައި ހުންނަ އިމާމް މުހައްމަދު އިބްން އަބްދުލްވައްހާބް މިސްކިތުގައެވެ. ވަރަށް އާދައިގެ ގޮތަކަށް ބޭއްވުނު މި ޖަނާޒާގައި ޝާހީ އާއިލާގެ ބޭފުޅުންނާއި ގިނަ އަދަދެއްގެ އާންމުން ބައިވެރިވިއެވެ.

ގަތަރުގެ ޝައިޚް ހަމަދު ބިން ހަލީފާ އަލްޘާނީ ގެ މައްޗަށް ކުރެވުނު ކަށުނަމާދު

1995 އިން 2013 އަށް ގަތަރުގެ ވެރިކަން ކުރެއްވި ޝައިޚް ހަމަދަކީ އެ ގައުމަށް މިހާރު ލިބިފައިވާ އާދަޔާހިލާފު ކުރިއެރުމާއި ތަރައްގީގެ މައިގަނޑު ބާނީއެވެ. އެމަނިކުފާނުގެ ޒައާމަތުގައި ގަތަރުގެ އިގްތިސާދީ، އިޖުތިމާޢީ އަދި ސަގާފީ ދާއިރާތަކަށް އިންގިލާބީ ބަދަލުތަކެއް ގެންނަވައި، ބައިނަލްއަގުވާމީ މައިދާނުގައި އެ ގައުމުގެ ގަދަރާއި ނުފޫޒު ވަރުގަދަކުރެއްވިއެވެ.

ޝައިޚް ހަމަދުގެ ވެރިކަމުގައި ގަތަރުގެ އެންމެ ފުރަތަމަ ދާއިމީ ދުސްތޫރު އެކުލަވައިލައްވައި، ކައުންސިލް އިންތިހާބުތައް ތައާރަފުކުރެއްވިއެވެ. މީގެ އިތުރުން، އަންހެނުންނަށް ވޯޓުލުމާއި އިންތިހާބުތަކުގައި ކުރިމަތިލުމުގެ ހައްގުވެސް އެމަނިކުފާނުގެ ދައުރުގައި ކަށަވަރުކޮށްދެއްވިއެވެ. އަދި 2022 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ގަތަރުގައި ބޭއްވުމުގެ މުހިންމު ބިންގާ އެޅުއްވީވެސް އެމަނިކުފާނުގެ ހިކުމަތްތެރި ރޭވުންތެރިކަމުގެ ދަށުންނެވެ.

ޝައިޚް ހަމަދު ވެރިކަމުން އިސްތިއުފާ ދެއްވީ 2013 ވަނަ އަހަރުގައެވެ. ވެރިކަން ދޫކޮށްލެއްވުމަށްފަހު އެމަނިކުފާނު ގައުމުގެ ހިންގުން ހަވާލުކުރެއްވީ ދަރިކަލުން، އަދި މިހާރުގެ އަމީރު ޝައިޚް ތަމީމް ބިން ހަމަދު އަލްޘާނީއާއެވެ.