ގަތަރުގެ އަމީރު، ތަމީމް ބިން ހަމަދު އާލް ޘާނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއާ ބައްދަލުކުރައްވައިފިއެވެ.
މިއަދު މެންދުރުފަހު ގަތަރުގެ ވެރިރަށް ދޯހާގައި ހުންނަ ލޫސައިލް ގަނޑުވަރުގައި ކުރިއަށްގެންދިޔަ މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ގަތަރުގެ ކުރީގެ އަމީރު، ހަމަދު ބިން ހަލީފާ އާލް ޘާނީ އަވަހާރަވުމާ ގުޅިގެން، ދިވެހި ރައްޔިތުންގެ ނަމުގައްޔާއި އެމަނިކުފާނުގެ އަމިއްލަފުޅު ނަންފުޅުގައި ގަތަރުގެ އަމީރަށާއި އެ ގައުމުގެ ރައްޔިތުންނަށް އިހްލާސްތެރި ތައުޒިޔާ ވިދާޅުވެފައެވެ.
މި ބައްދަލުވުމުގައި ދެ ބޭފުޅުން ވަނީ ދިވެހިރާއްޖެއާއި ގަތަރާ ދެމެދު އޮންނަ ޒަމާންވީ ގުޅުމާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ. އަދި ދެ ގައުމުގެ ދެމެދުގައި އޮތް ބަދަހި ގުޅުން ކުރިމަގުގައި އިތުރަށް ހަރުދަނާކޮށް، ތަރައްގީގެ އެކި ދާއިރާތަކުން އެއްބާރުލުން ދިނުމާ ގުޅޭ ގޮތުން ދެ ބޭފުޅުން ވެސް ވާހަކަފުޅު ދައްކަވާފައި ވެއެވެ.
ރައީސް މުއިއްޒު ގަތަރަށް ކުރައްވާ މި ދަތުރުފުޅަކީ، ގަތަރުގެ ކުރީގެ އަމީރު ރާއްޖެއަށް ދެއްވާފައިވާ ފާހަގަކޮށްލެވޭފަދަ އެހީތެރިކަމާއި ބަހައްޓަވާފައިވާ ގާތްކަން ރަމްޒުކޮށްދޭ މުހިންމު ދަތުރުފުޅެކެވެ. އެ ގައުމުގެ ކުރީގެ އަމީރު ހަމަދު ބިން ހަލީފާ އާލް ޘާނީއަކީ ދެ ގައުމުގެ ގުޅުން ބަދަހިކުރެއްވުމުގައި ވަރަށް އިސް ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ.
އެމަނިކުފާނުގެ ޒައާމަތުގައި ރާއްޖެއަށް ކޮށްދެއްވާފައިވާ ބައެއް މުހިންމު ކަންތައްތަކުގެ ތެރޭގައި، ދުނިޔޭގެ މަޝްހޫރު އެއަރލައިން "ގަތަރު އެއާވޭޒް" އިން ރާއްޖެއަށް ދަތުރުތައް ފެށުމާއި، ލ. އަތޮޅުގައި ހަމަދު ބިން ހަލީފާ އަލް ޘާނީ ސްކޫލު ބިނާކުރެއްވުން ހިމެނެއެވެ. މީގެ އިތުރުން، ހުޅުމާލޭގައި ބިނާކޮށްފައިވާ މަސްޖިދުއްޝައިހް ގާސިމް ބިން އަލް ޘާނީ އަކީވެސް ދެ ގައުމުގެ ގާތް ގުޅުން ރަމްޒުކޮށްދޭ މުހިންމު ބިނާއެކެވެ.
ޝައިޚް ހަމަދު ބިން ހަލީފާ އަލް ޘާނީ އަވަހާރަވީ އާދީއްތަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. އެމަނިކުފާނުގެ ކަށުނަމާދު އެ ދުވަހުގެ މަޣްރިބު ނަމާދަށްފަހު ދޯހާގެ އިމާމް މުހައްމަދު އިބްން އަބްދުލްވައްހާބް މިސްކިތުގައެވެ.
ގަތަރުގެ ކުރީގެ އަމީރު އަވަހާރަވުމުގެ ހިތާމައިގައި، ދިވެހި ގައުމީ ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށްވެސް ރައީސް ނިންމަވާފައި ވެއެވެ. އެގޮތުން ދިވެހި ގައުމީ ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ހަމަޖެހިފައިވަނީ 2026 ޖުލައި 13 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 އިން ފެށިގެން 2026 ޖުލައި 14 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 ގެ ނިޔަލަށެވެ.
1995 އިން 2013 އަށް ގަތަރުގެ ވެރިކަން ކުރެއްވި ޝައިޚް ހަމަދަކީ އެ ގައުމުގެ އިގްތިސާދީ އަދި އިޖުތިމާއީ ތަރައްގީގެ މައިގަނޑު ބާނީއެވެ. އެމަނިކުފާނުގެ ޒަޢާމަތުގައި ގަތަރަކީ ބައިނަލްއަގްވާމީ މައިދާނުގައި ނުފޫޒުގަދަ، ކުރިއަރާފައިވާ ގައުމަކަށް ހެއްދެވުމަށް ގިނަގުނަ މަސައްކަތްޕުޅުތަކެއް ކުރެއްވިއެވެ. އެމަނިކުފާނު ވެރިކަމުން އިސްތިއުފާ ދެއްވުމަށްފަހު، ގައުމުގެ ހިންގުން ދަރިކަލުން ޝައިޚް ތަމީމާ ހަވާލުކުރެއްވީ 2013 ވަނަ އަހަރުގައެވެ.
