އެފްރިކާގެ ބައެއް ގައުމުތަކުގައި ހަލުވިކަމާއެކު އެބޯލާ ރޯގާ ފެތުރެމުންދާތީ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އިންޑިއާއަށް ދަތުރުކުރާ ހުރިހާ ފަސިންޖަރުން "ހެލްތު ސެލްފް ޑިކްލަރޭޝަން" ފޯމު އޮންލައިންކޮށް ހުށަހަޅަންޖެހޭ ގޮތަށް އިންޑިއާ ސަރުކާރުން ހަމަޖައްސައިފިއެވެ.

އިންޑިއާގެ މިނިސްޓްރީ އޮފް ސިވިލް އޭވިއޭޝަނުން ބުނި ގޮތުގައި، "އެއާ ސުވިދާ 2.0" ޕޯޓަލް މެދުވެރިކޮށް ބައިނަލްއަގުވާމީ ހުރިހާ ދަތުރުވެރިން ފްލައިޓަށް އެރުމުގެ 24 ގަޑިއިރު ކުރިން މި ފޯމު ފުރިހަމަކުރަން ޖެހޭނެއެވެ. މީގެ ތެރޭގައި އިންޑިއާގެ ރައްޔިތުންވެސް ހިމެނެއެވެ.

ފޯމުގައި ހިމަނަންޖެހޭ މައިގަނޑު މައުލޫމާތުތަކުގެ ތެރޭގައި ވޭތުވެދިޔަ 21 ދުވަހުގެ ތެރޭގައި ދަތުރުކޮށްފައިވާ ގައުމުތަކާއި ތާރީހުތައް ހިމެނެއެވެ. އަދި އެބޯލާ ފެތުރޭ ސަރަހައްދަކަށް ގޮސްފައިވޭތޯ ނުވަތަ އެފަދަ މާހައުލަކަށް ހުށަހެޅިފައިވޭތޯ އާއި ހުން އައުމާއި، ގައިގައި ރިއްސުން ނުވަތަ ލޭއައުން ފަދަ ބަލީގެ އެއްވެސް އަލާމާތެއް ހުރިތޯ ސާފުކޮށްދޭންޖެހެއެވެ.

އޮންލައިންކޮށް ފޯމު ހުށަހެޅުމަށްފަހު އެ ފޯމު ޑައުންލޯޑްކޮށް، އިންޑިއާއަށް އެތެރެވާއިރު އިމިގްރޭޝަން ކައުންޓަރަށް ނުވަތަ ހެލްތު ޑެސްކަށް ދައްކަންޖެހޭނެއެވެ. މިއާއެކު، ކުރިންވެސް ހުށަހަޅަންޖެހޭ އީ އެރައިވަލް ކާޑުވެސް އޮންލައިންކޮށް ހުށަހަޅަންޖެހޭނެއެވެ.

މި ފިޔަވަޅު އަޅާފައިވަނީ ސެންޓްރަލް އެފްރިކާގައި ފެތުރެމުންދާ އެބޯލާގެ އާ ސްޓްރެއިންއަކާ ގުޅިގެން، ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ އިން ބައިނަލްއަގުވާމީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތެއް އިއުލާނުކުރުމާ ގުޅިގެންނެވެ. މި ބަލި އެންމެ ބޮޑަށް ފެތުރެމުންދަނީ މެދުތެރޭ އެފްރިކާގަ އެވެ.