ޖަރާސީމުގެ އަސަރު ހުރި ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮޓޯރިޓީ (އެމްއެފްޑީއޭ) ގެ ޓެސްޓުތަކުން ދެއްކި ހޭންޑީ ވޯޓާގެ ބިއްލޫރިފުޅިތަކުގެ ރައްކާތެރިކަން ކަށަވަރުކޮށްފައިވާ ކަމަށް އެ އޮތޯރިޓީން ބުނެފިއެވެ.

ހޭންޑީ ވޯޓާ ބޮޓްލިން ޕްލާންޓުން އުފައްދާ ހޭންޑީ ވޯޓާގެ 330 މިލިލީޓަރާއި ބައި ލީޓަރާއި އެއް ލީޓަރުގެ ފެން ބިއްލޫރި ފުޅިތަކުން ފެނިގެން ނުވާނެ ޖަރާސީމުތައް ފެނިގެން އެ ފެން ބޭނުން ނުކުރުމަށް އެމްއެފްޑީއޭއިން އެންގީ މިދިޔަ ފެބްރުއަރީ މަހުއެވެ. އަދި ވަކި ގޮތެއް އަންގަންދެން ހޭންޑީ ވޯޓާގެ ބިއްލޫރި ފުޅިތަކުގައި ބަންދުކޮށްފައިވާ ފެން ބޭނުން ނުކުރުމަށް އޭރު އަންގާފައި ވެއެވެ.

އެކަމާ ގުޅިގެން ހޭންޑީ ވޯޓާ އުފައްދަމުންދާ ހޭންޑީ އެންޓަޕްރައިސަސްއިން ނެރުނު ބަޔާނެއްގައި އޭރު ބުނީ، ފަދަ މައްސަލައެއް މެދުވެރިވި ސަބަބު ދެނެގަނެ، އެކަން ތަކުރާރުވިޔަ ނުދިނުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވާ ކަމަށެވެ. އަދި މައްސަލަ ދިމާވި ބެޗުތައް ލަސްކުރުމެއް ނެތި ވިއްކާފައިވާ އެންމެހާ ފުޅިތައް އަނބުރާ ގެންގޮސްފައި ވެސް ވެއެވެ.

އެކަމާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރަމުން އެމްއެފްޑީއޭއިން މިއަދު ބުނީ، ހޭންޑީ ވޯޓާ ބޮޓްލިން ޕްލާންޓުން އުފައްދާ ހޭންޑީ ވޯޓާގެ ބިއްލޫރި ފުޅިތަކުގައި ބަންދުކޮށްފައިވާ ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްފަހު އެ ފެން ތަހުލީލުކޮށްފައިވާ ކަމަށެވެ. އަދި ތަހުލީލިތަކުގެ ނަތީޖާ ދައްކާ ގޮތުން އެ ފެނަކީ ސިއްހަތާ ބެހޭ ޖަމިއްޔާގެ ބޯފެނުގެ މިންގަނޑުތަކަށް ފެތޭ ފެނެއް ކަމަށް އެ އޮތޯރިޓީން ބުނެފައި ވެއެވެ.

ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހަދަންޖެހޭ ތަހުލީލިތައް ހެދުމަށްފަހު މިންގަޑުތަކަށް ނުފެދޭ އެކި ކާބޯތަކެތި މީގެ ކުރިން ވެސް އެމްއެފްޑީއޭއިން ވިއްކުން މަނާ ކޮށްފައި ވެއެވެ.