ކާބޯތަކެއްޗަކީ ސިއްހީ އެތައް މަންފާތަކެއް ލިބިގެންދާނެ އެއްޗެއް ކަމަށް ދޭހަވާ ގޮތަށް، އަދި ލެބޯޓަރީތަކުން ދޫކުރާ ތަހުލީލު ރިޕޯޓުތައް ހިމަނައިގެން ދިވެހިރާއްޖޭގައި އުފައްދާ ވިއްކާ ކާބޯތަކެތި އިސްތިހާރުކުރަމުންދާކަން ފާހަގަކުރެވިފައިވާތީ، އެކަމަށް އާންމުންނަށް ހޭލުންތެރިވުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އިލްތިމާސްކޮށްފިއެވެ.

މިކަމާ ގުޅިގެން އެމްއެފްޑީއޭ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކާބޯތަކެތި އިސްތިހާރުކުރުމުގައި ކާބޯތަކެތި ތަހުލީލުކުރާ ލެބޯޓަރީއަކުން ދޫކުރާ ރިޕޯޓެއް، ނުވަތަ ރިފަރަލް ލެބޯޓަރީއަކުން ދޫކޮށްފައިވާ "ސެޓްފިކެޓް އޮފް އެނަލައިސިސް" އެއް ނުވަތަ އެއިން ލިޔުމެއްގެ އެއްވެސް ބައެއް އިޝްތިހާރުތަކުގައި ބޭނުންކުރުމަކީ "ކާބޯތަކެތި އިސްތިހާރުކުރުމާބެހޭ ގަވާއިދު" ގެ 13 ވަނަ މާއްދާގެ (ހ) ގެ ދަށުން މަނާކަމެއްކަމަށެވެ.

މީގެއިތުރުން އެކި ބަލިތަކަށް ޝިފާ ލިބޭނެ ކަމަށް ނުވަތަ އިންސާނާގެ ހަށިގަނޑަށް ވަކި ހާއްސަ ބަދަލެއް ގެނެސްދޭނެ ކަމަށް ދޭހަވާ ގޮތަށް ބާޒާރުގައި މާކެޓުކުރުމަކީ ވެސް މަނާކަމެއްކަމަށް އެ އޮތޯރިޓީން ވަނީ ބުނެފައެވެ.

ބަލިތަކަށް ފަރުވާ ލިބޭކަމަށް ނުވަތަ ހަށިގަނޑަށް އެދެވޭ ބަދަލުތަކެއް ގެނެސްދޭކަމަށް ދައްކައިގެން ތައްޔާރުކޮށް، އުފައްދާ އަދި އިސްތިހާރުކުރާ ކާބޯތަކެތީގައި ހިމަނާ ސިއްހީ މައުލޫމާތަކީ އިލްމީ ދިރާސާތަކުން ސާބިތުވެފައިވާ ތެދު މައުލޫމާތަކަށް ވާންޖެހޭނެއެވެ.

ނަމަވެސް، ރާއްޖޭގެ ބާޒާރުގައި ވިއްކަން ހުންނަ މިފަދަ ގިނަ އުފެއްދުންތަކަކީ އޭގެ ސިއްހީ ފައިދާ އިލްމީ ގޮތުން ކަށަވަރުކުރެވިފައިވާ ތަކެތި ނޫންކަން ފާހަގަކުރެވޭތީ، މިފަދަ ތަކެތި ބޭނުންކުރުމުގައި އާންމު ރައްޔިތުން އިތުރަށް ސަމާލުވެ ރައްކާތެރިވުމަށް އެމްއެފްޑީއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ.