ކެންސަރު ބަލީގެ ފަރުވާއަށް ބޭނުންކުރާ އިންޖެކްޝަނެއްގެ އަސްލު ނޫން އިންޖެކްޝަނެއް ރާއްޖެއަށް އެތެރެކޮށް ވިއްކާ ބޭނުން ކުރުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މަނާ ކޮށްފިއެވެ.

އެމްއެފްޑީއޭއިން ނެރުނު ސަމާލެއްގައި ބުނީ، ކެންސަރު ބަލީގެ ފަރުވާއަށް ބޭނުންކުރާ އޮޕްޑިވޯ ބްރޭންޑުގެ ނުވޮލިޔުމެބްގެ 10 މިލިލީޓަރުގެ ބެޗު ނަންބަރު، 8081399 ގެ އިންޖެކްޝަނެއް އަސްލާ އެއްގޮތަށް ތައްޔާރުކޮށްގެން ރާއްޖެއަށް އެތެރެކޮށްފައިވާކަން ކަށަވަރު ކުރެވިފައިވާ ކަމަށެވެ.

ނަމަވެސް އެއީ އަސްލު ނޫން ބޭހެއްކަމުން އެ އޮތޯރިޓީން ވަނީ އެ ބޭސް ބޭނުން ކުރުން މަނާކޮށްފައެވެ. "ނުވޮލިޔުމެބްގެ އެ ބެޗުގެ ބޭސް އެއްވެސް ގޮތަކަށް ރާއްޖެއަށް އެތެރެކޮށް ވިއްކާ އަދި ބޭނުންކުރުމަކީ މަނާކަމެއް" އެމްއެފްޑީއޭގެ ބަޔާނުގައި ވެއެވެ.

ދާދި ފަހުން ވެސް ޑަބްލިއުއެޗްއޯއިން ވަނީ ކެންސަރަށް ފަރުވާ ކުރުމަށް ބޭނުންކުރާ "ޑާޒަލެކްސް" ނަމަކަށް ކިޔާ ބޭހެއްގެ ފޭކް ބެޗްތަކެއް ރާއްޖެއިން ފެނިގެން އެކަމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.

"ޑާޒަލެކްސް" އަކީ ކަށީގެ މަދުގެ ކެންސަރުގެ ބާވަތެއް ކަމަށްވާ "މަލްޓިޕަލް މައިލޯމާ" އާއި ލޭގެ ބައްޔެއް ކަމަށްވާ "އެމިލޮއިޑޯސިސް" އަށް ފަރުވާ ކުރުމަށް ބޭނުންކުރާ އެންޓިބޮޑީއެކެވެ.