ހުޅުމާލޭގައި ޓޭކްއަވޭގެ ހިދުމަތް ދެމުންދާ ވިޔަފާރިވެރިން، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އެކުލަވާލާފައިވާ "ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ ގަވާއިދަށް" އަހުލުވެރިކުރުމުގެ ގޮތުން ހާއްސަ މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
އެޗްޑީސީ އާއި އެމްއެފްޑީއޭ ގުޅިގެން އިއްޔެ ހުޅުމާލޭ ފަހިވެނި ކޮމިއުނިޓީ ސެންޓަރުގައި ކުރިއަށްގެންދިޔަ މި ސެޝަން އަމާޒުކޮށްފައިވަނީ ހުޅުމާލޭގައި ވިޔަފާރި އުސޫލުން ޓޭކްއެވޭ ހިދުމަތް ދިނުމުގެ ހުއްދަ ދީފައިވާ ފަރާތްތަކަށެވެ. ދެ ގަޑިއިރަށް ކުރިއަށްދިޔަ މި ސެޝަންގައި މައުލޫމާތު ދެއްވާފައިވަނީ އެމްއެފްޑީއޭގެ ޓެކްނިކަލް މުވައްޒަފުންނެވެ.
މި އަހަރުގެ ޖޫން 9 ވަނަ ދުވަހު ގެޒެޓުކޮށްފައިވާ ގަވާއިދު ނަންބަރު 2026/R-52 "ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ ގަވާއިދަށް" އަމަލުކުރަން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ޑިސެމްބަރު މަހުގެ 9 ވަނަ ދުވަހުން ފެށިގެންނެވެ.
މިކަމާ ގުޅިގެން އެޗްޑީސީން ބުނީ މި ސެޝަންގެ މައިގަނޑު މަގުސަދަކީ ގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން، ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގައި ހިފަހައްޓަންޖެހޭ މިންގަނޑުތަކަށް ވިޔަފާރިވެރިން އަހުލުވެރިކުރުވައި، ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުންކަމަށެވެ.
އާ ގަވާއިދުގެ ދަށުން ކާބޯތަކެތީގެ ސާފުތާހިރުކަމާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ޓަކައި ބަންދުކުރުމުގައި ސަމާލުކަން ދޭންޖެހޭ ކަންކަން ވަނީ ކަނޑައަޅާފައިކަމަށާއި، ކާބޯތަކެތީގައި އެއީ ކޮން ބާވަތެއްގެ އެއްޗެއްކަމާއި، ބޭނުންކުރެވޭނެ އެންމެ ފަހުގެ ތާރީހު (އެކްސްޕައިރީ ޑޭޓް) ފަދަ މުހިންމު މައުލޫމާތުތައް ސާފުކޮށް ލޭބަލްކުރުން ލާޒިމުކޮށްފައިވާކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.
އެޗްޑީސީން ވަނީ ހުޅުމާލޭގައި ވިޔަފާރިކުރާ އެންމެހާ ފަރާތްތަކުން މި ގަވާއިދުގައިވާ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އިލްތިމާސްކޮށްފައެވެ.
އަދި ހުޅުމާލޭގައި ވިޔަފާރިތަކަށް ފަހި މާހައުލެއް ގާއިމުކޮށްދީ، އިތުރު ފުރުސަތުތައް ހޯދައިދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ވެސް އެ ކޯޕަރޭޝަނުން ފާހަގަކުރެއެވެ.
