އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ހިދުމަތްތައް އިތުރަށް ފުޅާކޮށް، އެތަނުގެ ފުރަތަމަ ފަންގިފިލާ ރަސްމީކޮށް ހުޅުވައިފިއެވެ.
މި ފަންގިފިލާ ހުޅުވުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ. މި ހަފްލާގައި އެސްޓީއޯގެ ބޯޑު މެންބަރުންނާ، އެކްސްކޯ މެންބަރުންގެ އިތުރުން ސަޕްލަޔަރުންނާއި ކްލައިންޓުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފުރަތަމަ ފަންގިފިލާ ހާއްސަ ކުރެވިފައިވަނީ ހޯމް އިމްޕްރޫވްމަންޓް ސާމާނުގެ އިތުރުން ގޭތެރެ ޒީނަތްތެރިކުރުމަށް ބޭނުންވާ ހޯމް ޑެކޯ އައިޓަމް ތަކަށެވެ. އެސްޓީއޯއިން މިވަގުތު ވިއްކަމުން ގެންދާ ބްރޭންޑްތައް ކަމުގައިވާ ފިލިޕްސް، ރަސެލްހޮބްސް، އެލްޖީޓިވީ އަދި ޑައިސަންގެ ތަފާތު ގިނަ ޕްރޮޑަކްޓްތަކެއް މި ފަންގިފިލާގައި ލިބެން ހުންނާނެއެވެ. މި ފަންގިފިލާ ހުޅުވިގެން ދިއުމާއިއެކު، ޗައިނާގެ މަޝްހޫރު ބްރޭންޑެއް ކަމުގައިވާ ސުންމީ ބްރޭންޑްގެ ޕްރޮޑަކްޓްތައް ވެސް ބާޒާރަށް ވަނީ ތައާރަފް ކޮށްފައެވެ.
މީގެ އިތުރުން ޕްރޮކިޔޯ ޕްލަސް އަދި ޕީކަބޫގެ އައުޓްލެޓްތަކުގެ ހާއްސަ ޑިސްޕްލޭ ޒޯނެއް މި ފަންގިފިލާގައި ހިމެނެއެވެ. ދިވެހިންގެ މެދުގައި މަގުބޫލު ކޮފީ ބީންސް އެންޑް ޓީ ލީވްސްގެ އައުޓްލެޓެއް ވަރަށް އަވަހަށް މި ފަންގިފިލާގައި ހުޅުވުމަށް ހަމަޖެހިފައިވާ ކަމަށް އެސްޓިއޯ އިން ވަނީ ބުނެފައެވެ. މި ފަންގިފިލާ ހާއްސަ ކުރެވިވައިވާނީ އާއިލާއާއި އެކު ވިޔަފާރި ކުރުމަށް ބޭނުންވާ ފަރާތްތަކަށް ފަސޭހަ ވާނެ ގޮތަށް، ތުއްތު ކުދިންނަށް ހާއްސަ ކިޑްސް ކޯނާ އެއްވެސް އެކުލެވޭ ގޮތަށްކަމަށް އެސްޓިއޯ އިން ވަނީ ބުނެފައެވެ.
މި ފަންގިފިލާ ހުޅުވިގެން ދިއުމާއިއެކު ކަސްޓަމަރުންނަށް ހިތްގައިމު މާހައުލެއްގައި ހިތްފަސޭހަ ކަމާއިއެކު ވިޔަފާރި ކުރުމުގެ ފުރުސަތު ލިބިގެންދާނެކަމަށް އެސްޓިއޯ އިން ވަނީ ބުނެފައެވެ. އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފުރަތަމަ ފަންގިފިލާ މި ފެށޭ ހުކުރު ދުވަހުން ފެށިގެން އާއްމުންނަށް ވިޔަފާރި ކުރުމަށް ހުޅުވިގެންދާނެއެވެ.
