މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން، ރާއްޖޭގެ މާލީ އަދި އިގްތިސާދީ ހާލަތަށް އަތުވެދާނެ ބަދަލުތައް ވަރަށް ގާތުން ބަލަމުން އަންނަކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.
މިނިސްޓްރީން ރޭ ނެރުނު ބަޔާނެއްގައި ބުނީ މި ހާލަތުގެ ސަބަބުން ދިވެހިރާއްޖެއަށް ކުރިމަތިވެދާނެ ހިރާސްތަކަށް ތައްޔާރުވުމަށާއި އަވަސް ފިޔަވަޅުތައް އެޅުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކާއި ގުޅިގެން، މެދުކެނޑުމެއްނެތި ކުރަމުންދާނެ ކަމަށެވެ.
މީގެ އިތުރުން މިނިސްޓްރީގެ ބަޔާނުގައި ބުނީ ރާއްޖެއަށް ބޭނުންވާ ތެޔޮ މައިގަނޑު ގޮތެއްގައި އެތެރެކުރަނީ އޮމާން މެދުވެރިކޮށް ކަމަށެވެ. އެހެންކަމުން ތެޔޮ ފޯރުކޮށްދިނުމުގެ ނިޒާމަށް ކުރިމަތިވެދާނެ ގޮންޖެހުންތައް ދެނެގަނެ، ތެލުގެ ސަޕްލައި މެދުނުކެނޑި ފޯރުކޮށްދިނުމަށްޓަކައި ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން އާ ގުޅިގެން ފިޔަވަޅުތައް އަޅަމުން އަންނަކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
ރާއްޖޭގެ އިގްތިސާދު ބިނާވެފައިވަނީ ފަތުރުވެރިކަމުގެ ދާއިރާގެ މައްޗަށްކަން ފާހަގަކޮށް މި ބަޔާނުގައިވަނީ، މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ސަބަބުން ފަތުރުވެރިން އަންނަ މިންވަރަށާ، ބައިނަލްއަގުވާމީ ދަތުރުފަތުރުގެ ނިޒާމަށް ކޮށްފާނެ އަސަރުތައް ދިރާސާކުރަމުން އަންނަ ކަމަށެވެ. މި ދިރާސާތަކުގެ އަލީގައި، ރާއްޖޭގެ މެކްރޯ-އިކޮނޮމިކް ހަމަޖެހުން ދެމެހެއްޓުމަށާ، އާންމު ހިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމަށްޓަކައި، މާލީ ސިޔާސަތުތަކަށް ގެންނަންޖެހޭ ބަދަލުތައް ހާލަތާ އެކަށީގެންވާ ގޮތެއްގައި ގެނައުމަށް ރާވާފައިވާކަން މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.
މީގެ އިތުރުން މިނިސްޓްރީން ވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އިން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖޭގެ ރިޒާވް މިވަގުތު ހިފެހެއްޓިފައިހުރީ މީގެ ކުރީން ރިޒާވް މަތިނުވާ މިންވަރެެއްގައި ކަން ފާހަގަކޮށްފައެވެ. އަދި މިއީ ބޭރު ދުނިޔެއިން ކުރިމަތިވާ އިގްތިސާދީ ލޮޅުންތަކުން އަރައިގަތުމަށާ، މުދާ އިމްޕޯޓް ކުރުމަށް ބޭނުންވާ ފައިސާ ހަމަޖެއްސުމަށާ، އިގްތިސާދީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ހަރުދަނާކަމާއެކު ތަންފީޒުކުރުމަށް ސަރުކާރަށް ބޮޑު ބާރަކަށް ވެގެންދާނެކަން މި ބަޔާނުގައިވަނީ ފާހަގަކޮށްފައެވެ.
ދައުލަތުގެ މާލީ ނިޒާމު ހަރުދަނާކޮށް ބެލެހެއްޓުމަށާއި، ގައުމުގެ އިގްތިސާދީ ހަމަޖެހުން ދެމެހެއްޓުމަކީ އެ މިނިސްޓްރީން އަބަދުވެސް އިސްކަންދޭނެކަމެއްކަން ފާހަގަކޮށް މި ބަޔާނުގައިވަނީ މި ދަނޑިވަޅުގައި ރާއްޖޭގެ މާލީ ދާއިރާގެ ހަމަޖެހުން ހިފަހައްޓައި، އިގްތިސާދީ އިތުބާރު ދެމެހެއްޓުމަށްޓަކައި އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް ސަރުކާރުން އަޅަމުންދާނެ ކަމަށެވެ.
