ނޭޝަނަލް ސާވިސް އިނީޝިއަލް ޓްރޭނިންގެ ދެވަނަ ބެޗުން 343 ދަރިވަރުން ކޯސް ފުރިހަމަކޮށް ދަސްވެނިވެއްޖެއެވެ.
މިކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ދަސްވެނިނި ހުރިހާ ދަރިވަރުންނަށް މަރުހަބާ ވިދާޅުވެފައެވެ.
ރައީސް ވިދާޅުވީ މި ފަހަރުގެ ބެޗްގައި ރާއްޖޭގެ 112 ރަށަކުން ޖުމްލަ 343 ޒުވާނުން ދަސްވެނިވެފައިވާކަމަށާއި، މީގެ ތެރޭގައި ހިމެނެނީ 280 ފިރިހެން އަދި 63 އަންހެން ބައިވެރިންކަމަށެވެ. އުމުރުގެ ގޮތުން ބަލާއިރު 18 އަހަރުން ދަށުގެ 113 ކުދިން މި ޕްރޮގްރާމް ފުރިހަމަ ކޮށްފައިވާކަމަށާއި އަދި 18 އަހަރުން މަތީގެ 230 ޒުވާނުން ހިމެނިފައިވާކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
މި ޕްރޮގްރާމަކީ، ސިފައިންގެ އެންމެ މަތީ ވެރިޔާ ރައީސް މުއިއްޒުގެ ހާއްސަ އިސްނެންގެވުމުގެ މަތިން، ތަމްރީނާއި ތަރުބިއްޔަތު ލިބިފައިވާ ހަރުދަނާ ޒުވާން ޖީލެއް ބިނާކުރުމަށް އިސްކަންދީގެން ހިންގުމަށް ހަމަޖެހިފައިވާ ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ.
ދިވެހި ވަތަނީ ހިދުމަތުގެ މަގުސަދުތަކުގެ ތެރޭގައި، ދިވެހި ޒުވާނުންގެ މެދުގައި ގައުމިއްޔަތުގެ ރޫހު ދިރުވައި އާލާކުރުމާއި، އިސްލާމްދީނަށް ލޯބިކުރާ ރައްޔިތެއް ބިނާކުރުމުގެ އިތުރުން ރާއްޖެއަށް ކުރިމަތިވާ ބޮޑެތި ނުރައްކާތަކާއި ކާރިސާތަކުގައި ގައުމީ ހިދުމަތަށް ސާބިތުކަމާ އެކު ކުރިމަތިލާނެ ރައްޔިތެއް ބިނާކުރުން ހިމެނޭ ކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.
ކުރިއަށް އޮތް ހަަތަރު އަހަރު، ކޮންމެ އަހަރަކު 1000 ކުދިން ތަމްރީނު ކުރުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ.
މި ޓްރެއިނިންގެ ފުރަތަމަ ކޯސް ފުރިހަމަކޮށް 344 ދަރިވަރުން ދަސްވެނިވެފައިވާއިރު، ޓްރެއިނިން ފުރިހަމަކުރާ ދަރިވަރުންނަށް ނޭޝަނަލް ސާވިސް އިނީޝިއަލް ޓްރެއިނިން ފުރިހަމަކުރިކަމުގެ ސެޓްފިކެޓާއި، ސެޓްފިކެޓް 3 އިން ސިވިލް އެޑިއެކޭޝަން އަދި ކޮމިއުނިޓީ ވޮލަންޓިއާގެ އިތުރުން ފަޔާ ފައިޓާ އަދި ބޭސިކް ފަސްޓް އެއިޑް ސެޓްފިކެޓާއި ޕިއާ އެޑިއުކޭޝަން ޓްރެއިނިން ޕްރޮގްރާމު ފުރިހަމަ ކުރިކަމުގެ ސެޓްފިކެޓް ދެވޭނެ ކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.
